Roadha Mihaaru
ޝަރީއަތް ބާއްވާނީ ޔާމީންގެ އުނަގަނޑަށް ތަދުނުވާގޮތަށް

އަޑުއެހުންތައް ބާއްވާނީ ޔާމީންގެ އުނަގަނޑަށް ތަދުނުވާނެ ގޮތަށް

20 ސެޕްޓެމްބަރ 2021

ކޯޓުގައި ގިނަ އިރު އިށީންނަން ޖެހިވަޑައިގަންނަވާތީ، އުނަގަނޑަށް ތަދުވާ ކަމަށް ވިދާޅުވެ ކުރީގެ ރައީސް އަބްދުﷲ ޔާމީން ޝަކުވާ ކުރައްވާފައިވާތީ، އެކަމަށް ބަލައިގެން ޝަރީއަތްތައް އަލުން ތާވަލްކޮށްފި އެވެ.

ނަޖާހް މަސްއޫދު ނަޖާހް މަސްއޫދު

ކޯޓުގައި ގިނަ އިރު އިށީންނަން ޖެހިވަޑައިގަންނަވާތީ، އުނަގަނޑަށް ތަދުވާ ކަމަށް ވިދާޅުވެ ކުރީގެ ރައީސް އަބްދުﷲ ޔާމީން ޝަކުވާ ކުރައްވާފައިވާތީ، އެކަމަށް ބަލައިގެން ޝަރީއަތްތައް އަލުން ތާވަލްކޮށްފި އެވެ.

ޔާމީންގެ މައްސަލައިގެ އަޑުއެހުންތައް ސުޕްރީމް ކޯޓުގައި މީގެ ކުރިން ތާވަލު ކުރީ ބައެއް ދުވަސް ދުވަހު ހެނދުނު ތިން ގަޑިއިރުގެ އަޑުއެހުމެއް އަދި މެންދުރުފަހު ދެ ގަޑިއިރުގެ އަޑުއެހުމެއް ބާއްވާ ގޮތަށެވެ.

މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި އަޑުއެހުމުގައި ޔާމީން ވަނީ އެމަނިކުފާނުގެ އުނަގަނޑުގެ މައްސަލައެއް ހުންނަ ކަމަށް ވިދާޅުވެ، ކޯޓުގައި ގިނަ އިރު އިންނަން ޖެހޭތީ ދަތިވާ ކަމަށް ވިދާޅުވެފަ އެވެ. އެހެންވެ، އެމަނިކުފާނު އެދިވަޑައިގަތީ ދުވާލަކު ތިން ގަޑިއިރަށް ވުރެ ގިނަ އިރު ހޭދަ ކުރަން ނުޖެހޭ ގޮތަށް މައްސަލަ ތާވަލު ކުރުމަށެވެ.

މައްސަލަ ބައްލަވާ ބެންޗުގެ ރިޔާސަތު ބަލަހައްޓަވާ ފަނޑިޔާރު މަހާޒު އަލީ ޒާހިރު މިއަދުގެ އަޑުއެހުން ފެށުމާ އެކު އިއުލާނު ކުރެއްވީ ޔާމީން އެދިވަޑައިގެންނެވި ގޮތަށް، މެންދުރުފަހު ބާއްވަން ތާވަލު ކުރި އަޑުއެހުންތައް ނުބާއްވަން ނިންމާފައިވާ ކަމަށެވެ. ބެންޗުން އެގޮތަށް ނިންމެވީ، ޔާމީންގެ ފަރާތުން ސިއްހީ ހާލަތާ ގުޅޭ ލިޔުންތައް ވެސް ކޯޓަށް ހުށަހެޅުމުންނެވެ.

އެހެން ނަމަވެސް، މައްސަލަ މާ ބޮޑަށް ދިގުލައިގެން ގޮސް، ތާވަލުން ޖާގަ ނުލިބޭ ހިސާބަށް ހިނގައްޖެ ނަމަ އަނެއްކާ ވެސް މެންދުރަށް އަޑުއެހުންތައް ތާވަލު ކުރަން ޖެހިދާނެ ކަމަށް މަހާޒު ވިދާޅުވި އެވެ.

"މި މައްސަލަ ކުރިއަށްދާ ދިއުމުގައި މެންދުރު ފަހަށް ތާވަލު ކުރަން ޖެހިދާނެ ހާލަތެއް އަތުވެދާނެ މާ ބޮޑަށް ދިގުލައިގެން ގޮސް އަނެއްކާ ވެސް ތާވަލުން ޖާގަ ނުލިބޭ ކަމަށް ވާ ނަމަ،" ފަނޑިޔާރު މަހާޒު ވިދާޅުވި އެވެ.

މައްސަލައިގެ ހަތަރު ވަނަ އަޑުއެހުން މިއަދު ބާއްވަމުންދާއިރު، އަދިވެސް ކުރިއަށް ދަނީ ޔާމީންގެ ފަރާތުން އިސްތިއުނާފީ ނުކުތާތައް ހުށަހެޅުމެވެ. ކުރިން ބޭއްވި އަޑުއެހުމުގައި ވެސް އަދި މިއަދުގެ އަޑުއެހުމުގައި ވެސް ފަނޑިޔާރު މަހާޒު ވަނީ ނުކުތާތަކަށް ގިނަ އިރުތަކެއް ހޭދަވާތީ ހުލާސާކޮށް އަދި ތަކުރާރު ނުވާ ގޮތަށް ވާހަކަ ދައްކަވަން ޔާމީންގެ ވަކީލުންގެ ކިބައިން އެދިވަޑައިގެންފަ އެވެ.

މަހާޒް ރިޔާސަތު ބަލަހައްޓަވާ މި މައްސަލައިގެ ބެންޗުގައި ދެން ތިއްބަވަނީ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު އަދި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމެވެ.

ސުޕްރީމް ކޯޓުގައި ކުރިއަށްދަނީ ގއ. ވޮޑަމުލާ ދޫކޮށްގެން ދައުލަތަށް ލިބެން ޖެހޭ އެއް މިލިއަން ޑޮލަރު ޔާމީން ލޯންޑާ ކުރެއްވިކަން ސާބިތުވުމުން އިއްވި ފަސް އަހަރުގެ ހުކުމުގެ އިސްތިއުނާފު މައްސަލަ އެވެ.

އެ މައްސަލައިގެ އިސްތިއުނާފު ކުރިއަށްދާއިރު، އިތުރު ރަށެއްގެ މައްސަލައިގައި އެމަނިކުފާނުގެ މައްޗަށް ކޮށްފައިވާ ރިޝްވަތުގެ ދައުވާ އާއި މަނީ ލޯންޑަރިންގެ ދައުވާ ކްރިމިނަލް ކޯޓުގައި ކުރިއަށްދެ އެވެ. އަދި އެމަނިކުފާނު ހިމެނޭ ކަމަށް ބުނާ އިތުރު ރަށްތަކެއްގެ މައްސަލަތައް ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.