Roadha Mihaaru
ޖެޓްޕެކްގައި 3،000 ފޫޓު މަތީ އުޅުނު މީހަކު ހޯދަނީ

ޖެޓްޕެކްގައި 3،000 ފޫޓު މަތީ އުޅުނު މީހަކު ހޯދަނީ

06 ސެޕްޓެމްބަރ 2020

އެމެރިކާގެ ވައިގެ ސަރަހައްދަށް ނުރައްކާވާ ގޮތަށް ޖެޓްޕެކެއްގައި 3،000 ފޫޓު މަތިން އުދުހުނު މީހެއްގެ މައްސަލަ ޕައިލެޓުންތަކެއްގެ ފަރާތުން ރިޕޯޓްކުރުމާ ގުޅިގެން އެ މީހާ ހޯދަން އާންމުންގެ އެހީ އަށް އެދި، އެ މައްސަލަ އެމެރިކާގެ އެފްބީއައި އިން ތަހުގީގުކުރަން ފަށައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އެމެރިކާގެ ވައިގެ ސަރަހައްދަށް ނުރައްކާވާ ގޮތަށް ޖެޓްޕެކެއްގައި 3،000 ފޫޓު މަތިން އުދުހުނު މީހެއްގެ މައްސަލަ ޕައިލެޓުންތަކެއްގެ ފަރާތުން ރިޕޯޓްކުރުމާ ގުޅިގެން އެ މީހާ ހޯދަން އާންމުންގެ އެހީ އަށް އެދި، އެ މައްސަލަ އެމެރިކާގެ އެފްބީއައި އިން ތަހުގީގުކުރަން ފަށައިފި އެވެ.

މިކަން ހިނގާފައި ވަނީ މި މަހުގެ 2 ވަނަ ދުވަހު ލޮސް އެންޖެލިސްގަ އެވެ. އެ ތަނުގެ އިންޓަނޭޝަނަލް އެއާޕޯޓާ ދިމާލުން ޖެޓްޕެކްގައި 3،000 ފޫޓް މަތިން އިރުއޮއްސި 6:45 ހާ އިރު އުދުހުނު މީހާގެ މައްސަލަ ރިޕޯޓްކުރީ އެމެރިކަން އެއާލައިންސްގެ ޕައިލެޓުންތަކެކެވެ. އަދި އެ މައުލޫމާތު ލިބުމާ އެކު އެފްބީއައިގެ ސަމާލުކަމަށް އެކަން ގެނައީ ފެޑެރެލް އޭވިއޭޝަން އެޑްމިނިސްޓްރޭޝަން (އެފްއޭއޭ) އިންނެވެ.

ޕައިލެޓުން ކަމާބެހޭ ފަރާތްތަކާ ހިއްސާކުރި މައުލޫމާތުތަކުގައި ބުނެފައި ވަނީ ޖެޓްޕެކްގައި އުދުނު މީހާ ފެނުނީ މަތިންދާބޯޓާ 30 ޔާޑް (90 ފޫޓް) ދުރުން ކަމަށެވެ. އޭގެ އިރުކޮޅެއް ފަހުން އެހެން އެއާލައިނަކަށް ވެސް ޖެޓްޕެކްގައި އުދުހުނު މީހާ ފެނިގެން ކަންބޮޑުވުން ފާޅުކުރި އެވެ.

މި ހާދިސާއާ ގުޅިގެން އެމެރިކަން އެއާލައިނާއި ޖެޓްބްލޫ ފްލައިޓްގެ ކްރޫންނާއި އެއާ ޓްރެފިކް ކޮންޓްރޯލްގެ މީހުންނާ ދެކެވުނު ވާހަކަތަކެއްގެ އޯޑިއޯ ވެސް ބައެއް މީޑިއާތަކުން އާންމުކޮށްފައިވެ އެވެ.

ވައިގެ ދަރުތަކުގެ އޮޕަރޭޝަންތަކަށް ނުރައްކާވާ ގޮތަށް ޖެޓްޕެކްގައި އުދުހުނު މީހާގެ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި އެފްބީއައި އިން ތަހުގީގުކުރަން ފަށާފައިވާ އިިރު އެތަނުން ނެރުނު ބަޔާނެއްގައި ބުނީ އެކަން ކުރި މީހާ އަކީ ވައިގެ ސަރަހައްދު ބޭނުންކުރުމުގެ އުސޫލުތައް މުގުރައިލި މީހެއް ކަމަށެވެ.

އެހެންވެ މި މައްސަލައިގެ ތަހުގީގަށް އޭނާ ހޯދަން ބޭނުންވާތީ އޭނައާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ނަމަ އެކަން ވީހާ ވެސް އަވަހަކަށް ހިއްސާކޮށްދޭން އާންމުންގެ ކިބައިން އެދިފައިވެ އެވެ.