29 މާޗް 2023
ވ. އާރަށް މައްސަލާގައި 52 މިލިއަން ރުފިޔާ ދައުލަތަށް ދައްކަން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން އަމުރު ނެރުނީ ގާނޫނާ ޚިލާފަށް ކަމަށް އެމަނިކުފާނުގެ ވަކީލުން މިއަދު ވިދާޅުވެއްޖެ އެވެ.
ވ. އާރަށް މައްސަލާގައި 52 މިލިއަން ރުފިޔާ ދައުލަތަށް ދައްކަން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން އަމުރު ނެރުނީ ގާނޫނާ ޚިލާފަށް ކަމަށް އެމަނިކުފާނުގެ ވަކީލުން މިއަދު ވިދާޅުވެއްޖެ އެވެ.
އާރަށް މައްސަލާގައި ރިޝްވަތާއި މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ، ޔާމީން 11 އަހަރަށް ޖަލަށްލާން ހުކުމްކޮށްފައި ވަނިކޮށް އެ މައްސަލާ ލޯންޑާކުރި 3.4 މިލިއަން ޑޮލަރު (52 މިލިއަން ރުފިޔާ) ހަ މަސް ތެރޭގައި ދައުލަތަށް ދައްކަން ކްރިމިނަލް ކޯޓުން މިދިޔަ މަހު އެންގި އެވެ.
އެ ނިންމުން އިސްތިއުނާފް ކުރަން ޔާމީންގެ ފަރާތްޕުޅުން ހުށަހެޅުއްވުމުން ހައި ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި އެމަނިކުފާނުގެ ވަކީލުން ވިދާޅުވީ މަނީ ލޯންޑްރިންގެ ގާނޫނުގެ ދަށުން ކުށްކޮށްގެން ހޯދި މުދަލެއް ދައުލަތަށް ނަގަން އަމުރެއް ކުރެވޭނީ އެ މައްސަލާގެ ހުކުމް ކުރާއިރު ކަމަށެވެ. އެކަމަކު ޔާމީންގެ މައްސަލާގައި ފައިސާ ދައްކަން އެންގީ ހުކުމްކުރި ފަހުން ނެރުނު އަމުރަކުން ކަމަށާއި އެއީ ގާނޫނާ ޚިލާފް ކަމެއް ކަމަށް ވަކީލުން ވިދާޅުވި އެވެ.
މިއަދުގެ އަޑުއެހުމުގައި ޔާމީން
ވަކީލުން ވިދާޅުވީ ހުކުމް ކުރާއިރު ހަނދާން ނެތިގެން ނުވަތަ ދޫކޮށްލެވޭ ކަންކަމާ މެދު ގޮތް ކަނޑައަޅަން ޖެހޭނީ އިސްތިއުނާފް މަރުހަލާއިން ކަމަށެވެ. އަދި އެ ފައިސާ ދައްކަން ކްރިމިނަލް ކޯޓުން އަމުރު ނެރުނީ ޔާމީނަށް އިއްވި ޖަލު ހުކުމް އިސްތިއުނާފަށް ހުށަހެޅި ފަހުން ކަމަށް ވެސް ވަކީލުން ވިދާޅުވި އެވެ.
ޔާމީންގެ ވަކީލުން އެދިވަޑައިގަތީ 52 މިލިއަން ދައްކަން ނެރުނު އަމުރު ބާތިލްކޮށް ދިނުމަށާއި އަދި ކުށްކޮށްގެން ހޯދި ފައިސާއެއް ދައުލަތަށް ނަގަން އަމުރު ކުރެވޭނީ އަސްލު މައްސަލާގެ ހުކުމުގެ ތެރެއިން އެކަނި ކަމަށް ކަނޑައަޅައި ދިނުމަށެވެ.
މީގެ އިތުރުން ޔާމީންގެ ޖަލު ހުކުމާ މެދު އިސްތިއުނާފާ މެދު ގޮތެއް ނިންމުމުގެ ކުރިން، ފައިސާ ދެއްކުމުގެ އަމުރު ތަންފީޒު ކުރުމުގެ ގޮތުން އެއްވެސް ކަމެއް ނުކުރެވޭނެ ކަމަށް ކަނޑައަޅައި ދިނުމަށް ވެސް އެ މައްސަލާގައި އެދިފައިވެ އެވެ.
ރައްދުގައި ދައުލަތުން ބުނީ ކުށްކޮށްގެން ހޯދާ މުދަލާއި ފައިސާ ނަގަން ޖެހޭނީ ކޮންމެހެން މައްސަލާގެ ހުކުމުގެ ތެރެއިން ނޫން ކަމަށެވެ. އަދި ހުކުމުގެ ފަހުން ވެސް އެފަދަ ފައިސާއެއް ދައުލަތަށް ނަގަން އަމުރު ކުރެވިދާނެ ކަމަށާއި އެކަމަށް ގާނޫނީ ހުރަހެއް ނެތް ކަމަށް ދައުލަތުން ބުންޏެވެ.
ދައުލަތުން ބުނިގޮތުގައި، ހުކުމުގެ ފަހުން އެފަދަ ފައިސާ ދައުލަތަށް ނުނެގޭނެ ކަމަށް ބަހުސްގެ ބޭނުމަށް ބެލިޔަސް، ޔާމީންގެ މައްސަލާގައި އަމަލުކުރި ގޮތް ގޯހެއް ނޫނެވެ. ސަބަބަކީ އިޖްރާއީ އުނިކަމެއް ފޫބައްދަން އެފަދަ އަމުރެއް ނެރުނަސް، ޔާމީންގެ މައްޗަށް އިއްވި ހުކުމަށް ޖަލު ހުކުމަށް އަސަރެއް ނުކުރާނެތީ އެވެ.
ދައުލަތުން ބުނީ ބައެއް އިޖްރާއީ ގޯސްތަކަކީ މުޅި ހުކުމަށް އަސަރު ނުކުރާނެ އަދި ފަހުން ރަނގަޅު ކުރެވިދާނެ ފަދަ އިޖްރާއާތުތަކެއް ކަމަށް ސުޕްރީމް ކޯޓުން ކުރިން ނިންމާފައިވާ ކަމަށެވެ. އަދި މުޅި ހުކުމަށް އަސަރު ކުރާނީ އަސާސީ ހައްގަކާ ގުޅުންހުރި އިޖްރާއީ ގޯސްތައް އެކަނި ކަމަށް ދައުލަތުން ބުންޏެވެ.
ދައުލަތުން ބުނިގޮތުގައި އެފަދަ ގޯސްތައް ހެދޭ ހާލަތްތަކުގައި އަމަލު ކުރަންޖެހޭ ގޮތަކީ އިހުމާލުވި ފަރާތަކާ މެދު ފިޔަވަޅު އެޅުމެވެ. އެހެންވެ، ދައުލަތުން އެދުނީ ފައިސާ ދައްކަން ޔާމީންގެ މައްޗަށް ނެރުނު އަމުރު ދަމަހައްޓައި ދިނުމަށެވެ.
އެ މައްސަލާގެ އިތުރު އަޑުއެހުމެއް އަދި ބާއްވާނެ އެވެ.
ހައި ކޯޓުން އެ މައްސަލަ ބައްލަވަނީ ފަނޑިޔާރު މުހައްމަދު ފައިސަލާއި ފަނޑިޔާރު ހަސަން ޝަފީއުގެ އިތުރުން ފަނޑިޔާރު ދީބާނާޒް ފަހުމީ އެވެ. ބެންޗުގެ ރިޔާސަތަކީ ފަނޑިޔާރު ފައިސަލެވެ.
ފުއްގިރި ދައުވާ: ސުޕްރީމް ކޯޓުން ޔާމީނަށް ނާކާމިޔާބު
52 މިލިއަން ދޭން އެންގި މައްސަލާގެ ހުކުމް މާދަމާ
ޔާމީންގެ އިސްތިއުނާފް އިސްލާހުކޮށް އަލުން ހުށަހަޅައިފި
ޔާމީންގެ އިސްތިއުނާފް މައްސަލަ ހުކުމާ ހަމައަށް
ޔާމީންގެ އިސްތިއުނާފް އަޑުއެހުންތައް ނިމުމަކާ ގާތަށް
"ލޯންޑާ ކުރިނަމަ އެކައުންޓްގައި ފައިސާ ނުބަހައްޓާނެ"
ޔާމީންގެ ހެކިންގެ ވާހަކަތައް ހަމައެއްނުޖެހޭ: ދައުލަތް
އާރަށް ހޯދަން އުޅުނު ކަމެއް ނޭނގޭ: ޔާމީން
ޔާމީންގެ ހުކުމް ފަސްކުރުމާ މެދު ގޮތެއް ނިންމަނީ
ޔާމީންގެ ޖަލު ހުކުމް ފަސްކުރެވޭނެ ހަމައެއް ނެތް: ޕީޖީ