Roadha Mihaaru
އެމެރިކާގައި ދެ ދުވަސް ތެރޭގައި 11 މީހުން މަރާލައިފި

އެމެރިކާގައި ދެ ދުވަސް ތެރޭގައި 11 މީހުން މަރާލައިފި

16 މެއި 2022

އެމެރިކާގެ ނިއު ޔޯކްގެ ފިހާރައެއްގެ ތެރެ އަށް ޒުވާނަކު ވަދެ ބަޑި ޖަހައި 10 މީހަކު މަރައިލިތާ 24 ގަޑިއިރުގެ ތެރޭގައި، ކެލިފޯނިއާގެ އޮރެންޖް ކައުންޓީގެ ފައްޅިއެއްގެ ތެރޭގައި އިއްޔެ ބަޑި ޖަހައި އެކަކު މަރާލައިފި އެވެ.

އެމެރިކާގެ ނިއު ޔޯކްގެ ފިހާރައެއްގެ ތެރެ އަށް ޒުވާނަކު ވަދެ ބަޑި ޖަހައި 10 މީހަކު މަރައިލިތާ 24 ގަޑިއިރުގެ ތެރޭގައި، ކެލިފޯނިއާގެ އޮރެންޖް ކައުންޓީގެ ފައްޅިއެއްގެ ތެރޭގައި އިއްޔެ ބަޑި ޖަހައި އެކަކު މަރާލައިފި އެވެ.

އޮރެންޖް ކައުންޓީގެ ފުލުހުންގެ އިދާރާ އިން އިއްޔެ ކުރި ޓުވީޓެއްގައި ބުނީ، ފައްޅި ތެރޭގައި ބަޑި ޖެހުމުގެ ސަބަބުން އެކަކު މަރުވެ އިތުރު ހަތަރު މީހަކު ޒަޚަމްވެފައިވާ ކަމަށެވެ. އަދި ޒަޚަމްވި ހަތަރު މީހުން ވެސް މިހާރު ހޮސްޕިޓަލުގައި އޮތީ ވަރަށް ސީރިއަސް ހާލަތެއްގައި ކަމަށް ވެސް އެ އިދާރާ އިން ބުންޏެވެ.

މި ހާދިސާއާ ގުޅިގެން އެކަކު ހައްޔަރުކޮށްފައިވާ އިރު، އޭނާ ހަމަލާ ދިނުމަށް ބޭނުންކުރި ހަތިޔާރު ވެސް މިހާރު އަތުލައިގަނެވިފައިވާ ކަމަށް ފުލުހުން ބުނެ އެވެ.

މިދިޔަ ހޮނިހިރު ދުވަހު ނިއު ޔޯކްގެ ފިހާރައެއްގެ ތެރެއަށް ޒުވާނަކު ވަދެ ބަޔަކު މަރައިލީ، ސިފައިން ބޭނުންކުރާ ޒާތުގެ ޖެކެޓް ހަށިގަނޑުގައި އަޅުވައިގެން، ހެލްމެޓްގައި ހަރުކޮށްފައިވާ ކެމެރާއެއްގެ އެހީގައި، އެ މަންޒަރުތައް ވަގުތުން ސޯޝަލް މީޑިއާ މެދުވެރިކޮށް އާންމުންނަށް ދައްކަމުންނެވެ. ދިހަ މީހުން މަރާލައި އިތުރު ތިން މީހަކު ޒަޚަމްކޮށްލި އެ ހާދިސާއަކީ، ނަސްލީ ނަފްރަތްތެރިކަމެއްގެ ތެރޭގައި ހިންގި ޖަރީމާއެއް ކަމަށް އެ އިދާރާ އިން ބުންޏެވެ.

ފުލުހުން ބުނި ގޮތުގައި ފިހާރައިގެ ތެރެއަށް ހަތިޔާރާ އެކު ވަން ޒުވާނާ ހުރީ އަސްކަރީ ޖެކެޓެއްގެ އިތުރުން ސިފައިން އަޅާ ކަހަލަ ޔުނީފޯމެއް ވެސް އަޅައިގެންނެވެ. އޭނާ ފިހާރަ ކައިރި އަށް ކާރެއްގައި ގޮސް، ކާރުން ފޭބުމަށް ފަހު އެންމެ ފުރަތަމަ ހަމަލާ ދިނީ ފިހާރައިގެ ބޭރުގައި ތިބި ހަތަރު މީހަކަށެވެ. އޭގެ ތެރެއިން ތިން މީހަކު ވަގުތުން މަރުވި އެވެ.

އެއަށް ފަހު އެ ޒުވާނާ ފިހާރަ ތެރެ އަށް ވަންނަން އުޅުމުން، ފިހާރައިގެ ބޭރުގައި އިން ސެކިއުރިޓީ ގާޑް، އެ ޒުވާނާ އަށް ފިސްތޯލައިން ހަމަލާ ދިނެވެ. ނަމަވެސް ސެކިއުރޓީ ގާޑް ފޮނުވައިލި ވަޒަންތައް އެރީ، އެ ޒުވާނާ އަޅުވައިގެން ހުރި، ވަޒަން ނާރާ ޖެކެޓަށް ކަމަށްވާތީ، އެ ޒުވާނާ އަށް އެއްވެސް ގެއްލުމެއް ނުލިބެ އެވެ.

ފުލުހުން ބުނި ގޮތުގައި ސެކިއުރިޓީ ގާޑްގެ ގަޔަށް ބަޑި ޖަހައި މަރައިލުމަށް ފަހު، އެ ޒުވާނާ ފިހާރަ ތެރެ އަށް ވަދެ ވަކި ގޮތެއް ނުބަލައި ބަޑި ޖަހަން ފެށި އެވެ. އެ ފިހާރައަކީ އާންމު ގޮތެއްގައި ކަޅު ނަސްލުގެ މީހުން ގިނަ ސަރަހައްދެއްގައި ހުރި ފިހާރަކަށް ވާތީ، އެ ހަމަލާތަކުގައި ވަޒަން އެރި މީހުންގެ ތެރެއިން 11 މީހުންނަކީ ކަޅު ނަސްލުގެ މީހުންނެވެ. އަނެއް ދެ މީހުންނަކީ ދޮން ނަސްލުގެ މީހުންނެވެ.

ފިހާރަ ތެރޭގައި ބަޑި ޖެހުމުގެ ހާދިސާ ހިނގި ކަމުގެ ރިޕޯޓް ލިބުމާއެކު ފުލުހުން އެ ސަރަހައްދަށް ގޮސް ފިހާރަ ތެރެއަށް ވަދެ، ހަތިޔާރު އަޅައިގެން ހުރި ޒުވާނާއާ ކުރިމަތިލި އެވެ. ފުލުހުންގެ އިންޒާރާއެކު އެ ޒުވާނާ ހަތިޔާރު ބަހައްޓައި އަމާން ދިނުމުން، ފުލުހުން އޭނާ ހައްޔަރު ކުރުމަށް ފަހު މިހާރު ގެންދަނީ ތަހުގީގު ކުރަމުންނެވެ.

އެ ތަހުގީގާ ބެހޭ މައުލޫމާތު އެނގޭ މީހަކު ސީއެންއެން އަށް ބުނި ގޮތުގައި ފިހާރަ ތެރޭގައި ދިން ހަމަލާގެ އަމާޒަކީ ކަޅު ނަސްލުގެ މީހުން ކަމަށް އެ ޒުވާނާ ވަނީ ތަހުގީގުގައި އެއްބަސްވެފަ އެވެ. ފުލުހުން ބުނި ގޮތުގައި ފިހާރަ ތެރޭގައި ބަޑި ޖެހީ އުމުރުން 18 އަހަރުގެ ޒުވާނެކެވެ.

ހާދިސާ ހިނގި ފިހާރައާ 200 ކިލޯމީޓަރު ދުރުގައި އުޅޭ އެ ޒުވާނާ އޭނާގެ ގެއިން ކާރުގައި ދަތުރުކޮށްފައި އެ ފިހާރަ އަށް ދިޔައީ، އެއީ ކަޅު ނަސްލުގެ ގިނަ އަދަދެއްގެ މީހުން ދިރިއުޅޭ ސަރަހައްދެއްކަން ފާހަގަކުރެވިގެން، ކަޅު ނަސްލުގެ މީހުންނަށް ހަމަލާ ދިނުމުގެ ނިޔަތުގަ އެވެ.