Roadha Mihaaru
ފައިސާއާ މެދު ޔާމީން އިސްކުރެއްވީ އަމިއްލަ މަންފާ

ފައިސާއާ މެދު ޔާމީން އިސްކުރެއްވީ އަމިއްލަ މަންފާ: ސުޕްރީމް ކޯޓް

30 ނޮވެމްބަރ 2021

ކުރީގެ ރަައީސް އަބްދުﷲ ޔާމީންގެ ޖަލު ހުކުމް ބާތިލް ކުރިޔަސް، އެ މަނިކުފާނުގެ އެކައުންޓަށް ޖަމާވި އެއް މިލިއަން ޑޮލަރުގެ ހަގީގަތާ މެދު ސުވާލު އުފެދޭ ކަމަށާއި އެ ފައިސާ ޔާމީން ބޭނުންކުރެއްވީ އަމިއްލަ މަންފާ އިސްކުރައްވައިގެން ކަމަށް ސުޕްރީމް ކޯޓުގެ ހުކުމުގައި ބުނެފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ކުރީގެ ރަައީސް އަބްދުﷲ ޔާމީންގެ ޖަލު ހުކުމް ބާތިލް ކުރިޔަސް، އެ މަނިކުފާނުގެ އެކައުންޓަށް ޖަމާވި އެއް މިލިއަން ޑޮލަރުގެ ހަގީގަތާ މެދު ސުވާލު އުފެދޭ ކަމަށާއި އެ ފައިސާ ޔާމީން ބޭނުންކުރެއްވީ އަމިއްލަ މަންފާ އިސްކުރައްވައިގެން ކަމަށް ސުޕްރީމް ކޯޓުގެ ހުކުމުގައި ބުނެފި އެވެ.

މަަނީ ލޯންޑްރިންގެ ކުށުގައި ޔާމީން ފަސް އަހަރަށް ޖަލަށްލުމަށާއި ފަސް މިލިއަން ޑޮލަރު (77 މިލިއަން ރުފިޔާ) އިން ޖޫރިމަނާ ކުރަން ކްރިމިނަލް ކޯޓުން ހުކުމްކުރީ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ޚިޔާނާތުގެ ފައިސާ ދައުރުކުރި އެސްއޯއެފްގެ އެކައުންޓަކުން ޔާމީންގެ އެކައުންޓަކަށް އެއް މިލިއަން ޑޮލަރު ޖަމާކުރި މައްސަލައިގަ އެވެ. އެ ހުކުމް ހައި ކޯޓުން ދަމަހައްޓާފައި ވަނިކޮށް ސުޕްރީމް ކޯޓުން މިއަދު ވަނީ އެ ހުކުމް ބާތިލްކޮށްފަ އެވެ.

ސުޕްރީމް ކޯޓުގެ ހުކުމުގައިވަނީ ޔާމީންގެ އެކައުންޓަށް އެއް މިލިއަން ޑޮލަރު ޖަމާވީ ކޮޮން ގޮތަކުންކަން ހޯދިފައި ނެތް ކަމަށާއި އެސްއޯއެފުން އެ ފައިސާ ޖަމާކުރީ ކޮން ބޭނުމެއްގައިކަން ބެލުމަށް އެކަށީގެންވާ ތަހުގީގެއް ކޮށްފައި ނެތް ކަމަށެވެ. އެހެންވެ، އެ ފައިސާގެ ހަގީގަތް ބެލުމުގެ ފުރުސަތު ދައުލަތަށް އަދިވެސް އެބައޮތް ކަމަށާއި އަދި އެ ފައިސާ އަކީ ދައުލަތަށް ލިބެންޖެހޭ ފައިސާއެއް ކަމަށް ބެލެވޭ ނަމަ، އެ ފައިސާއެއް ހޯދުމުގެ ފުރުސަތު އެބައޮތް ކަމަށް އެ ހުކުމުގައިވެ އެވެ.

"މި ބެލުންތަކުން އެ ފައިސާ އަކީ ދައުލަތަށް ލިބެންޖެހޭ ފައިސާއެއް ނަމަ، އެ ފައިސާ އާއި އެ ފައިސާއިން އިންވެސްޓް ކުރުމުގެ ސަބަބުން ފައިދާއެއް ލިބިފަައިވާ ނަމަ، އެ ފައިދާއެއް ހިމެނޭހެން ދައުލަތަށް ހޯދުމުގެ ހައްގު ލިބިގެންވާ ކަމުގައި ވެސް އަހުރެން ދެކެމެވެ." ފަނޑިޔާރު މަހާޒް އަލީ ޒާހިރު ރިޔާސަތު ބެލެހެއްޓެވި ބެންޗުން އިއްވެވި އެ ހުކުމުގައިވެ އެވެ.

ސުޕްރީމް ކޯޓުން ނުކުމެ ވަޑައިގެން ރައީސް ޔާމީން ސަޕޯޓަރުންނާއި ސަލާމް ކުރައްވަނީ-- މިހާރު ފޮޓޯ

ސުޕްރީމް ކޯޓުން ނުކުމެ ވަޑައިގެން ރައީސް ޔާމީން ސަޕޯޓަރުންނާއި ސަލާމް ކުރައްވަނީ-- މިހާރު ފޮޓޯ

ހުކުމުގައިވަނީ އެ ފައިސާ އަކީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ދިން ފައިސާއެއް ކަމަށް ވިދާޅުވެ، އެ ފައިސާ ޔާމީން އިންވެސްޓް ކޮށްފައި ވިޔަސް، އޭގެ ހަގީގަތާ މެދު ސުވާލު އުފެދިފައި ވަނިކޮށް ފައިސާ އިންވެސްޓް ކުރުމަކީ ކޮށްގެންވާނެ ކަމެއް ނޫން ކަމަށެވެ. އަދި އެ ފައިސާއާ މެދު ސުވާލު އުފެދިގެން ތަހުގީގު ކުރަމުން ދަނިކޮށް ފައިސާ އިންވެސްޓް ކުރުމަކީ ރައީސަށް ގާނޫނުން މަތިކޮށްފައިވާ ޒިންމާއަށް ބެލުމެއް ނެތި އަމިއްލަ މަންފާއަށް ކޮށްފައިވާ ކަމެއް ކަމަށް ވެސް އެ ހުކުމުގައިވެ އެވެ.

"މި ފައިސާ އިންވެސްޓް ކުރުމަކީ ތަހުގީގީ އިދާރާތަކުން ގާނޫނީ އިމުގެ ތެރެއިން ކުރާ ތަހުގީގުތަކަށާއި ބަލާ ބެލުންތަކަށް ފަރުވާލެއް ނުބަހައްޓައި، ދައުލަތުގެ އެއްބައިވަންތަކަން ދެމެހެއްޓުމަށް ރައީސުލް ޖުމްހޫރިއްޔާއަށް ގާނޫނު އަސާސީން މަތިކޮށްފައިވާ ޒިންމާއަށް ބެލުމެއް ނެތި، ގާނޫނުގެ ވެރިކަން ކުރިއަށް ނެރުމުގެ ބަދަލުގައިި ތިިމާގެ އަމިއްލަ މަންފާ އިސްކުރުމުގެ އަމަލެއް ކަމުގައި ބެލެވޭ އަމަލެކެވެ." ތިން ފަނޑިޔާރުންގެ އިއްތިފާގުުން ކުރެއްވި ހުކުމުގައިވެ އެވެ.

މީގެ އިތުރުން އެސްއޯއެފްއަކީ އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާ ދައުރުކުރި ކުންފުނި ކަމަށް ދައުލަތުން ތަކުރާރުކޮށް ބުނާއިރު އެ ކުންފުނީގެ އިސްވެރިންނަށް ދައުވާ ނުކުރަން ދައުލަތުން ނިންމާފައިވާތީ ހައިރާންވާ ކަމަށް އެ ހުކުމުގަައިވެ އެވެ. އަދި އެ ކުންފުނީގެ ފަރާތުން ފައިސާ ޖަމާކުރުމުގައި އުޅުނު މީހުންގެ ހެކިބަސް ހޯދަން ދަށު ކޯޓުން މަސައްކަތް ކޮށްފައިނުވާކަން ވެސް ވަނީ ފާހަގަކޮށްފަ އެވެ.