Roadha Mihaaru
ކެބިން ކްރޫއެއްގެ ވަޒީފާ ދޫކޮށްލައި ލިޔުންތެރިއަކަށް

ކެބިން ކްރޫއެއްގެ ވަޒީފާ ދޫކޮށްލައި ލިޔުންތެރިއަކަށް

07 ފެބުރުއަރީ 2021

ކެބިން ކްރޫއެއްގެ ގޮތުގައި ކުރެވިފައިވާ ތަފާތު ތަޖުރިބާތަކާ އެކު، އެމެރިކާ އަންހެނަކު އެ ވަޒީފާ ދޫކޮށްލައި، ލިޔުންތެރިއެއްގެ ގޮތުގައި މަޝްހޫރުކަން ހޯދައިފި އެވެ. އޭނާ މިކިޔައި ދެނީ ފްލައިޓްގައި ދިމާވާ ބިރުވެރި ހާދިސާއެއްގެ ވާހަކަ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ކެބިން ކްރޫއެއްގެ ގޮތުގައި ކުރެވިފައިވާ ތަފާތު ތަޖުރިބާތަކާ އެކު، އެމެރިކާ އަންހެނަކު އެ ވަޒީފާ ދޫކޮށްލައި، ލިޔުންތެރިއެއްގެ ގޮތުގައި މަޝްހޫރުކަން ހޯދައިފި އެވެ. އޭނާ މިކިޔައި ދެނީ ފްލައިޓްގައި ދިމާވާ ބިރުވެރި ހާދިސާއެއްގެ ވާހަކަ އެވެ.

ދަތުރެއްގައި ދިމާވާ ހިތުން ނުފިލާ ވަރުގެ ހިޔާލީ ހާދިސާއަކަށް ޓީޖޭ ނިއުމަން ލިޔުނު ތުރިލާ ޖޯންރާގެ ވާހަކަ "ފޯލިން" މިހާރު އޮތީ ނެރުމުގެ މަރުހަލާގަ އެވެ. މި ވާހަކަ އޭނާ ލިޔަން ފެށީ ދަތުރެއްގެ މަތީގަ އެވެ. ވާހަކަ ވާހަކައިގެ ފުރަތަމަ ފޮޅުވަތްތައް ވެސް އޭނާ ފަށައިގަތީ 36،000 ފޫޓް މަތިންނެވެ. އަދި ވާހަކައިގެ ބޮޑު ބައި ލިޔެ ނިންމީ ވެސް ދަތުރުމަތީގަ އެވެ.

ކުރިން އެލަސްކާ އެއާލައިންސް އާއި ވާޖިން އެމެރިކާގެ ކެބިން ކްރޫއެއްގެ މަގާމު އަދާކުރި އަރިޒޯނާގައި ދިރިއުޅޭ ނިއުމަންގެ "ފޯލިން" ގައި ކިޔައިދޭނީ ލޮސް އެންޖެލިސް އިން ނިއު ޔޯކަށް ކުރާ ދަތުރެއްގެ ދިމާވާ ހާދިސާއެކެވެ. މީގެ ޕްލޮޓް އެނބުރެނީ ދަތުރުގައި ބައިވެރިވާ ޕައިލެޓްގެ އާއިލާގެ ބަޔަކު ރަހީނުކުރުމުން އެ ބޯޓްގައި ތިބި އެންމެންގެ ފުރާނަ ސަލާމަތްކުރަން ޕައިލެޓަށް ކްރޭޝް ލޭންޑިންއަކަށް ދާން މަޖުބޫރުވުމުން ކުރިމަތިވާ ހާދިސާތަކެކެވެ.

ނިއުމަން ބުނި ގޮތުގައި އެ ޕްލޮޓަށް ވާހަކައެއް ލިޔަން ހިޔާލު އައީ އެއް ދުވަހަކު ދަތުރެއްގެ މަތީގައި ނިދީގައި އޮތް ފަސިންޖަރަކު ފެނުމުންނެވެ.

"ހިތަށް އެރީ ފްލައިޓެއްގައި ދަތުރުކުރާ އިރު ފަސިންޖަރުންނަށް ނޭނގޭ އެތައް ކަމެއް ފަރުދާގެ ފުރަގަހުގައި ހިނގާނޭ. ދަތުރަކަށްޓަކައި އެ މީހުންގެ ފުރާނަ މި ދޫކޮށްލަނީ ކޮކްޕިޓްގައި ތިބޭ ދެ ޕައިލެޓުންގެ އަތްމައްޗަށް،" އެސޯސިއޭޓެޑް ޕްރެސް އަށް ދިން އިންޓަވިއުއެއްގައި ނިއުމަން ބުންޏެވެ. "މިފަދަ ކަމެއްގެ ސަބަބުން ދިމާވެދާނެ ނުރައްކަލަކާ ދޭތެރޭ ވިސްނާލުމެއް ނެތި ޕައިލެޓުންނަށް އިތުބާރުކޮށްފައި ދަތުރަކަށް މި އަރަނީ."

އޭނާ ބުނި ގޮތުގައި ވާހަކަ ކިޔައިދޭން ބޭނުންވީ ތިމާގެ އެއްވެސް ބާރެއް ނެތި، ނޭނގި ހުއްޓާ ކޮންމެ ފަދަ ކަމަކާ ވެސް ކުރިމަތިލާން ޖެހިދާނެ ކަމެވެ. އަދި އޭގެ ސަބަބުން ކުރިމަތިވާނެ ހިތްދަތިކަމާއި އަނދިރިކަމުގެ ވާހަކަ އެވެ.

އަންނަ ޖުލައި މަހުގެ ތެރޭގައި ނެރެން ތައްޔާރުވަމުން އަންނަ މި ވާހަކައިގެ ޕަބްލިޝިން ހައުސް އަކީ ސައިމަން އެންޑް ޝޫސްޓާ އެވެ.

ނިއުމަން ބުނި ގޮތުގައި އޭނާ މިހާރު އަންނަނީ ދެވަނަ ވާހަކައިގެ މަސައްކަތް ވެސް ކުރަމުންނެވެ.

"ވަރަށް ހިތްހަމަޖެހޭ ފޯލިންއާ ދޭތެރޭ. އުންމީދުކުރަން ކިޔުންތެރިންނަށް ވަރަށް ޝައުގުވެރި ވާނެ ވާހަކައަކަށް ވާނެ ކަމަށް." އޭނާ ބުންޏެވެ. "ހާއްސަކޮށް ވައިގެ މަގުން ދަތުރުކުރާ މީހުންނަށް."

ނިއުމަން ބުނީ އެ ވާހަކަ ޕަބްލިޝްކުރުމުގެ ފުރުސަތު ލިބުނީ 41 ތަނަކުން އެ ގަބޫލުނުކޮށް ދޫކޮށްލާފައި ވަނިކޮށް ކަމަށެވެ. އެހެންވެ ސައިމަން އެންޑް ޝޫސްޓާ އިން ދިން ފުރުސަތުގެ ސަބަބުން ހުވަފެންތައް ހަގީގަތަކަށް ހެދޭނެކަން ޔަގީންވެއްޖެ ކަމަށް ބުންޏެވެ.

"އަހަރެން ބުނެލަން ބޭނުން ވަނީ ލިޔުންތެރި ކަމަށް ލޯބިކުރާ މީހަކު ނަމަ ނުވަތަ ފޮތެއް ނެރެން ހިޔާލުކުރާ މީހަކު ނަމަ އުންމީދު ގެއްލުވާ ނުލައި ކުރިއަށްދާށޭ،" ނިއުމަން ބުންޏެވެ. "ހުވަފެންތައް ހަގީގަތަކަށް ވާނެ."