Roadha Mihaaru
ފްލައިޓްތެރޭ މައްސަލަ ޖެހުނު ދެ ލޯބިވެރިން ބޭޒާރުވެއްޖެ

ފްލައިޓްތެރޭ މައްސަލަޖެހުނު ދެ ލޯބިވެރިޔަކު ދުނިޔެއަށް ބޭޒާރު

25 ޖުލައި 2019

އެމެރިކާގެ މަޔާމީން ލޮސް އެންޖެލިސް އަށް ދަރުތު ކުރަން އޮތް އެމެރިކަން އެއާލައިންސްގެ ފްލައިޓެއްގެ ތެރޭގައި މިދިޔަ އާދީއްތަ ދުވަހު މާރާމާރީ ހިންގި މައްސަލައެއްގައި ދެ ލޯބިވެރިޔަކު ބޯޓުން ބާލައި، އެ މީހުންގެ މައްސަލަ ބަލަން ފަށައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އެމެރިކާގެ މަޔާމީން ލޮސް އެންޖެލިސް އަށް ދަރުތު ކުރަން އޮތް އެމެރިކަން އެއާލައިންސްގެ ފްލައިޓެއްގެ ތެރޭގައި މިދިޔަ އާދީއްތަ ދުވަހު މާރާމާރީ ހިންގި މައްސަލައެއްގައި ދެ ލޯބިވެރިޔަކު ބޯޓުން ބާލައި، އެ މީހުންގެ މައްސަލަ ބަލަން ފަށައިފި އެވެ.

މާރާމާރީ ހިންގި މަންޒަރު ފެންނަ ވީޑިއޯއެއް ބޯޓްގައި އެ ވަގުތު ހުރި މީހަކު ޓްވިޓާގައި ހިއްސާ ކުރުމުން ވަރަށް ބޮޑަށް ވައިރަލްވެފައިވެ އެވެ. އޭގައި ފެންނަނީ ފިރިހެނަކު ކޮއްޕަމުން އޭނާގެ ގައިގައި ތަޅަމުން އަދި ހުތުރު އެއްޗެހި ކިޔަމުން އަންހެނަކު ދާ ތަނެވެ.

މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އަންހެން މީހާ ލޯބިވެރިޔާ އަށް ހަމަލާ ދިނީ ބޯޓްގައި އިން އެހެން އަންހެނަކާ ދިމާއަށް އޭނާ ބަލާކަން ފާހަގަކުރެވިގެން ޒުވާބު ކުރުމަށް ފަހު އެވެ. އަދި އޭނާ ވަނީ އަތުގައި އޮތް ލެޕްޓޮޕް ވެސް ފިރިހެން މީހާގެ ބޮލަށް ތަޅާލައިފި އެވެ.

އަންހެން މީހާ އަޑުގަދަކޮށް މާރާމާރީ ހިންގަން ފެށުމުން ފްލައިޓްގެ ކުރޫން އޭނާ ހުއްޓުވަން ވެސް މަސައްކަތް ކުރި އެވެ. އަދި ބޯޓް ތެރޭގައި ހަމަނުޖެހުން އުފައްދާ ނަމަ ބޯޓުން ނެރެން ޖެހިދާނެ ކަމުގެ އިންޒާރު ދިނުމުން ވަރިހަމަ ކަމަށް ބުނެ ކްރޫންނާ ވެސް އޭނާ ޒުވާބުކޮށްފައިވެ އެވެ. ބޯޓްގައި ތިބި އެހެން ޕެސެންޖަރުން ވެސް އަންހެން މީހާގެ އަމަލުތައް ހުރި ގޮތުން އޭނާ އަށް ދިމާއަށް އެއްޗެހި ކިޔާފައިވެ އެވެ.

އެންމެ ފަހުން މައްސަލަގަނޑު ހޫނުވުމުން ދެ މީހުން ވެސް ފްލައިޓުން ބާލައި ކަމާ ބެހޭ ފަރާތްތަކާ ހަވާލު ކުރީ އެވެ. މީޑިއާތަކުން ބުނީ މި ހާދިސާއާ ގުޅިގެން އަންހެން މީހާ އަށް މާރާމާރީ ހިންގިކަމުގެ ދައުވާކުރާނެ ކަމަށް ބެލެވޭ ކަމަށެވެ.