Roadha Mihaaru
މަތިންދާބޯޓުގައި ފަހާފޮށި ބަހައްޓައިގެން ފަހަނީ

މަތިންދާބޯޓުގައި ފަހާފޮށި ބަހައްޓައިގެން ފަހަނީ

22 ޖޫން 2021

މަތިންދާބޯޓުގައި ދަތުރެއް ކުރާއިރު، އެ ވަގުތުގެ ތެރޭގައި އުފެއްދުންތެރި ކޮންމެވެސް ކަހަލަ ކަމެއް ކޮށްލެވިދާނެކަން މި އަންހެން މީހާ މި ވަނީ ސާބިތުކޮށް ދީފި އެވެ. ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނަ ވީޑިއޯއެއްގައި ފެންނަނީ އެމެރިކާގެ މަތިންދާބޯޓެއްގެ ދަތުރުމަތީގައި ސީޓްގައި އިށީނދެގެން ވަރަށް ހަމަޖެލައިގެން އަންހެނަކު ފަހާ ތަނެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މަތިންދާބޯޓުގައި ދަތުރެއް ކުރާއިރު، އެ ވަގުތުގެ ތެރޭގައި އުފެއްދުންތެރި ކޮންމެވެސް ކަހަލަ ކަމެއް ކޮށްލެވިދާނެކަން މި އަންހެން މީހާ މި ވަނީ ސާބިތުކޮށް ދީފި އެވެ. ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނަ ވީޑިއޯއެއްގައި ފެންނަނީ އެމެރިކާގެ މަތިންދާބޯޓެއްގެ ދަތުރުމަތީގައި ސީޓްގައި އިށީނދެގެން ވަރަށް ހަމަޖެލައިގެން އަންހެނަކު ފަހާ ތަނެވެ.

ސީޓްްގެ ކުރިމަތީގައި ސާވިން ޓްރޭމަތީގައި ކުޑަ ފަހާފޮއްޓެއް ބަހައްޓައިގެން އޭނާ ފަހާ އިރު، ދަތުރުމަތީގައި ތިބި އެހެން މީހުންގެ ހަރަކާތްތައް ހުރި ގޮތް ވެސް ވީޑިއޯ ނެގި މީހާ ދައްކާފައިވެ އެވެ. ގިނަ މީހުން ތިބީ ގޮނޑިގައި ނިދި ޖެހިފަ އެވެ.

އެކަމަކު އެންމެ އަޅައިގަންނަ ކަމަކީ ވަރަށް ގަޔާވެގެން އަންހެން މީހާ ފަހަމުންދާ އިރު، ކައިރީގައި ހުރި ސީޓްތަކުގައި ވެސް މީހުން ނިދާފައި ތިބި ކަމެވެ. ފަހާ އިރު، ފަހާފޮށިން ކޮންމެވެސް ވަރެއްގެ އަޑެއް ވެސް އިވޭނެ އެވެ. އެކަމަކު ވީޑިއޯ އިން ފެންނަ ގޮތުގައި އެ އަޑަށް އުނދަގޫވެގެން އެއްވެސް މީހަކު އުޅޭ ތަނެއް ނުފެނެ އެވެ.

އަންހެން މީހާ ދަތުރުކުރި މަތިންދާބޯޓުން ދަތުރުކުރި ބައެއް މީހުން ބުނެފައިވާ ގޮތުގައި އޭނާ ފަހަން އިނީ ދޮރުފޮތިގަނޑެއް ކަހަލަ އެއްޗަކަށެވެ.

މި ވީޑިއޯއާ އެކު ބައެއް މީހުން ސުވާލު އުފެއްދީ ފަހާފޮއްޓަކީ އާންމުކޮށް ކަރަންޓް އެއްޗަކަށްވާތީ މަތިންދާބޯޓަށް ފަހާފޮށި އެރުވޭތޯ އެވެ. އެމެރިކާގެ ޓްރާންސްޕޯޓް ސެކިއުރިޓީ އެޑްމިނިސްޓްރޭޝަން (ޓީއެސްއޭ) ގެ އުސޫލުތަކަށް ބަލާ އިރު ފަހާ ފޮއްޓަކީ އެރުވުން މަނާ އެއްޗެއް ނޫނެވެ. އެކަމަކު އެ އެއްޗަކީ ސީޓްގެ ދަށަށް ލެވޭ ނުވަތަ މަތީގައި އިންނަ ކެބިން އަށް ލެވޭ ވަރުގެ އެއްޗަކަށް ވާން ޖެހޭނެ އެވެ. އަދި ހަތަރު އިންޗި އަށް ވުރެ ދިގު ނޫން ކަތުރާއި ތިނޯސް ވެސް އެރުވުން ހުއްދަ އެވެ.

އަންހެން މީހާގެ ވީޑިއޯ އަށް ކޮމެންޓްކުރި ގިނަ މީހުން އޭނާ އަށް ކުރީ ތައުރީފެވެ. ގިނަ ބަޔަކު ބުނީ ވަގުތުގެ ބޭނުން ހެޔޮ ގޮތުގައި ހިފުމަކީ މިއީ ކަމަށާއި އުފެއްދުންތެރި ކަމަކީ މިއީ ކަމަށެވެ. އަދި މިއީ މަސައްކަތްތަކަށް ޝައުގުވެރިކަން ދޭ މީހުންގެ ނަމޫނާއެއް ކަމަށް ވެސް ބައެއް މީހުން ބުނެފައިވެ އެވެ.

ދަތުރުމަތީގައި ކަމެއް ނުކޮށް ނޫނީ ތާއްޔާ ޖެހިފައި އިނުމަށް ވުރެ، މިކަހަލަ ކޮންމެވެސް ކަމެއްކޮށްލުމަކީ ބުއްދިވެރި ގޮތެއް ކަމަށް ވެސް ބައެއް މީހުން ބުންޏެވެ.

ބައެއް މީހުން ބުނި ގޮތުގައި އެ މީހުން ދެން ދަތުރަށް އަރާނީ ފަހާފޮށި ހިފައިގެންނެވެ.