Roadha Mihaaru
ޔާމީންގެ އެއްމިލިއަން ޑޮލަރުގެ މައްސަލަ މަޑުޖައްސާލައިފި

ޔާމީންގެ އެއް މިލިއަން ޑޮލަރު ހޯދުމުގެ މައްސަލަ މަޑުޖައްސާލަން ހައި ކޯޓުން އަމުރުކޮށްފި

26 މެއި 2024

ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާ އެކު ހަދާފައިވާ އެސްކްރޯ އެކައުންޓްގައި ބަހައްޓާފައި ހުރި ޔާމީންގެ އެއް މިލިއަން ޑޮލަރު (15 މިލިއަން ރުފިޔާ) ހޯދުމަށް އެމަނިކުފާނު ދައުވާ ކުރައްވާ މައްސަލާގެ ޝަރީއަތް މަޑުޖައްސާލަން ހައި ކޯޓުން މިއަދު އަމުރުކޮށްފި އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާ އެކު ހަދާފައިވާ އެސްކްރޯ އެކައުންޓްގައި ބަހައްޓާފައި ހުރި ޔާމީންގެ އެއް މިލިއަން ޑޮލަރު (15 މިލިއަން ރުފިޔާ) ހޯދުމަށް އެމަނިކުފާނު ދައުވާ ކުރައްވާ މައްސަލާގެ ޝަރީއަތް މަޑުޖައްސާލަން ހައި ކޯޓުން މިއަދު އަމުރުކޮށްފި އެވެ.

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ހިޔާނާތާ ގުޅިގެން އޭސީސީން ހިންގަމުންދިޔަ ތަހުގީގުގެ ތެރެއިން 2018 ވަނަ އަހަރު ވަނީ ޔާމީންގެ އެކައުންޓަށް ޖަމާވެފައިވާ އެއް މިލިއަން ޑޮލަރު ތަހުގީގު ނިމެންދެން އޭސީސީ އާއި ޔާމީން ހިމެނިވަޑައިގަންނަވާ ގޮތަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގައި ހުޅުވާފައިވާ އެސްކްރޯ އެކައުންޓެއްގައި ބަހައްޓައިފަ އެވެ. އެ ފައިސާ ދޫނުކުރާތީ ޔާމީން ވަނީ އޭސީސީ އާއި ބީއެމްއެލްއާ ދެކޮޅަށް ސިވިލް ކޯޓުގައި ދައުވާ ކުރައްވައިފަ އެވެ.

އެ މައްސަލާގައި ބޭންކާ ދެކޮޅަށް ދައުވާ ނުކުރެވޭނެ ކަމަށް ބޭންކުން ސިވިލް ކޯޓުގައި އިޖްރާއީ ނުކުތާ ނެގި ނަމަވެސް އެ ކޯޓުން ނިންމީ ބޭންކާ ދެކޮޅަށް ދައުވާ ކުރެވޭނެ ކަމަށެވެ. އެ ނިިންމުން ބޭންކުން އިސްތިއުނާފް ކުރުމަށްފަހު އިސްތިއުނާފް ނިމެންދެން ސިވިލް ކޯޓުގެ ޝަރީއަތް މަޑުޖައްސާލުމުގެ އަމުރަކަށް އެދުނެވެ.

އެކަމާ ގުޅިގެން ހައި ކޯޓުން މިއަދު ނެރުނު އަމުރުގައިވަނީ އެ މައްސަލަ ހައި ކޯޓުން ނިމުމުގެ ކުރިން ސިވިލް ކޯޓުން މައްސަލަ ނިމިއްޖެނަމަ ހައި ކޯޓުން ކުރާ ހުކުމުގެ ބޭނުން ކެނޑިގެން ދިއުމުގެ ފުރުސަތު އެބައޮތް ކަމަށެވެ. އަދި އަމުރު ނެރެނުދީފިނަމަ ބޭންކަށް ލިބޭ ގެއްލުން ބޮޑުވުމުގެ ފުރުސަތު އެބައޮތް ކަމަށް ވެސް އެ އަމުރުގައިވެ އެވެ. އެހެންވެ، އެ މައްސަލަ ހައި ކޯޓުން ނިމެންދެން ސިވިލް ކޯޓުގެ ޝަރީއަތް މަޑުޖައްސާލަން އަމުރުކުރީ ކަމަށް އެ އަމުރުގައިވެ އެވެ.

އެ މައްސަލަ ހައި ކޯޓުން ބައްލަވަނީ އިސް ފަނޑިޔާރު ހުސައިން ޝަހީދާއި ފަނޑިޔާރު ދީބާނާޒް ފަހުމީ އާއި ފަނޑިޔާރު ފާތިމަތު ފަރުހީޒާ އެވެ.