Roadha Mihaaru
ޓްރަމްޕްގެ "ވޯކް އޮފް ފޭމް" އަށް ތިން ވަނަ ގެއްލުން

ޓްރަމްޕްގެ "ހޮލީވުޑް ވޯކް އޮފް ފޭމް" އަށް ތިން ވަނަ ފަހަރަށް ގެއްލުން ދީފި

06 އޮކްޓޯބަރ 2020

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ޝަރަފުގައި ދީފައިވާ "ހޮލީވުޑް ވޯކް އޮފް ފޭމް" އަށް ތިން ވަނަ ފަހަރަށް، ހުކުރު ދުވަހު ގެއްލުން ދީފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ޝަރަފުގައި ދީފައިވާ "ހޮލީވުޑް ވޯކް އޮފް ފޭމް" އަށް ތިން ވަނަ ފަހަރަށް، ހުކުރު ދުވަހު ގެއްލުން ދީފި އެވެ.

މީޑިއާތަކުން ބުނީ ޓްރަމްޕްގެ ތަރިއަށް ހުކުރު ދުވަހުގެ ފަތިހުގެ ވަގުތެއްގައި ގެއްލުން ދިނީ މަޝްހޫރު ސުޕަހީރޯ ކެރެކްޓާ "ހަލްކް" ގެ ކޮސްޓިއުމުގައި ހުރި މީހަކު ކަމަށެވެ. އެމެރިކާގެ ރައީސްކަމުގެ ދެވަނަ ދައުރަކަށް ވާދަކުރައްވާ ޓްރަމްޕްގެ "ވޯކް އޮފް ފޭމް" އަށް ގެއްލުން ދިނީ ޓްރަމްޕާއި އަނބިކަނބަލުން މެލާނިއާ ޓްރަމްޕް ކޮވިޑް-19 އަށް ޕޮޒިޓިވްވިކަން އިއުލާންކުރެއްވުމުގެ ކުރިންނެވެ.

ފުލުހުންނާ ހަވާލާދީ ލޮސް އެންޖެލިސް ޓައިމްސް އިން ބުނީ ޓްރަމްޕްގެ "ވޯކް އޮފް ފޭމް" ގެއްލުން ދިން މައްސަލާގައި އެއްވެސް މީހަކު ހައްޔަރުނުކުރާ ކަމަށެވެ. އެކަމަކު 3،000 ޑޮލަރުގެ އަގުހުރި އެ ޝަރަފުގެ ރަމްޒީ ތަރި އަށް ގެއްލުން ދިނުމަކީ އެމެރިކާގައި ކުށެކެވެ.

ހޮލީވުޑް ޗެމްބާ އޮފް ކޮމާސް އިން ހަރަދުކޮށްގެން ޓްރަމްޕްގެ "ވޯކް އޮފް ފޭމް" ހުކުރު ދުވަހު މެންދުރު ފަހު ވަނީ އަލުން މަރާމާތުކޮށްފަ އެވެ. ޓްރަމްޕަށް އެ ޝަރަފު 2007 ގައި ދީފައި ވަނީ އެމެރިކާގެ ރީތީގެ ރާނިން ހޮވުމަށް ގައުމީ ފެންވަރުގައި ތައާރަފުކުރި ޓީވީ ޝޯއަކާ ގުޅިގެން ޓީވީ ކެޓަގަރީންނެވެ.

ރައީސް ކަމަށް ވަޑައިގެންނެވި ފަހުން އެމެރިކާގެ ވަރަށް ގިނަ ބަޔަކު ނަފުރަތުކުރާ ލީޑަރެއްގެ ގޮތުގައި ފާހަގަކުރެވިފައިވާ ޓްރަމްޕްގެ "ވޯކް އޮފް ފޭމް" އަށް އެންމެ ފުރަތަމަ ބަޔަކު ގެއްލުން ދިނީ 2016 ގަ އެވެ. އޭގެ ފަހުން 2018 ގައި ވެސް ގެއްލުން ދިނެވެ.

ހޮލީވުޑް ޗެމްބާ އޮފް ކޮމާސްގެ ރައީސް/ސީއީއޯ ރާނާ ގަދްބާން ވިދާޅުވީ "ވޯކް އޮފް ފޭމް" ދީފައިވާ ޝަހުސިއްޔަތަކާ ދޭތެރޭ ހިތްހަމަނުޖެހޭ ނަމަ އެ ރުޅިގަނޑު ބާލަން ވާނީ ޕޮޒިޓިވްކޮށް ކަމަށެވެ.

"ތަންނަށް ގެއްލުންވާ ގޮތަށް އަމަލުކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން. ޑިމޮކްރަސީގައި ވެސް ދަސްކޮށްދެނީ ގާނޫނާއި ގަވައިދުތަކުގެ ތެރެއިން އަމަލުތައް ބަހައްޓަން،" އޭނާ ވިދާޅުވި އެވެ.

ރާނާ ވިދާޅުވި ގޮތުގައި ޓްރަމްޕްގެ ތަރި އަށް ގެއްލުން ދިނީ ސިޔާސީ ކަމަކާ ހުރެ ނަމަ ދިން ގެއްލުމަކުން ސިޔާސީ ގޮތުން ޓްރަމްޕަށް ލިބޭނެ ދެރައެއް ނެތެވެ.

"އޭނައާ ދޭތެރޭ ހިތްހަނުޖެހޭ ނަމަ ވޯޓުން ބަލިކޮށްލާ. އެ ފުރުސަތު ޑިމޮކްރަސީގައި އަބަދު ވެސް އޮންނާނެ." ރާނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ "ހޮލީވުޑް ވޯކް އޮފް ފޭމް" އަކީ ހިދުމަތްތެރިންނަށް ދެވޭ ތާރީހީ ލޭންޑްމާކަށްވާތީ އެފަދަ އެއްޗިއްސަށް ގެއްލުން ދިނުމަކީ ތަހުޒީބު ކަމެއް ނޫން ކަމަށެވެ.

މުނިފޫހި ފިލިވުމުގެ ރޮނގުން ދެވޭ "ހޮލީވުޑް ވޯކް އޮފް ފޭމް" ގައި މި ވަގުތު 2،691 ޝަރަފުގެ ތަރި އެކިއެކި ޝަހުސިއްޔަތުންގެ ނަމުގައި ހަދާފައިވެ އެވެ.