Roadha Mihaaru
ހައްޔަރުކޮށްފާނެތީ މުޒާހަރާކުރަން ޓްރަމްޕު ގޮވާލައްވައިފި

ހައްޔަރުކޮށްފާނެތީ މުޒާހަރާ ކުރުމަށް ޓްރަމްޕު ގޮވާލައްވައިފި

19 މާޗް 2023

މި ހަފުތާގެ އަންގާރަ ދުވަހު، އެމެރިކާ ސަރުކާރުން އޭނާ ހައްޔަރުކޮށްފާނެ ކަމަށް ވިދާޅުވެ، ސަޕޯޓަރުން އޭނާގެ ހިމާޔަތުގައި މަގުތަކަށް ނުކުމެ މުޒާހަރާ ކުރުމަށް، އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕު އިއްޔެ ގޮވާލައްވައިފި އެވެ.

މި ހަފުތާގެ އަންގާރަ ދުވަހު، އެމެރިކާ ސަރުކާރުން އޭނާ ހައްޔަރުކޮށްފާނެ ކަމަށް ވިދާޅުވެ، ސަޕޯޓަރުން އޭނާގެ ހިމާޔަތުގައި މަގުތަކަށް ނުކުމެ މުޒާހަރާ ކުރުމަށް، އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕު އިއްޔެ ގޮވާލައްވައިފި އެވެ.

ނަމަވެސް ޓްރަމަޕުގެ ގާނޫނީ ވަކީލުން ވިދާޅުވި ޓްރަމްޕުގެ ހައްޔަރުކޮށްފާނެ ކަމުގެ އެއްވެސް މައުލޫމާތެއް، ގާނޫނު ތަންފީޒުކުރާ އިދާރާތަކުން މިހާތަނަކަށް ނުލިބެ އެވެ. އަދި ޓްރަމްޕު އެ ވާހަކަތައް ދައްކަވަނީ، ޚަބަރު ފަތުރާ ވަސީލަތްތަކުގައި މިހާރު އާންމުވެފައިވާ ބައެއް ވާހަކަތަކަށް ބިނާކޮށް ކަމަށް ވެސް، ގާނޫނީ ވަކީލުން ވިދާޅުވި އެވެ.

ޓްރަމްޕުގެ މައްޗަށް ދައުވާކޮށްފާނެ ކަމަށް ބެލެވެނީ، ބަރަހަނާ ފިލްމު ކުޅޭ އަންހެނެއް ކަމަށްވާ ސްޓޯމީ ޑެނިއަލްސްއާ އެކުގައި ޖިންސީ ގުޅުން ހިންގި މައްސަލައެއް ފެންމަތިވުމުން، އެވާހަކަ ނުދެއްކުމަށް ޓްރަމްޕުގެ ފަރާތުން އޭނާ އަށް ރިޝްވަތު ދިން ކަމުގެ ތުހުމަތުގަ އެވެ. ސްޓޯމީގެ ފަރާތުން އެ ވާހަކަތައް ފަޅާއަރުވައިލީ 2016 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށް ކައިރިވަމުން އައި ދުވަސްވަރު އެވެ.

އެ ވާހަކަތައް އިތުރަށް ނުދެއްކުމަށް އެދި، 2016ގެ ރިއާސީ އިންތިޚާބުގެ އެއް މަސް ކުރިން ޓްރަމްޕުގެ ފަރާތުން ސްޓޯމީ އަށް 130000 ޑޮލަރު ދިން ކަމަށް، ޓްރަމްޕުގެ ކުރީގެ ވަކީލު މިޝެލް ކޮއެން ވަނީ، ހުވާ ކުރައްވައި ހެކިބަސް ދެއްވައިފަ އެވެ. އަދި ރިއާސީ އިންތިޚާބުގެ ތެރޭގައި ގާނޫނާ ޚިލާފަށް އަމަލުކުރުމުގެ ކުށުގައި ކޮއެންވަނީ ޖަލަށް ލައިފަ އެވެ.

ސްޓޯމީ ޑެނިއަލްސް އަށް ރިޝްވަތު ދިން މައްސަލައިގައި ޓްރަމްޕުގެ މައްޗަށް ދައުވާކުރަން ނިންމައިފި ނަމަ، ޓްރަމްޕު ވާނީ، އެމެރިކާގެ ތާރީޚުގައިވެސް، އެ ގައުމުގެ ކުރީގެ ރައީސެއްގެ މައްޗަށް ކުރާ ފުރަތަމަ ޖިނާއީ ދައުވާއަށެވެ. ރިޝްވަތުގެ މި މައްސަލައިގެ އިތުރުން ވެސް، ޓްރަމްޕު، 76،އާ ދެކޮޅަށް އިތުރު ތަހުގީގުތަކެއް މިހާރު ވެސް އަންނަނީ ކުރަމުންނެވެ.

ނަމަވެސް އެއިން އެއްވެސް ތަހުގީގަކާ ގުޅިގެން މިހާތަނަށް ޓްރަމްޕުގެ މައްޗަށް އެއްވެސް ދައުވާއެއް ނުކުރެ އެވެ. އެ ތަހުގީގުތަކާ ގުޅޭ ގޮތުން ޓްރަމްޕު ވިދާޅުވަމުން ގެންދަވަނީ، އޭނާ ގޯސް އެއްވެސް ކަމެއް ނުކުރައްވާ ކަމަށާއި، ސަރުކާރުން މަސައްކަތް ކުރަނީ، ކުރިއަށް އޮތް ރިއާސީ އިންތިޚާބުގައި ރައީސް ބައިޑެންއާ ވާދަކުރައްވަފާނެތީ އެކަން ހުއްޓުވަން ކަމަށެވެ.

ޓްރަމްޕު ތުހުމަތުކުރައްވާ ގޮތަށް، ސަރުކާރުން އޭނާ ހައްޔަރުކުރަން މަސައްކަތް ފަށައިފި ނަމަ، އެމެރިކާގެ އެކި ކަންކޮޅުތަކުގައި ތިބި އޭނާ އަށް ތާއީދުކުރާ އެތައް ހާސް ބަޔަކު މަގުތަކަށް ނުކުމެ ހަމަނުޖެހުން ހިންގައި މުޒާހަރާ ކުރާނެ އެވެ. ޖެނުއަރީ 6، 2021 ގައި ރައީސް ޓްރަމްޕުގެ ގޮވައިލެއްވުމަށް، އޭނާގެ އެތައް ހާސް ސަޕޯޓަރުންނެއް ވަނީ، ގާނޫނު ހަދާ މަޖިލީހުގެ އިމާރާތަށް ވަދެގަނެ ހަމަނުޖެހުންތައް ހިންގައިފަ އެވެ.