Roadha Mihaaru
ކެވިން ހާޓްގެ ކުރީގެ މުވައްޒަފަކަށް ވައްކަމުގެ ދައުވާ

ކެވިން ހާޓްގެ މިލިއަން ޑޮލަރު ވަގަށް ނެގި މުވައްޒަފަކަށް ދައުވާކޮށްފި

13 ފެބުރުއަރީ 2021

ހޮލީވުޑްގެ އެކްޓަރު/ކޮމީޑިއަން ކެވިން ހާޓްގެ ޕާސަނަލް ޝޮޕާއެއްގެ ގޮތުގައި މަސައްކަތްކުރި ޑައިލަން ޖޭޒަން ސީއާ އަށް ވައްކަމުގެ ދައުވާކޮށްފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ހޮލީވުޑްގެ އެކްޓަރު/ކޮމީޑިއަން ކެވިން ހާޓްގެ ޕާސަނަލް ޝޮޕާއެއްގެ ގޮތުގައި މަސައްކަތްކުރި ޑައިލަން ޖޭޒަން ސީއާ އަށް ވައްކަމުގެ ދައުވާކޮށްފި އެވެ.

އޭނާގެ މައްޗަށް ދައުވާކުރީ އޮކްޓޯބަރު 2017 އާއި ފެބްރުއަރީ 2019 އާ ދެމެދު ކެވިން އަށް ނޭނގި އޭނާގެ ކްރެޑިޓް ކާޑުން ހިންގި މުއާމަލާތްތަކަކާ ގުޅިގެންނެވެ. ކެވިންގެ ކްރެޑިޓުން ކާޑުން ޑައިލަން މިލިއަން ޑޮލަރުގެ ވައްކަންކޮށްފައިވާ ކަމަށް ދައުވާގައި ބުންޏެވެ.

ކެވިންއާ އެކު 2015 ގައި އިން ފެށިގެން މަސައްކަތްކުރަމުން ދިޔަ ޑައިލަންގެ މައްޗަށް ދައުވާ ސާބިތުވެއްޖެ ނަމަ މަދުވެގެން 25 އަަހަރުގެ ޖަލު ހުކުމެއް އަންނާނެ އެވެ. ނިއު ޔޯކްގެ ލޯންގް އައިލޭންޑަށް ނިސްބަތްވާ ޑައިލަންގެ މައްޗަށް ވައްކަމުގެ ދައުވާކުރީ މަކަރާއި ހީލަތް ހަދައި، އައިޑެންޓިޓީ އޮޅުވާލައިގެން ނަހަމަ މުއާމަލާތްތަކެއް ހިންގުމުންނެވެ.

އޭނާގެ މައްޗަށް އުފުލި ދައުވާގައި ބުނީ ކެވިންގެ ކާޑް ބޭނުންކޮށްގެން ހިންގި މިލިއަން ޑޮލަރުގެ ވަގު މުއާމަލާތުގެ ތެރެއިން މަޝްހޫރު ލަގްޒަރީ ބްރޭންޑްތަކުގެ ދަބަހާއި ގަޑި ފަދަ ތަކެތި ގަނެފައިވާ ކަމަށާއި އޭނާގެ މުސާރައާ ނުބައްދަލު ތަނަވަސްކަން ހޯދާފައިވާ ކަމަށެވެ.

މި މައްސަލާގައި ޑައިލަންގެ މައްޗަށް މި މަހުގެ 17 ވަނަ ދުވަހު ހުކުމް އިއްވަން ތާވަލުކޮށްފައިވާ އިރު ޑިސްޓްރިކްޓް އެޓާނީ މެލިންޑާ ކޭޒް ވިދާޅުވީ ޑައިލަންގެ މައްޗަށް ދައުވާ ސާބިތުކުރެވޭނެ އެތައް ހެއްކެއް އެބަހުރި ކަމަށާއި އޭނާގެ ގަތް ބައެއް ތަކެތީގެ ފޮޓޯތައް އިންސްޓަގްރާމްގައި ވެސް އާންމުކުރި ކަމަށެވެ.

"ހަގީގަތުގައި މިފަދަ މައްސަލަތަކާ ދޭތެރޭ އެބަޖެހޭ ހޭލުންތެރިވާން. ތިމާގެ ކްރެޑިޓް ކާޑާއި އަދި އެ ނޫން ވެސް އެފަދަ ޒާތީ އެއްޗިއްސާ ބެހޭ މައުލޫމާތު ވަރަށް ގާތުން އަބަދު ވެސް ބަލަން ޖެހޭނެ،" އޭނާ ވިދާޅުވި އެވެ.

"ޖުމާންޖީ" އާއި "ސެންޓްރަލް އިންޓެލިޖަންސް" އަދި "ދި އަޕްސައިޑް" ފަދަ ފިލްމުތައް ކުޅުނު ކެވިން އަކީ މިދިޔަ އަހަރު 39 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބުނު ފަންނާނެކެވެ. އޭނާގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި "ފާދަހުޑް" އާއި "ދަ މޭން ފްރޮމް ޓޮރޮންޓޯ" އަދި "ބޯޑަލޭންޑްސް" ހިމެނެ އެވެ.