Roadha Mihaaru
މަތިންދާބޯޓްގައި ވިހޭ ކުއްޖަކަށް ޑޮކްޓަރުގެ ނަން

މަތިންދާބޯޓްގައި ވިހޭ ކުއްޖަކަށް ޑޮކްޓަރުގެ ނަމާ ގުޅުވައިގެން ނަން ދީފި

16 ޖެނުއަރީ 2022

ގަތަރު އެއާވޭސްގެ މަތިންދާބޯޓެއްގެ ދަތުރުމަތީގައި ޑޮކްޓަރަކު ކުއްޖަކު ވިއްސައިދިނުމުން އޭނާގެ ނަމާ ގުޅުވައިގެން އެ ކުއްޖާ އަށް ނަން ދީފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ގަތަރު އެއާވޭސްގެ މަތިންދާބޯޓެއްގެ ދަތުރުމަތީގައި ޑޮކްޓަރަކު ކުއްޖަކު ވިއްސައިދިނުމުން އޭނާގެ ނަމާ ގުޅުވައިގެން އެ ކުއްޖާ އަށް ނަން ދީފި އެވެ.

ކެނެޑާގެ ޓޮރޮންޓޯ ޔުނިވަސިޓީ ޕްރޮފެސަރެއް ކަމަށްވާ ޑރ. އައިޝާ ޚަތީބްގެ ނަމާ ގުޅުވައިގެން "މިރަކަލް އައިޝާ" ގެ ނަން ދިން ކުއްޖާ އަކީ ސައޫދި އަރަބިއްޔާ އިން ޔުގެންޑާ އަށް ދަތުރުކުރި މީހަކު ދަތުރުމަތީގައި ވިހޭ ކުއްޖެކެވެ. އޭނާ ދަތުރު މަތީގައި ވިހަން ދިމާވީ ބަނޑަށް 35 ހަފުތާވެފައި ވަނިކޮށް ދަތުރުމަތީގައި ކުއްލިއަކަށް ބަނޑުގައި ރިއްސަން ފެށުމުންނެވެ.

އައިޝާ ވިދާޅުވި ގޮތުގައި އެ އަންހެނާ މި މަހުގެ 5 ވަނަ ދުވަހު ވިއްސުމުގެ ފުރުސަތު ލިބުނީ ކުއްލިއަކަށް ބަނޑުގައި ރިއްސައި ވިހެއުމުގެ ތަދުތައް ކުރިމަތިވާން ފެށުމުން ބޯޓްގެ ކްރޫން އޭގައި އަންހެން ޑޮކްޓަރަކު ހުރިތޯ ސުވާކުލުކުރުމުންނެވެ.

"ދެން އަހަރެން ދިޔައި އިރު އަންހެން މީހާގެ ކައިރީގައި ބަޔަކު ޖަމާވެފައި ތިބި. އެ ހިސާބުން އަހަންނާއި އިތުރު ދެ މީހަކާ ވެގެން އަންހެން މީހާ ވިއްސީ،" އައިޝާ ވިދާޅުވި އެވެ. "ނަސީބު ރަނގަޅުކަމުން ދަރިފުޅާއި ކުއްޖާގެ ހާލަތު ވެސް ވަރަށް ރަނގަޅު. އެއްވެސް ކޮމްޕްލިކޭޝަނެއް ނެތް."

އޭނާ ވިދާޅުވި ގޮތުގައި މަތިންދާބޯޓެއްގެ ދަރުތެއްގެ މަތީގައި މީހަކު ވިއްސުމަކީ މިހާތަނަށް ކުރި މިފަދަ ފުރަތަމަ ތަޖުރިބާ އެވެ. އަދި އެކަން ދިޔަލެއް އޮމާން ކަމުން ވަރަށް ބޮޑަށް އުފާވި ކަމަށް ވިދާޅުވި އެވެ.

"އެއަށް ވުރެ ބޮޑަށް އުފާވީ އަހަރެންގެ ނަމާ ގުޅުވައި އަންހެން ކުއްޖާ އަށް ނަން ދިނީމަ،" އައިޝާ ވިދާޅުވި އެވެ. "އެ ކުއްޖާ އަކީ ހަމަ ވައިގެ ތެރޭގައި ވިހޭ މިރަކަލްއެއް ކަހަލަ ކުއްޖެއް."'

އޭނާއާ ގުޅިގެން ޔުގާންޑާ މީހާ ވިއްސައި ދިނުމުގައި އެހީތެރިވެދިން އަނެއް ދެ މީހުންނަކީ އެންކޮލޮޖީ ނަރުހަކާއި ޑޮކްޓާސް ވިތައުޓް ބޯޑާސްގެ ކުޑަކުދިންގެ ހާއްސަ ޑޮކްޓަރެކެވެ.

މަތިންދާބޯޓް ދަތުރުމަތީގައި ވިހެއުމަކީ ވަރަށް އާންމުކޮށް ދިމާވާ ކަމެކެވެ.