Roadha Mihaaru
ވެކްސިން ކާޑު ވިއްކުމުން 120 އަހަރުގެ ޖަލު ހުކުމް

އެމެރިކާ މީހަކު ވެކްސިން ކާޑު ވިއްކުމުން 120 އަހަރުުގެ ޖަލު ހުކުމެއްގެ ބިރު

19 އޯގަސްޓް 2021

ކޮވިޑް-19 ގެ ވެކްސިން ޖަހާ މީހުންނަށް ދޫކުރާ ކާޑުގެ ހުސް ކާޑުތަކެއް ވަގަށް ނަގައިގެން އޮންލައިންކޮށް ވިއްކަމުން ދިޔަ އެމެރިކާ މީހަކު ހައްޔަރުކޮށް އޭނާގެ މައްޗަށް އުފުލި ދައުވާތަކުން މަދުވެގެން 120 އަހަރުގެ ޖަލު ހުކުމެއް އިއްވައިފާނެ ކަމަށް ބެލެވެން ފަށައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ކޮވިޑް-19 ގެ ވެކްސިން ޖަހާ މީހުންނަށް ދޫކުރާ ކާޑުގެ ހުސް ކާޑުތަކެއް ވަގަށް ނަގައިގެން އޮންލައިންކޮށް ވިއްކަމުން ދިޔަ އެމެރިކާ މީހަކު ހައްޔަރުކޮށް އޭނާގެ މައްޗަށް އުފުލި ދައުވާތަކުން މަދުވެގެން 120 އަހަރުގެ ޖަލު ހުކުމެއް އިއްވައިފާނެ ކަމަށް ބެލެވެން ފަށައިފި އެވެ.

މީޑިއާތަކުން ބުނީ އޮންލައިންކޮށް ވެކްސިން ކާޑު ވިއްކަމުން ދިޔަ މައްސަލާގައި އެމެރިކާގެ ޝިގާގޯ އިން އަންގާރަ ދުވަހު ހައްޔަކުރި މީހާ އަކީ ޓަންގްޓަންގް ޒާއޯ ކިޔާ 34 އަހަރުގެ ފާމަސިސްޓެއް ކަމަށެވެ. އޭނާ ހައްޔަރުކުރި އިރު، 100 އަށް ވުރެ ގިނަ ވެކްސިން ކާޑު އީބޭގައި ވިއްކާފައިވެ އެވެ. އަދި އެ ކާޑުތަކަކީ އެމެރިކާގެ ސެންޓަ ފޮ ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (ސީޑީސީ) އިން ވަގަށް ނަގާފައިވާ އެއްޗެހި ކަމަށް ވެސް މީޑިއާތަކުން ބުންޏެވެ.

މި މައްސަލަ ފަޅާއަރައި ޒާއޯ ހައްޔަރުކޮށް، އޭނާގެ މައްޗަށް 12 ދައުވާއެއް އުފުލާފައިވެ އެވެ. އެއިން ކޮންމެ ދައުވާއެއްގެ އަދަބަކީ 10 އަހަރުގެ ޖަލު ހުކުމެކެވެ. އެހެންވެ ކުށް ސާބިތުވެއްޖެ ނަމަ ޒާއޯ އަށް 120 އަހަރުގެ ޖަލު ހުކުމެއް އަންނާނެ އެވެ. އޭނާ އަށް ކުރާ ދައުވާ ތެރޭގައި ދައުލަތުގެ ރަސްމީ ލިޔެކިންތަކެއް ވަގަށް ނެގުމާއި އެފަދަ އެއްޗެހި ވަގަށް ނަގައިގެން ވިއްކުމުގެ ކުށާއި ބައެއްގެ ފުރާނަ އަށް ނުރައްކާވާ ފަދަ އަމަލެއް ހިންގުމުގެ ދައުވާ ހިމެނެ އެވެ.

އެފްބީއައިގެ ދަށުން ހިންގާ ޝިކާގޯ ފީލްޑް އޮފީހުގެ ސްޕެޝަލް އޭޖެންޓް އެމަނުއެލް ބޫއާ ޖޫނިއާ ވިދާޅުވީ ވެކްސިން ކާޑްތައް ޒާއޯ ވަގަށް ނެގީ ސީޑީސީގައި އޭނާ މަސައްކަތްކުރާ ތަނުން ކަމަށެވެ.

"މިއީ ވަރަށް ބޮޑު ޖަރީމާއެއް. ކޮވިޑް ޖެހި މީހުންނަށް ދޫކުރާ ވެކްސިން ކާޑް ވަގަށް ނައިގެން މި ގޮތަށް ކާޑު ވިއްކުމަކީ އެތައް ބައެއްގެ ފުރާނަ ވެސް ނުރައްކަލެއްގެ ތެރެއަށް ވައްޓާލުން،" އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ވެކްސިން ކާޑު ކުޑަ އަގަކަށް ވިއްކައި ނާޖާއީޒު ގޮތުގައި މާލީ މަންފާއެއް ހޯދަން މީހަކު މަސައްކަތްކުރުމަކީ ގައުމީ ސަލާމަތަށް ވެސް ނުރައްކަލެއް ކަމެކެވެ.

ފުލުހުން ބުނި ގޮތުގައި ވެކްސިން ކާޑް ވިއްކި މައްސަލަ ފަޅާއަރައި ޒާއޯ ހައްޔަރުކުރި އިރު، ކާޑު ވިއްކައިގެން އޭނާ 1،200 ޑޮލަރު ހޯދާފައިވެ އެވެ.

ކޮވިޑް ވެކްސިން ކާޑުތަކެއް ސީޑީސީން ވަގަށް ނައިގެން އޮންލައިންކޮށް ވިއްކި މައްސަލައެއް ފަޅާއެރި އިރު، އެތަނުން މި އަހަރު ކުރީކޮޅު ވަނީ ވެކްސިން ޖަހާ މީހުން އެ މީހުންގެ ކާޑު ސޯޝަލް މީޑިއާގައި އާންމުނުކުރަން ވެސް އިލްތިމާސްކޮށްފަ އެވެ. ސަބަބަކީ އެ ކާޑުގައި ޒާތީ ވަރަށް ގިނަ މައުލޫމާތު ހިމެނުމެވެ.