Roadha Mihaaru
ކެބިން ކްރޫން ސްކާޓް ދޫކޮށްލައި ހަރުވާޅަށް

އަންހެން ކެބިން ކްރޫންގެ ސްކާޓާއި ހީލްސް ދޫކޮށްލައި ހަރުވާޅާއި ސްނީކާޒް އަށް

12 އޮކްޓޯބަރ 2021

ޔުކްރޭންގެ އެއާލައިނެއްގެ އަންހެން ކެބީން ކްރޫން ގަޔަށް ބާރު ކުރު ސްކާޓާއި ހައި ހީލްސް ދޫކޮށްލައި އަތް ދިގު ޖެކެޓާއި ހަރުވާޅާއި ސްނީކާޒް ޔުނިފޯމެއްގެ ގޮތުގައި ބޭނުން ކުރަން ތައްޔާރުވެއްޖެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ޔުކްރޭންގެ އެއާލައިނެއްގެ އަންހެން ކެބީން ކްރޫން ގަޔަށް ބާރު ކުރު ސްކާޓާއި ހައި ހީލްސް ދޫކޮށްލައި އަތް ދިގު ޖެކެޓާއި ހަރުވާޅާއި ސްނީކާޒް ޔުނިފޯމެއްގެ ގޮތުގައި ބޭނުން ކުރަން ތައްޔާރުވެއްޖެ އެވެ.

ރަސްމީ ކުލައަކަށް އޮރެންޖާއި ހުދު ކުލަ ބޭނުންކުރާ ޔުކްރޭންގެ އަމިއްލަ އެއާލައިނެއް ކަމަށްވާ ސްކައިއަޕް އެއާލައިންސްގެ ޔުނިފޯމަށް މި ގެނައި ބަދަލަށް މި މަހުގެ 22 އިން ފެށިގެން ރަސްމީކޮށް އަމަލުކުރަން މިހާރު ވަނީ ނިންމައިފަ އެވެ. މިކަމާ ގުޅިގެން އަންހެން ކެބިން ކްރޫން ވަނީ ކުންފުނިން ގެނައި އާ ބަދަލަށް މަރުހަބާ ކިޔައި، އެކަމަށް ވަރަށް ބޮޑަށް ޝުކުރު ވެސް އަދާކޮށްފަ އެވެ.

ކެބިން ކްރޫއެއްގެ ގޮތުގައި މަސައްކަތް ކުރާތާ ހަތް އަހަރުވީ އެލެގްޒަންޑްރީނާ ޑެނިސެންކޯ ބުނި ގޮތުގައި މިފަދަ ބަދަލަކަށް އިންތިޒާރުކުރެވޭތާ އެތައް ދުވަހެއްވެއްޖެ އެެވެ. އޭނާ ބުނި ގޮތުގައި މަސައްކަތުގެ މާހައުލުގައި އަންހެނުން ހަދަން އަޅާނެ ހަރުކަށި އުސޫލުތަކަށް ގެންގުޅުމަކީ މި ޒަމާނަށް ނުވެސް ފެތޭ ކަމެކެވެ.

"އެހެންވެ ވަރަށް އުފާކުރަން އަހަރެމެންގެ އެއާލައިނުން މި ގެނައި ހެޔޮ ބަދަލަށް. އުންމީދު ކުރަނީ ކުރިއަށް އޮތް ތަނުގައި އިތުރު އެއާލައިންތަކުން ވެސް މިފަދަ ބަދަލުތައް ގެންނާނެ ކަމަށް." އެލެގްޒެންޑްރީނާ ބުންޏެވެ.

ސްކައިއަޕް އެެއާލައިންސްގެ ޔުނިފޯމަށް ގެނައި ބަދަލާ އެކު ޔުނިފޯމްގައި ހިމެނެނީ އޮރެންޖް ކުލައި ޖެކެޓަކާއި ހަރުވާޅަކާއި ޖެކެޓްގެ އެތެރެއިން ލާ ހުދު ޓީޝާޓަކާއި ފަށުވި ސްކާފަކާ އެކު ހުދު ކުލައިގެ ނައިކީ ސްނީކާޒްއެކެވެ. އަދި ބޮލުގެ އިސްތަށިގަނޑު ބާރުކޮށް ހުޅި ޖަހާފައި ނުވަތަ ގަތާފައި ބެހެއްޓުމުގެ ބަދަލުގައި މިހާރު ބާރުކޮށް އައްސާފައި އަދި ގަތާފައި ވެސް ބެހެއްޓޭނެ އެވެ.

މި ބަދަލުތަކާ ބެހޭ ގޮތުން ސްކައިއަޕްގެ މާކެޓިން ޑިޕާޓްމަންޓްގެ ހެޑް މަރިއާނާ ގްރައިގޮރަސް ވިދާޅުވީ އަންހެނުން ކެބިން ކްރޫންގެ ޔުނިފޯމަށް ގެނައި ބަދަލަކީ ގިނަ ދުވަސްތަކެއްގެ ރިސާޗްތަކަށް ފަހު ގެނައި، ޒަމާނާ ގުޅޭ ވަރަށް ހެޔޮ ބަދަލެއް ކަމަށެވެ.

"ކެބިން ކްރޫންގެ ވަޒީފާ ވަރަށް ޗާކު މަސައްކަތެއްގެ ގޮތުގައި ދެކެވުނަސް އެއީ ވަރަށް ފިޒިކަލް މަސައްކަތެއް. އެހެންވީމަ އެ މީހުންގެ މަސައްކަތަށް ފަސޭހަވާނެ ގޮތަށް ޔުނިފޯމް އޮތުމަކީ ވަރަށް މުހިއްމު ކަމެއް،" އޭނާ ވިދާޅުވި އެވެ. "އާ ބަދަލަކީ އަންހެން ކެބިން ކްރޫންނަށް ހަމަ ނޭވާލާން ލިބުނު މަގުފަހިވި ބަދަލެއް."

އަންހެން ކެބިން ކްރޫންގެ އިތުރުން ފިރިގެން ކެބިން ކްރޫންގެ ޔުނިފޯމަށް ވެސް ބަދަލުތަކެއް ގެންނަން ސްކައިއަޕުން އޮތީ ނިންމައިފަ އެވެ. އެގޮތުން މިހާރު ގަމީހުގެ މަތިން ބޭނުންކުރާ އަތްކެނޑި ޖެކެޓްގެ ބަދަލުގައި ގިރުވާނެ ނެތް ޓީޝާޓަކާ އެކު ލުއި ސޫޓެއް ބޭނުން ކުރާނެ އެވެ. އަދި ކަޅު ކުލައިގެ ސްނީކާޒް ލެވޭނެ އެވެ.

ދެހާސް ސޯޅައިގައި އުފަންވި ސްކައިއަޕް އެއާލައިންސް ރަސްމީކޮށް އޮޕަރޭޓް ކުރަން ފެށި އެއާލައިނެކެވެ. ސާޅީސް މަންޒިލަކަށް ދަތުރުކުރާ އެއާލައިންގެ ފްލީޓްގެ އަދަދަކީ 14 އެވެ. އެ އެއާލައިންގެ މަސައްކަތްކުރާ މީހުންގެ އަދަދު 500 އަށް އަރަ އެވެ.