Roadha Mihaaru
ޓީޗަރަކު ދަރިވަރަކަށް ކޮވިޑް ވެކްސިން ދިނުމުން ދައުވާ

އެމެރިކާގެ ބަޔޮލޮޖީ ޓީޗަރަކު ދަރިވަރަކަށް ކޮވިޑް ވެކްސިން ދިނުމުން ހައްޔަރުކޮށް، ދައުވާކޮށްފި

06 ޖެނުއަރީ 2022

ރަސްމީ އެއްވެސް ހުއްދައެއް ނެތި އެމެރިކާގެ ޓީޗަރަކު ދަރިވަރަކަށް ކޮވިޑް-19ގެ ވެކްސިން ދިން މައްސަލައެއްގައި އޭނނާ ހައްޔަރުކޮށް، ދައުވާކުރުމާ ގުޅިގެން އޭނާގެ މައްޗަށް ހަތަރު އަހަރުގެ ޖަލު ހުކުމެއް އައުމުގެ ފުރުސަތު ބޮޑުވެއްޖެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ރަސްމީ އެއްވެސް ހުއްދައެއް ނެތި އެމެރިކާގެ ޓީޗަރަކު ދަރިވަރަކަށް ކޮވިޑް-19ގެ ވެކްސިން ދިން މައްސަލައެއްގައި އޭނނާ ހައްޔަރުކޮށް، ދައުވާކުރުމާ ގުޅިގެން އޭނާގެ މައްޗަށް ހަތަރު އަހަރުގެ ޖަލު ހުކުމެއް އައުމުގެ ފުރުސަތު ބޮޑުވެއްޖެ އެވެ.

މީޑިއާތަކުން ބުނީ ނިއު ޔޯކްގެ ސްކޫލެއްގައި ބަޔޮލޮޖީ ކިޔަވައިދޭ ލޯރާ ރުޒޯ، 54، މިދިޔަ މަހުގެ ފަހުކޮޅު 17 އަހަރުގެ ފިރިހެން ދަރިވަރަކަށް ޓީޗަރުގެ ގޭގައި ކޮވިޑް ވެކްސިން ޖެހީ އެ ކުއްޖާގެ އާއިލާގެ ބަހެއް ވެސް ނެތި ކަމަށެވެ. އަދި މިފަދަ ކަމެއް ޓީޗަރު ކުރި އިރު، އޭނާ އަކީ ވެކްސިން ޖެހުން ފަދަ ސިއްހީ ކަމަކާ ގުޅޭ ރަސްމީ އެއްވެސް ހައިސިއްޔަތެއް ވެސް އޮތް މީހެއް ނޫނެވެ.

މައްސަލަ ފުލުހުންނަށް ރިޕޯޓްކުރީ ކުއްޖާގެ އާއިލާގެ ފަރާތުންނެވެ. ދަރިވަރަށް ޓީޗަރު ވެކްސިން ޖަހާ ވީޑިއޯއެއް ވެސް ސޯޝަލް މީޑިއާގައި ދައުރުވި އެވެ. އޭގައި ޓީޗަރު ދަރިވަރު ގާތު "ދެން ބަރާބަރުވާނެ ކަމަށް އުންމީދުކުރާ'" ކަމަށް ބުނާ އަޑު ވެސް އިވެ އެވެ.

އަނެއްކޮޅުން އެމެރިކާގައި 18 އަހަރުގެ ދަށުގެ ކުއްޖަކަށް ވެކްސިން ޖެހޭނީ އެ ކުއްޖެއްގެ އާއިލާގެ ރުހުން އޮވެގެންނެވެ. އެ ގައުމުގައި 18 އަހަރުން ދަށަށް މި ވަގުތު ދޭން ހުއްދަ ދީފައިވާ ހަމައެކަނި ކޮވިޑް ވެކްސިނަކީ ފައިޒާ ވެކްސިނެވެ.

ނަމަވެސް ދަރިވަރަށް ޓީޗަރު ދިނީ ކޮން ބްރޭންޑެއްގެ ވެކްސިނެއް ކަމާއި ކޮވިޑް ވެކްސިން އޭނާ ހޯދި ގޮތެއް އަދި ސާފުނުވާ ކަމަށް މި މައްސަލަ ތަހުގީގުކުރާ ފުލުހުން ވިދާޅުވި އެވެ.

"ސީރިއަސް މައްސަލައެއްގެ ގޮތުގައި މިކަމުގެ ތަހުގީގު ކުރިއަށް އެބަދޭ،" ކުއްޖާ ނިސްބަތްވާ ލޯންގް އައިލޭންޑްގެ ނަސޯގެ ޕޮލިސް ކޮމިޝަނަރު ޕެޓްރިކް ރައިޑާ ވިދާޅުވި އެވެ.

މި މައްސަލައިގައި ލޯރާގެ މައްޗަށް މިހާރު ވަނީ ރަސްމީ ހުއްދައެއް ނެތި ސިއްހީ ހިދުމަތެއް ފޯރުކޮށް ދިނުމުގެ ދައުވާކޮށްފަ އެވެ. އޭނާގެ މައްޗަށް ކުށް ސާބިތުވެއްޖެ ނަމަ ހަތަރު އަހަރުގެ ޖަލު ހުކުމަކާ ކުރިމަތިލާން ޖެހޭނެ އެވެ.

މި ހާދިސާއާ ގުޅިގެން ލޯރާ މަސައްކަތްކުރާ ހެރިކްސް ހައި ސްކޫލްގެ ސުޕްރިންޑެންޓް ވިދާޅުވީ ޓީޗަރުގެ ފަރާތުން ފެންމަތިވި މައްސަލައިގެ ސަބަބުން ވަގުތީ ގޮތުން އޭނާ ސަސްޕެންޑްކޮށްފައިވާ ކަމަށެވެ. އަދި ލައުރާ އަށް އިތުރު ފިޔަވަޅެއް ދެން އަޅާނީ ދައުވާ އަށް ގޮތެއް ބެލުމަށް ފަހު ކަމަށް ވިދާޅުވި އެވެ.

މި މައްސަލައިގެ އަޑުއެހުމެއް މި މަހުގެ 21 މިހާރު ތާވަލުކޮށްފައިވެ އެވެ.