Roadha Mihaaru
ފުރަން އުޅެނިކޮށް އެރީ މަތިންދާބޯޓުގެ ފިޔަގަނޑުމައްޗަށް

ފުރަން އުޅެނިކޮށް އެރީ މަތިންދާބޯޓުގެ ފިޔަގަނޑުމައްޗަށް

15 ޑިސެމްބަރ 2020

އެމެރިކާގެ ލަސް ވެގަސްގެ އެއާޕޯޓެއްގައި ފުރަން ތައްޔާރުވެފައި އޮތް މަތިންދާބޯޓެއްގެ ފިޔަގަނޑު މައްޗަށް އެރި މީހަކު ހައްޔަރުކޮށް މައްސަލަ ތަހުގީގުކުރަން ފަށައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އެމެރިކާގެ ލަސް ވެގަސްގެ އެއާޕޯޓެއްގައި ފުރަން ތައްޔާރުވެފައި އޮތް މަތިންދާބޯޓެއްގެ ފިޔަގަނޑު މައްޗަށް އެރި މީހަކު ހައްޔަރުކޮށް މައްސަލަ ތަހުގީގުކުރަން ފަށައިފި އެވެ.

މިކަން ހިނގީ މިދިޔަ ހޮނިހިރު ދުވަހު ލަސް ވެގަސްގެ މެކްކަރަން އިންޓަނޭޝަނަލް އެއާޕޯޓްގައި ޕޯޓްލަންޑަށް ދާން އޮތް އެލަސް އެއާލައިންސްގެ ބޯޓެއްގަ އެވެ. ބޯޓުގެ ފިޔަގަނޑު މައްޗަށް އެރި މީހާ އުޅުނު ގޮތް ފެންނަ ވީޑިއޯއެއް ބޯޓުގައި އިން މީހަކު ނަގާފައިވާ އިރު އެއިން ފެންނަނީ އެ މީހާގެ ބޯޓުގެ އަރިމަތީގެ ފިޔަގަނޑު މަތީގައި ހިނގައި އޮށޯވެ އަދި އިށީނދެގެން އިނުމަށް ފަހު ބޫޓާއި އިސްޓާކީން ބާލައި ފިޔަގަނޑުގެ ކޮޅުން އުސްކޮށް ހުންނަ ބަޔަށް އަރަން އުޅެނިކޮށް ރަންވޭ މައްޗަށް ވެއްޓޭ ތަނެވެ. އޭރު ފިޔަގަނޑު މަތީގަ އާއި ބޯޓްގެ ކައިރީ އަދި ރަންވޭމަތިގައި ވެސް އެއާޕޯޓްގެ އޮފިޝަލުންނާއި ފުލުހުން ތިބެ އެވެ.

މީޑިއާތަކުން ބުނީ އެ މީހާ ރަންވޭ އަށް އަރައި، ބޮއިން 737 މަރުކާގެ ބޯޓުގެ ފިޔަގަނޑު މައްޗަށް އެރިކަން އެނގުމާ އެކު ފްލައިޓްގެ ޕައިލެޓް ކޮންޓްރޯލް ރޫމަށް އެންގި ކަމަށެވެ. ވީޑިއޯ އިން ފެންނަ ގޮތުގައި އެއާޕޯޓްގެ އޮފިޝަލުންނާއި އެއާޕޯޓް ފުލުހުން އެ މީހާ ހައްޔަރުކުރަނީ ރަންވޭ މައްޗަށް ވެއްޓުމާ އެކީގަ އެވެ.

ލަސް ވެގަސްގެ މެޓްރޮޕޮލިޓަން ޕޮލިސް ޑިޕާޓްމަންޓްގެ ތަރުޖަމާނު ޖީ ރެޗެލް ސީއެންއެން އަށް ވިދާޅުވި ގޮތުގައި ބޯޓުގެ ފިޔަގަނޑު މައްޗަށް އެރި މީހާގެ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި އަންނަނީ ބަލަމުންނެވެ. އެކަމަކު އޭނާގެ ވަނަވަރާއި އޭނާއާ ބެހޭ އިތުރު އެއްވެސް މައުލޫމާތެއް ކަމާބެހޭ ފަރާތްތަކުން ހާމައެއްނުކުރެ އެވެ.

އެލަސްކާ އެއާލައިންސް ބުނީ މިކަމާ ހެދި، މެންދުރު ފަހު 12:30 ގައި ފުރަން އޮތް ބޯޓަށް ފުރޭ ގޮތްވީ ހަވީރު 4:48 ގައި ކަމަށެވެ. ސަބަބަކީ އެ އެކަމާ ގުޅިގެން ބޯޓުން ފަސިންޖަރުން ވެސް ބާލައި އިންސްޕެކްޝަނެއް ހަދަން ޖެހުމެވެ.

މަތިންދާބޯޓްތަކަށް ދޭތެރެ ދޭތެރެއިން މިފަދަ ނުރައްކާތެރި ކަންކަން ބައެއް މީހުންގެ ފަރާތުން ދިމާވެ އެވެ. މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައި ޔުކްރޭން އިންޓަނޭޝަނަލް އެއާލައިންސް (ޔޫއައިއޭ) ގެ އަންހެން ފަސިންޖަރަކު މާ ހޫނުވާ ކަމަށް ބުނެ ބޯޓުގެ އިމަޖެންސީ ދޮރުވައި ހުޅުވައި ފިޔަގަނޑު މައްޗަށް އެރި މައްސަލައެއްގައި އޭނާގެ އުމުރު ދުވަހަށް އެ އެއާލައިނުން ދަތުރުނުކުރެވޭ ގޮތަށް ވަނީ ހަދައިފަ އެވެ.