Roadha Mihaaru
ދުނިޔެ ވަށައި އެކަނި ބުރެއް ޖަހައިގެން ރެކޯޑެއް

ދުނިޔެ ވަށައި އެކަނި ބުރެއް ޖަހައިގެން ރެކޯޑެއް

07 އޮކްޓޯބަރ 2021

އެކަނިމާކެނި މަތިންދާބޯޓެއްގައި ދުނިޔެ ވަށައި ބުރެއް ޖަހައިގެން އިނގިރޭސިވިލާތުގެ ފުރާވަރުގެ ފިރިހެނަކު ރެކޯޑެއް ހަދައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އެކަނިމާކެނި މަތިންދާބޯޓެއްގައި ދުނިޔެ ވަށައި ބުރެއް ޖަހައިގެން އިނގިރޭސިވިލާތުގެ ފުރާވަރުގެ ފިރިހެނަކު ރެކޯޑެއް ހަދައިފި އެވެ.

ދުނިޔެ ވަށައި ސޯލޯ ޓްރިޕެއް ޖެހި އެންމެ ޒުވާން މީހާގެ ރެކޯޑް ލިބުނު ޓްރާވިސް ލުޑްލޯގެ އުމުރަކީ ދަތުރު ނިންމާލި ދުވަހާ ހަމައަށް 18 އަހަރާއި 150 ދުވަހެވެ. އޭނާ 44 ހަތަރު ދުވަހުން ނިންމާލި ދަތުރަކީ އެއް އިންޖީނު އެޅި ކުޑަ މަތިންދާބޯޓްގައި ކުރި ދަތުރެކެވެ. އެ ދަތުރަށް ނުކުތީ މި އަހަރުގެ މެއި މަހުގެ 29 ގަ އެވެ. ކުރިން އޭނާ އެ ދަތުރަށް ނުކުންނަން އޮތީ މިދިޔަ އަހަރުގެ ޖޫން މަހުގެ ތެރޭގަ އެވެ. އެކަމަކު ކޮވިޑް-19 އާ އެކު ކުރިމަތިވި އެކިއެކި ހުރަސްތަކާ ހެދި ދަތުރު މި އަހަރަށް ލަސްކުރަން ޖެހުނީ އެވެ.

ނެދަލެންޑްސްގެ ޓިއުޖީން ފަށައިގަނެ، އެތަނަށް ދަތުރަށް ނިންމައިލި އިރު، ދަތުރުގެ ތެރެއިން 12 ގައުމެއްގައި ޓްރާވިސް މަޑު ވެސް ކުރި އެވެ. އެއީ ޕޮލޭންޑް، ރަޝިއާ، ކެނެޑާ، ގްރީންލޭންޑް، އައިސްލޭންޑް، އަޔަލޭންޑް، ސްޕެއިން، މޮރޮކޯ، ފްރާންސް، ބެލްޖިއަމް އަދި އުފަން ގައުމު އިނގިރޭސިވިލާތެވެ.

އުމުރުން އެންމެ 4 އަހަރުން ފެށިގެން މަތިންދާބޯޓް ދުއްވުމުގެ ޝައުގުވެރިކަން އުފެދުނު ޒުވާނާ ބުނި ގޮތުގައި ދުނިޔޭގެ ރެކޯޑެއް ލިބުމަކީ ވަރަށް ބޮޑު އުފަލް އަދި ޝަރަފެކެވެ. އަދި 44 އަހަރު ދުވަހުގެ ސޯލޯ ދަތުރުން ރެކޯޑެއް ހެދުނަސް، އަދިވެސް އެކަން ހުއްޓައިލަން ބޭނުން ނުވާ ކަމަށް ބުންޏެވެ.

އެހެންވެ ޓްރާވިސް މިހާރު އަންނަނީ އެފަދަ ދެވަނަ ދަތުރަކަށް ވެސް ތައްޔާރު ވަމުންނެވެ. އަމާޒަކީ ކުރިއަށް ވުރެ އަވަހަށް ދުނިޔެ ވަށައި އެކަނި ބުރެއް ޖެހުމެވެ.

ޓްރާވިސް އަކީ އިނގިރޭސިލާތުގައި ގްލައިޑާ ޕައިލެޓް ލައިސަންސް ހޯދި އެންމެ ހަގު މީހާ ވެސް މެ އެވެ. އެ ލައިންސަންސް އޭނާ އަށް ލިބުނު އިރު އުމުރަކީ 14 އެވެ. އަދި ޕައިލެޓްކަން ކިޔަވަން ފެށީ 12 އަހަރުގަ އެވެ. އޭނާ އަށް ޕްރައިޓް ޕައިލެޓް ލައިސަންސް (ޕީޕީއެލް) އިން ލިބުނީ އުމުރުން 16 އަހަރުގަ އެވެ.

ދުނިޔެ ވަށައި ބުރު ޖެހުމުގެ ތަޖުރިބާއާ ބެހޭ ގޮތުން ޓްރާވިސް ބުނި އެންމެ އުނދަގޫވި ކަންކަމަކީ މޫސުން ތަން ނުދިނުމުގެ މައްސަލަތަކާއި ނެވިގޭޝަން ކަމަށެވެ.

"މޫސުން ބަދަލުވެ، މި ދަތުރުގެ ތެރެއިން ފިނި ގަދަ ދުވަސްތަކާ ކުރިމަތިލާން ޖެހުމަކީ ވަރަށް ބޮޑު ޗެލެންޖަކަށްވި. އެކަމަކު ބޭނުންވީ ހަމަ ހިތްވަރު ކޮށްފައި ދަތުރު ނިންމާފައި ނޫނީ ހުއްޓާނުލަން،" އޭނާ ބުންޏެވެ. "އެކަން ކާމިޔާބުވުމަކީ މިފަދަ ކަންކަން ކުރަން ލިބުނު އިތުރު ހިތްވަރެއް."

ޓްރާވިސް ބުނި ގޮތުގައި ދަތުރުގެ ތެރެއިން ވަރަށް ބޮޑު އެހެން ދެ ކަމެއް ވެސް ހާސިލުވި އެވެ.

"އެއް ކަމަކީ ޖިބްރާލްޓާގައި ލޭންޑް ކުރެވުން. އަނެއް ކަމަކީ މި ދަތުރަށް ފްލައި ކުރަން ފެށި ފަހުން ފުރަތަމަ ފަހަރަށް 24،072 މޭލު އުހުން ދަތުރު ކުރެވުން." އޭނާ ބުންޏެވެ.

ޓްރާވިސް އަށް ލިބުނު ރެކޯޑް ކުރިން އޮތީ އެމެރިކާގެ ލޫޒިއާނާ އަށް އުފަން މޭސަން އެންޑްރޫގެ އަތުގަ އެވެ. ދުނިޔެ ވަށައި ސޯލޯ ދަތުރެއްކުރި އެންމެ ޒުވާން މީހާގެ ރެކޯޑް އޭނާ އަށް 2018 ގައި ލިބުނު އިރު އުމުރަކީ 18 އަހަރާއި 163 ދުވަހެވެ.

އިނގިރޭސިވިލާތާއި ބެލްޖިއަމްގެ ރަށްވެހިކަން އޮންނަ އުމުރުން 19 އަހަރުގެ އަންހެން ޕައިލެޓެއް ކަމަށްވާ ޒާރާ ރަދަޕޯޑް ވެސް މިހާރު އަންނަނީ އެކަނި ދުނިޔެ ވަށައި ބުރެއް ޖެހުމުގެ މަސައްކަތް ކުރަމުންނެވެ. އޭނާ އެ ދަތުރަށް ނުކުތީ މިދިޔަ އޮގަސްޓް މަހުގެ 11 ގަ އެވެ. އެ ދަތުރާ އެކު އޭނާ ވަނީ އެކަނި ދުނިޔެ ވަށައި ބުރެއް ޖެހި ފުރަތަމަ ފުރާވަރު އަންހެން ކުއްޖާއަށެވެ.