Roadha Mihaaru
އެއް މިލިއަން ޑޮލަރު ހޯދަން ބޭންކަށް ދައުވާ ނުކުރެވޭނެ

އެއް މިލިއަން ޑޮލަރު ހޯދަން ޔާމީނަށް ބޭންކާ ދެކޮޅަށް ދައުވާ ނުކުރެވޭނެ: ބީއެމްއެލް

15 ޖުލައި 2024

ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި އެންޓި ކޮރަޕްޝަނާ ކޮމިޝަން (އޭސީސީ) އާ އެކު ހެދި އެސްކްރޯ އެކައުންޓަކަށް ޔާމީން ޖަމާ ކުރެއްވި އެއް މިލިއަން ޑޮލަރު (15 މިލިއަން ރުފިޔާ) އަނބުރާ ހޯދުމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ މައްޗަށް ދައުވާ ނުކުރެވޭނެ ކަމަށް އެ ބޭންކުން ހައި ކޯޓުގައި މިއަދު ބުނެފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި އެންޓި ކޮރަޕްޝަނާ ކޮމިޝަން (އޭސީސީ) އާ އެކު ހެދި އެސްކްރޯ އެކައުންޓަކަށް ޔާމީން ޖަމާ ކުރެއްވި އެއް މިލިއަން ޑޮލަރު (15 މިލިއަން ރުފިޔާ) އަނބުރާ ހޯދުމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ މައްޗަށް ދައުވާ ނުކުރެވޭނެ ކަމަށް އެ ބޭންކުން ހައި ކޯޓުގައި މިއަދު ބުނެފި އެވެ.

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ހިޔާނާތުގެ މައްސަލަ ތަހުގީގު ކުރަމުންދާތީ އޭސީސީއާ އެކު ހެދި އެއްބަސްވުމެއްގެ ދަށުން ބޭންކް އޮފް މޯލްޑިވްސްގައި ހުޅުވި އެސްކްރޯ އެކައުންޓެއްގައި ޔާމީންގެ ފަރާތްޕުޅުން އެއް މިލިއަން ޑޮލަރު ޖަމާކުރި އެވެ. އެއީ އެ މައްސަލާގެ ތަހުގީގު ނިމެންދެން އެ ފައިސާ އެސްކްރޯ އެކައުންޓްގައި ބެހެއްޓުމަށެވެ.

އެކަމަކު ފައިސާ މިހާތަނަށް ވެސް ދޫނުކުރާތީ އެ ފައިސާ އަނބުރާ ހޯދުމަށާއި ގެއްލުމުގެ ބަދަލު ހޯދަން ޔާމީންގެ ފަރާތްޕުޅުން ސިވިލް ކޯޓުގައި ދައުވާކުރީ ބޭންކާއި އޭސީސީއާ ދެކޮޅަށެވެ. އެހެންވެ، ބޭންކުން އިޖްރާއީ ނުކުތާއެއް ނެގީ އެ ދައުވާ ބޭންކުގެ މައްޗަށް ނުކުރެވޭނެ ކަމަށް ބުނެ އެވެ. ނަމަވެސް އެ މައްސަލާގައި ބޭންކާ ދެކޮޅަށް ދައުވާ ކުރެވޭނެ ކަމަށް ސިވިލް ކޯޓުން ނިންމުމުން ބޭންކުން ހައި ކޯޓުގައި އެ ނިންމުން އިސްތިއުނާފް ކުރި އެވެ.

ހައި ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި ބީއެމްއެލްގެ ވަކީލުން ބުނީ އެއްބަސްވުން ހެދީ ޔާމީނާއި އޭސީސީއާ ދެމެދު ކަމަށާއި އެ ބޭންކަކީ އެ މުއާމަލާތުގެ ބައިވެރިއެއް ނޫން ކަމަށެވެ. އެހެންވެ، އެކަމާ ގުޅިގެން ބޭންކުގެ މައްޗަށް ދައުވާ ނުކުރެވޭނެ ކަމަށް ބޭންކުގެ ވަކީލުން ބުންޏެވެ.

ބޭންކުގެ ވަކީލުން ބުނީ ކޮންޓްރެކްޓެއްގައި ނުހިމެނޭ ބައިވެރިއެއްގެ މައްޗަށް އެ ކޮންޓްރެކްޓަކާ ގުޅިގެން ދައުވާ ނުކުރެވޭނެ ކަމަށް ކޯޓުތަކުން ކުރިން ނިންމާފައިވާ ކަމަށެވެ. އަދި އެކަމަކީ އިޖްރާއީ ނުކުތާއެއް ނެގި ނަމަވެސް އިބްތިދާއީ މަރުހަލާގައި ގޮތެއް ނިންމަން ޖެހޭ ފަދަ ކަމެއް ކަމަށް ވަކީލުން ބުންޏެވެ.

ބޭންކުން ބުނިގޮތުގައި އެސްކްރޯ އެކައުންޓްގައި ހުރި ފައިސާ ދޫކުރެވޭނެ ގޮތްތައް ޔާމީނާއި އޭސީސީއާ ދެމެދު ހެދި އެއްބަސްވުމުގައި އެބައޮތެވެ. އެހެންވެ، އެ ފައިސާ ހޯދަން އެންމެ ފުރަތަމަ ދައުވާ ކުރިޔަސް ކުރަން ޖެހޭނީ އޭސީސީގެ މައްޗަށް ކަމަށާއި ނަމަވެސް ޔާމީންގެ ފަރާތުން އެ ފައިސާ ހޯދަން އެންމެ ފުރަތަމަ ދައުވާކުރީ ވެސް ބޭންކުގެ މައްޗަށް ކަމަށާއި އަދި އޭސީސީގެ މައްޗަށް ދައުވާކުރީ ފަހުން ކަމަށް ބޭންކުގެ ވަކީލުން ބުންޏެވެ.

ބޭންކުގެ ވަކީލުން ބުނިގޮތުގައި ކަސްޓަމަރުންގެ އެކައުންޓްގައި ހުންނަ ފައިސާ އެ ފަރާތުގެ ހުއްދަ ނެތި އެހެން މީހަކަށް ދޫ ކުރުމުގެ ހައްގެއް ބޭންކަކަށް ނޯންނާނެ އެވެ. އެހެންވެ، ބޭންކުން އެދުނީ އެ މައްސަލާގައި ބޭންކުގެ މައްޗަށް ދައުވާ ނުކުރެވޭނެ ކަމަށް ނިންމައި ދިނުމަށެވެ.

އެ މައްސަލާގެ މިއަދުގެ އަޑުއެހުން ނިންމާލީ އިތުރު އަޑުއެހުމެއް ފަހުން ބާއްވާނެ ކަން އިއުލާން ކުރެއްވުމަށްފަހު އެވެ.

އެ މައްސަލަ ނިމެންދެން އެ މައްސަލަ ސިވިލް ކޯޓުގައި މަޑުޖައްސާލަން ހައި ކޯޓުން ކުރިން އޮތީ ވަގުތީ އަމުރެއް ނެރެފަ އެވެ.

އެ މައްސަލަ ހައި ކޯޓުން ބައްލަވަނީ އިސް ފަނޑިޔާރު ހުސައިން ޝަހީދާއި ފަނޑިޔާރު ދީބާނާޒް ފަހުމީ އާއި ފަނޑިޔާރު ފާތިމަތު ފަރުހީޒާ އެވެ. ބެންޗުގެ ރިޔާސަތަކީ އިސް ފަނޑިޔާރު ޝަހީދެވެ.