Roadha Mihaaru
އެފްބީއައިއާ ދެކޮޅަށް ޓްރަމްޕު ދައުވާ ކުރައްވައިފި

އެފްބީއައިއާ ދެކޮޅަށް ޓްރަމްޕު ދައުވާ ކުރައްވައިފި

23 އޯގަސްޓް 2022

އެމެރިކާގެ މަރުކަޒީ ތަހުގީގީ އިދާރާ، ފެޑެރެލް ބިއުރޯ އޮފް އިންވެސްޓިގޭޝަންސް (އެފްބީއައި)އާ ދެކޮޅަށް އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕު ކޯޓުގައި ދައުވާ ކުރައްވައިފި އެވެ.

އެމެރިކާގެ މަރުކަޒީ ތަހުގީގީ އިދާރާ، ފެޑެރެލް ބިއުރޯ އޮފް އިންވެސްޓިގޭޝަންސް (އެފްބީއައި)އާ ދެކޮޅަށް އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕު ކޯޓުގައި ދައުވާ ކުރައްވައިފި އެވެ.

އެފްބީއައިއާ ދެކޮޅަށް ޓްރަމްޕު ދައުވާ ކުރެއްވީ، އެމެރިކާގެ ފްލޮރިޑާ ސްޓޭޓްގެ ޕާމް ބީޗްގައި ހުންނަ، ޓްރަމްޕުގެ އަމިއްލަ ގެ ކަމަށްވާ މާރް-އާ-ލޯގޯ ރިސޯޓަށް މި މަހުގެ 8 ވަނަ ދުވަހު އެފްބީއައިގެ ތަހުގީގު ޓީމުން ވަދެ، އެ ގޭތެރެ ބަލައި ފާސްކޮށް ބައެއް ލިޔެކިޔުންތައް ގެންދިޔަ މައްސަލައިގަ އެވެ. ޓްރަމްޕު ހުށަހެޅުއްވި މައްސަލައިގައި އެދިވަޑައިގެންފައިވަނީ، އޭނާގެ ގެއިން ގެންދިޔަ ލިޔެކިޔުންތަކާއި ފައިލްތައް ތަހުގީގުކުރުން ހުއްޓުވައިދިނުމަށެވެ.

އޭގެ އިތުރުން އެފްބީއައިގެ ފަރާތުން އެ ލިޔެކިޔުންތައް ބަލަން ބޭނުން ނަމަ، ވަކި ފަރާތަކަށް ނުޖެހޭ މިނިވަން ގާނޫނީ ވަކީލެއް އައްޔަންކޮށްގެން އެ ފައިލްތައް ބެލުމަށް ވެސް ޓްރަމްޕު އެދިވަޑައިގެންފައިވެ އެވެ. އެފްބީއައިގެ އޭޖެންޓުން ޓްރަމްޕުގެ ގެ ބަލައި ފާސްކުރުމަށް ފަހު، 11 ފައިލް ސެޓް އެ ގެއިން ގެންދިޔަ އެވެ. އެ ހުރިހާ ފައިލްތަކެއްގައި ވެސް ހުރީ ދައުލަތުގެ ސިއްރު ލިޔުންތައް ކަމަށް އެފްބީއައިގެ ފަރާތުން ބުނެފައިވެ އެވެ.

އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓުން ބުނި ގޮތުގައި ޓްރަމްޕުގެ ގެ ބަލައި ފާސްކުރަން ޖެހުނީ، ރިއާސީ ދައުރު ފުރިހަމަ ކުރެއްވުމަށް ފަހު އަމިއްލަ ގެކޮޅަށް ދިރިއުޅުއްވުން ބަދަލުކުރެއްވި އިރު، ރިއާސީ ގަނޑުވަރު ވައިޓް ހައުސް އިން ގެންދެވި ތަކެތީގެ ތެރޭގައި، ދައުލަތުގެ ރަސްމީ ލިޔުންތަކެއް ހިމެނޭ ކަމަށް ތުހުމަތުކުރެވޭ މައްސަލައިގަ އެވެ.

އެމެރިކާގެ ގާނޫނު ބުނާ ގޮތުން، އެމެރިކާގެ ކޮންމެ ރައީސަކު ވެސް ވެރިކަމުގެ ދައުރު ނިމުމާއެކު، އެމީހަކު ވެރިކަމުގައި ބޭނުންކުރެވި ހުރިހާ ލިޔެކިޔުންތައް (ސިޓީ، އީމެއިލް، ލިޔުންތަކާއި ނޯޓްތައް ފަދަ)، އެމެރިކާގެ ގައުމީ އަރުޝީފާ ހަވާލުކުރަންޖެހޭނެ އެވެ. އަދި ވެރިކަމުގެ ދުވަސްވަރުގެ އެއްވެސް ރަސްމީ ލިޔުމެއް، ގާނޫނުގައި ބުނެފައިވާ ތަނެއް ނޫން ތަނަކަށް ނަގުލުކުރުމަކީ ގާނޫނީ ކުށެކެވެ.

މި މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕު ވިދާޅުވަމުން ގެންދަވަނީ، އޭނާ ނުރަނގަޅު އެއްވެސް ކަމެއް ނުކުރައްވާ ކަމަށާއި، އެމެރިކާ ސަރުކާރުން މަސައްކަތް ކުރަނީ އޭނާގެ އަގު ވައްޓައިލަން ކަމަށެވެ. ކޯޓަށް ހުށަހެޅުއްވި މައްސަލައިގައި ހިމެނޭ 27 ސޮފުހާގެ ލިޔުންތަކުގައި، ޓްރަމްޕުގެ ގާނޫނީ ވަކީލުން ތުހުމަތު ކުރައްވާފައިވާ ގޮތުގައި، އެމެރިކާ ސަރުކާރުން މިހާރު މަސައްކަތް ކުރަނީ، ދޮގު އިލްޒާމުތަކެއް ފެންމަތިކޮށްގެން، ކުރިއަށް އޮތް ރިއާސީ ދައުރުގައި ޓްރަމްޕަށް ވާދަ ނުކުރެވޭނެ ގޮތް ހެދުމަށެވެ.

އޭގެ އިތުރުން އޭނާގެ މާރް-އާ-ލޯގޯ ރިސޯޓުން އެފްބީއައިގެ އޭޖެންޓުން ގެންދިޔަ ލިޔުންތަކުގެ ފުރިހަމަ ތަފްސީލު ލިސްޓެއް ހޯދުމަށް ވެސް ޓްރަމްޕު އެދިވަޑައިގެންފައިވެ އެވެ. އަދި އެ ގެ ބަލައި ފާސްކުރުމަށް ނެރުނު އަމުރުގައި ނުހިމެނޭ އެއްވެސް ލިޔުމެއް ގެންގޮސްފައިވާ ނަމަ، އެ ލިޔުމެއް އަނބުރާ ރައްދު ކުރުމަށް ވެސް އެދިވަޑައިގެންފައިވެ އެވެ.