ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލަށްލާން ކުރި ހުކުމުގެ އިސްތިއުނާފް އަޑުއެހުންތައް ހައި ކޯޓުން މިއަދު ނިންމާލައިފި އެވެ.
21 ނޮވެމްބަރ 2023
ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލަށްލާން ކުރި ހުކުމުގެ އިސްތިއުނާފް އަޑުއެހުންތައް ހައި ކޯޓުން މިއަދު ނިންމާލައިފި އެވެ.
ވ. އާރަށް މައްސަލާގައި ރިޝްވަތާއި މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ، ޔާމީންގެ މައްޗަށް 11 އަހަރުގެ ޖަލަށްލުމަށާއި ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކުރަން ކްރިމިނަލް ކޯޓުން ހުކުމް ކޮށްފައި ވާއިރު، އެ މައްސަލާގައި ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާގެ ކުރީގެ މެމްބަރު ޔޫސުފް ނައީމްގެ މައްޗަށް ވަނީ ރިޝްވަތު ދިނުމުގެ ކުށުގައި ތިން އަހަރުގެ ޖަލު ހުކުމެއް އިއްވައިފަ އެވެ. އެ މައްސަލަ ދެ ބޭފުޅުންގެ ފަރާތުން ހައި ކޯޓުގައި ވަނީ އިސްތިއުނާފްކޮށްފަ އެވެ.
ހައި ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި ޔާމީންގެ ވަކީލް އަދި ކުރީގެ ނައިބު ރައީސް މުހައްމަދު ޖަމީލް ވިދާޅުވީ އާރަށް ކުއްޔަށް ދޭން ޔާމީން ފޯނު ގުޅުއްވައި އިރުޝާދު ދެއްވި ކަމަށް ދައުލަތުން ބުންޏަސް، އެކަން ސާބިތުކޮށް ދެވޭނެ އެއްވެސް ހެއްކެއް ދައުލަތުން ހުށަހަޅާފައިނުވާ ކަމަށެވެ. އަދި އިކޮނޮމިކް ކައުންސިލްގެ ލިޔުންތަކާއި ރައީސް އޮފީހުގެ ލިޔުންތަކުގައި ވެސް ޔޫސުފް ނައީމަށް އާރަށް ކުއްޔަށް ދޭން ޔާމީން އެންގެވިކަން އެނގެން ނެތް ކަމަށް ވެސް ޖަމީލް ވިދާޅުވި އެވެ.
ޖަމީލް ވިދާޅުވީ އެކަމުގައި ޔާމީން ނުފޫޒު ފޯރުވިކަން ސާބިތުކުރަން ދައުލަތުން ހުށަހެޅީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ އޭރުގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތު ކަމަށް ވާއިރު، އެ މީހުންގެ ހެކިބަހަށް ބުރަދަން ނުދެވޭނެ ކަމަށެވެ. އަދި އެ މީހުންގެ ބަހަށް ބާރު ދޭނެ އިތުރު ހެއްކެއް ނެތް ކަމަށް ޖަމީލް ވިދާޅުވި އެވެ. އެހެންވެ، އެކަމުގައި ޔާމީން ނުފޫޒު ފޯރުވިކަން ސާބިތު ނުވާ ކަމަށް ވެސް ޖަމީލް ވިދާޅުވި އެވެ.
ޖަމީލް ވިދާޅުވި ގޮތުގައި ޔޫސުފް ނައީމްގެ ފަރާތުން ޔާމީނަށް ދެއްވި ފައިސާއަކީ ވިޔަފާރީގެ މުއާމަލާތެކެވެ. އަދި އެކަމަށް ބާރު ދޭނެ ދިފާއީ ހެކިން ތިބިއިރު، އެ މީހުންގެ ހެކިބަސް ނަފީ ކުރެވޭނެ ހެއްކެއް ނެތް ކަމަށް ޖަމީލް ވިދާޅުވި އެވެ. އަދި ދައުލަތުގެ ހެކިތައް ނަފީ ކުރެވޭނެ ހެކި ޔާމީންގެ ފަރާތްޕުޅުން ހުށަހަޅުއްވާފައި ވަނިކޮށް އެ ހެކިތަކަށް ބުރަދަން ނުދެވޭނެ ސަބަބެއް ނެތް ކަމަށާއި އަދި ދައުލަތުގެ ދައުވާ ސާބިތުވާނެ ހެއްކެއް ނެތް ކަމަށް ވެސް ޖަމީލް ވިދާޅުވި އެވެ.
މިއަދުގެ އަޑުއެހުމުގައި ޔާމީން ބައިވެރިވެ ވަޑައިގަންނަވަނީ
ދައުވާ ސާބިތު ކުރުމަކީ ދައުލަތުގެ ޒިންމާއެއް ކަމަށް ވާއިރު، އެމްއެމްޕީއާރުސީގެ ހިޔާނާތަށް ވީތީ ކަމަށް ބުނެ އުސޫލުތަކުން ބޭރުން ޔާމީންގެ މައްޗަށް ކުށް ސާބިތު ކުރަން ފުރުސަތު ދެވިގެން ނުވާނެ ކަމަށް ޖަމީލް ވިދާޅުވި އެވެ. އަދި ޖިނާއީ ދައުވާއަކީ ކުރެވޭ ސަމާސާއަކަށް ވެގެން ނުވާނެ ކަމަށް ވެސް ޖަމީލް ވިދާޅުވި އެވެ. އެކަންކަން ފާހަގަކޮށް، އޭނާ އެދިވަޑައިގަތީ ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވާފައިވާ ހުކުމް ބާތިލްކޮށް ދިނުމަށެވެ.
ޔޫސުފް ނައީމްގެ ވަކީލުން ވިދާޅުވީ ރަށް ދޫކުރީ އެމްއެމްޕީއާރުސީން ކަމަށް ވާއިރު، އެކަމާ ޔާމީނާ އޮތް ގުޅުމެއް ދައުލަތަށް ބުނެ ނުދެވޭ ކަމަށެވެ. އަދި ރިޝްވަތުގެ ކުށް ފުރިހަމަ ވާނީ ރަސްމީ ހައިސިއްޔަތު އޮތް ފަރާތަކަށް ރިޝްވަތު ދިނުމުން ކަމަށާއި ނަމަވެސް ރަށްތައް ދޫކުރުން ފަދަ ކަންކަމަކީ އެމްއެމްޕީއާރުސީ އާއި ޓޫރިޒަމް މިނިސްޓްރީގެ ޒިންމާއަކަށް ވާތީ އެކަމާ ޔާމީނާ ނުގުޅުވޭނެ ކަމަށް ވަކީލުން ވިދާޅުވި އެވެ.
ރައްދުގައި ދައުލަތުން ބުނީ ޔާމީނަށް ލިބިވަޑައިގަތް ފައިސާއަކީ ޑޮލަރު ގަތުމުގެ މުއާމަލާތުގެ ތެރެއިން ލިބިވަޑައިގަތް ފައިސާ ކަމަށް ބުންޏަސް، އެކަންކަން ތަހުގީގު މަރުހަލާގައި ޔާމީން ފާހަގަ ކުރައްވާފައި ނުވާ ކަމަށެވެ. އަދި ތަހުގީގު މަރުހަލާގައި ޔާމީން ބޭނުން ކުރެއްވީ ހަނު ހުރުމުގެ ހައްގު ކަމަށާއި އެހެންވެ، ޔާމީންގެ ދިފާއުއާ މެދު ސުވާލު އުފެއްދުމުގެ ފުރުސަތު ލިބިގެންދިޔަ ކަމަށް ދައުލަތުން ބުންޏެވެ. އަދި ދިފާއީ ހެކިންގެ ވާހަކަތަކުގައި ސުވާލު އުފެދޭ ކަންކަން އެބަހުރި ކަމަށް ވެސް ދައުލަތުން ބުންޏެވެ.
ދައުލަތުން ބުނީ ވަޒީރުން ކުރާ ކޮންމެ ކަމަކަށް ރައީސް ޒިންމާ އުފުލަން ނުޖެހުނަސް، ރައީސްގެ ނުފޫޒު އެކަމުގައި ފޯރާފައިވާނަމަ އެކަމުގެ ޒިންމާ އުފުލަން ޖެހޭނެ ކަމަށެވެ. އަދި ޔޫސުފް ނައީމްގެ ހިއްސާ އޮތް ކުންފުންޏަކަށް އާރަށް ދޫކުރަން ޓޫރިޒަމް މިނިސްޓަރަށް ޔާމީން އެންގެވި ކަމަށާއި އެހެންވެ، އެއްބަސްވުމުގައި ސޮއިކުރީ އެހެން ފަރާތަކުން ކަމަށް ވިޔަސް އެކަމުގައި ޔާމީންގެ ރަސްމީ ހައިސިއްޔަތެއް އެބައޮތް ކަމަށް ދައުލަތުން ބުންޏެވެ.
ދައުލަތުން ބުނިގޮތުގައި ޓޫރިޒަމްގެ ބޭނުމަށް އާރަށް ދޫކުރަން ނިންމިއިރު، އެރަށް ޔޫސުފް ނައީމްގެ ހިއްސާ އޮތް ކުންފުންޏަކަށް ދޭން އަދީބަށް ޔާމީން އެންގެވި ކަމަށާއި އޭގެ ސަބަބުން ރަސްމީ ހައިސިއްޔަތެއް އެކަމުގައި އުފަންވެފައިވާ ކަމަށް ދައުލަތުން ބުންޏެވެ. އަދި އާރަށުގެ އެއްބަސްވުމުގައި ސޮއިކުރި ދުވަހު ޔާމީނަށް ފައިސާ ލިބިވަޑައިގަތްއިރު އެ ފައިސާއާ ގުޅޭގޮތުން ދެ ބޭފުޅުން ބޭންކަށް ދެއްވި މައުލޫމާތު ދިމާނުވާ ކަމަށް ވެސް ދައުލަތުން ބުންޏެވެ.
ދައުލަތުން ބުނީ އަދީބާއި ޒިޔަތަކީ ޔާމީނާ މެދު ރުޅިވެރިކަމެއް އޮތް ބައެއް ކަމަށް ބުންޏަސް، އެ މީހުންގެ ބަހަށް ބާރު ލިބޭ އެހެން ހެކިތައް އެބަހުރި ކަމަށެވެ. އެހެންވެ، ޔާމީނަށް ލިބިވަޑައިގަތް ފައިސާއަކީ އާރަށް ކުއްޔަށް ދޫކުރުމުން ރިޝްވަތުގެ ގޮތުގައި ލިބިވަޑައިގަތް ފައިސާ ކަމަށް ބަލަން ޖެހޭނެ ކަމަށް ދައުލަތުން ބުންޏެވެ. އެކަންކަން ފާހަގަކޮށް، ދައުލަތުން އެދުނީ ޔާމީނާއި ޔޫސުފް ނައީމްގެ މައްޗަށް އިއްވާފައިވާ ހުކުމް ދަމަހައްޓައި ދިނުމަށެވެ.
ތިން ގަޑިއެއްހާއިރަށް ދިގުދެމިގެންދިޔަ މިއަދުގެ އަޑުއެހުން ނިންމާލައްވަމުން އެ މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުން ވިދާޅުވީ އިތުރު ކަމެއް ސާފުކުރަން ނުޖެހޭ ނަމަ ދެން އޮންނާނީ ހުކުމް އިއްވުން ކަމަށެވެ.
ހައި ކޯޓުން އެ މައްސަލަ ބައްލަވަނީ ފަނޑިޔާރު ހަސަން ޝަފީއު އާއި ފަނޑިޔާރު ހުޒައިފާ މުހައްމަދުގެ އިތުރުން ފަނޑިޔާރު މުހައްމަދު ސަލީމެވެ. ބެންޗުގެ ރިޔާސަތަކީ ފަނޑިޔާރު ޝަފީއު އެވެ.
ޔާމީން މިވަގުތު ހުންނެވީ ގޭ ބަންދަށް ބަދަލުކޮށްފަ އެވެ.
ޔާމީންގެ އިސްތިއުނާފް އަޑުއެހުންތައް ނިމުމަކާ ގާތަށް
އާރަށް ހޯދަން އުޅުނު ކަމެއް ނޭނގޭ: ޔާމީން
ފުއްގިރި ދައުވާ: ސުޕްރީމް ކޯޓުން ޔާމީނަށް ނާކާމިޔާބު
52 މިލިއަން ދޭން އެންގި މައްސަލާގެ ހުކުމް މާދަމާ
52 މިލިއަން ދައްކަން އެންގީ ގޯސްކޮށް: ވަކީލް
ޔާމީންގެ އިސްތިއުނާފް އިސްލާހުކޮށް އަލުން ހުށަހަޅައިފި
ޔާމީންގެ މައްސަލަ އިސްތިއުނާފް ކުރުމާމެދު ގޮތެއް ނުނިމޭ
ޔާމީންގެ އިސްތިއުނާފް ޝަރީއަތުގެ ފަހު އަޑުއެހުން މާދަމާ
ޔާމީންގެ ޖޫރިމަނާގެ މައްސަލަ ކުރިއަކަށް ނުގެންދެވުނު
ޔާމީންގެ އިސްތިއުނާފް ޝަރީއަތް އާދިއްތަ ދުވަހު ބާއްވަނީ