Roadha Mihaaru
އެފްބީއައި އިން ހޯދަން އުޅުނު "މީހާއަކީ" ފުއްޕާހަމެއް

އެފްބީއައި އިން ހޯދަން އުޅުނު "މީހާ" އަކީ ފުއްޕާހަމެއް

06 ނޮވެމްބަރ 2021

އެމެރިކާގެ ވައިގެ ސަރަހައްދަށް ނުރައްކާވާ ގޮތަށް، ޖެޓްޕެކެއްގައި ވައިގެ ތެރޭގައި އުޅުނު ކަމަށް ބުނާ މީހެއްގެ މައްސަލަ ޕައިލެޓުންތަކެއްގެ ފަރާތުން މިދިޔަ އަހަރު ރިޕޯޓްކުރުމާ ގުޅިގެން ހިންގި ތަހުގީގަށް ފަހު، އެއީ މީހެއް ނޫން ކަމަށާއި ހެލޮވީން ކެރެކްޓާއެއް އަޅުވާފައި އިން ފުއްޕާހަމެއް ކަމަށް އެފްބީއައިން ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އެމެރިކާގެ ވައިގެ ސަރަހައްދަށް ނުރައްކާވާ ގޮތަށް، ޖެޓްޕެކެއްގައި ވައިގެ ތެރޭގައި އުޅުނު ކަމަށް ބުނާ މީހެއްގެ މައްސަލަ ޕައިލެޓުންތަކެއްގެ ފަރާތުން މިދިޔަ އަހަރު ރިޕޯޓްކުރުމާ ގުޅިގެން ހިންގި ތަހުގީގަށް ފަހު، އެއީ މީހެއް ނޫން ކަމަށާއި ހެލޮވީން ކެރެކްޓާއެއް އަޅުވާފައި އިން ފުއްޕާހަމެއް ކަމަށް އެފްބީއައިން ބުނެފި އެވެ.

މިދިޔަ އަހަރުގެ ފަހުކޮޅު ލޮސް އެންޖެލިސްގެ އިންޓަނޭޝަނަލް އެއާޕޯޓާ ދިމާލުން ޖެޓްޕެކްގައި 3،000 ފޫޓް (915 މީޓަރު) މަތިން އުދުހުނު ކަމަށް ބުނާ މީހާގެ މައްސަލަ އެންމެ ފުރަތަމަ ރިޕޯޓްކުރީ އެމެރިކަން އެއާލައިންސްގެ ޕައިލެޓުންތަކެކެވެ. އަދި އެ މައުލޫމާތު ލިބުމާ އެކު އެފްބީއައިގެ ސަމާލުކަމަށް އެކަން ގެނައީ ފެޑެރެލް އޭވިއޭޝަން އެޑްމިނިސްޓްރޭޝަން (އެފްއޭއޭ) އިންނެވެ. އެއާ އެކު "މީހާ" ހޯދުމުގެ މަސައްކަތް ފަށައި، އެކަމާ ގުޅޭ ތަހުގީގު އެފްބީއައިން ފެށި އެވެ.

އޭރު ޕައިލެޓުން ބުނެފައި ވަނީ ޖެޓްޕެކްގައި އުދުނު މީހާ ފެނުނީ މަތިންދާބޯޓާ 30 ޔާޑް (90 ފޫޓް) ދުރުން ކަމަށެވެ. އޭގެ އިރުކޮޅެއް ފަހުން އެހެން އެއާލައިނަކަށް ވެސް ޖެޓްޕެކްގައި އުޅުނު "މީހާ" ފެނިގެން ކަންބޮޑުވުން ފާޅުކުރި އެވެ. އަދި މިއީ މަތިންދާބޯޓްގެ ދަތުރުތަކަށް ބުރޫއަރައި، ނުރައްކާތެރި ހާދިސާއެއް ވެސް ހިނގުމަށް މެދުވެރިވެދާނެ ކަމެއް ކަމަށް ބުނެ ކަންބޮޑުވުން ފާޅުކުރި އެވެ.

މިކަމާ ގުޅިގެން އެފްބީއައި އިން ހިންގި ތަހުގީގަށް ފަހު ބުރާސްފަތި ދުވަހު ބުނީ ޖެޓްޕެކެއްގައި މީހަކު ވައިގެ ތެރޭގައި ހަރަކާތްތެރި ނުވާ ކަމަށާއި އެއީ ހެލޮވީން ކޮސްޓިއުމެއް އަޅުވާފައި ވައިގެ ތެރެއަށް ދޫކޮށްލާފައި އިން ބޮޑު ފުއްޕާހަމެއް ކަމަށެވެ. އަދި ޖެޓްޕެކެއްގައި އިން ކަމަށް ހީވީ މީހާ އަކީ ހޮލީވުޑްގެ މަޝްހޫރު ޑައިރެކްޓަރު ޓިމް ބާޓަންގެ 1993 ގެ ފިލްމު "ދަ ނައިޓްމެއާ ބިފޯ ކްރިސްމަސް" ގެ ދައްކުވައިދޭ ކެރެކްޓާ ޖެކް ސްލެކިންޓަންގެ ސިފައިގައި ހަދާފައި އޮތް އެއްޗެއް ކަމަށް ވެސް އެފްބީއައި ބުންޏެވެ. އެކަން ކަށަވަރުވީ ފުލުހުންގެ ހެލިކޮޕްޓަރަކަށް ނެގިފައި ހުރި އޭގެ ފުޓޭޖްތަކަކާ ގުޅިގެންނެވެ. އަދި އޭގެ ފޮޓޯއެއް ވެސް އެފްބީއައި އިން އާންމު ކޮށްފައިވެ އެވެ.

އެފްްބީއައި އިން ބުނެފައިވާ ގޮތުގައި މި އަހަރުގެ ޖުލައި މަހުގެ ތެރޭގައި ވެސް ލޮސް އެންޖެލިސްގެ އިންޓަނޭޝަނަލް އެއާޕޯޓާ ދިމާލުން ޖެޓްޕެކްގައި 5،000 ފޫޓް މަތިން ޖެޓްޕެކެއްގައި މީހަކު އުޅުނު ކަމުގެ ރިޕޯޓްތަކެއް ލިބި އެކަން ތަހުގީގުކުރި އެވެ. އަދި އެ ފަހަރު ވެސް ޖެޓްޕެކެއްގައި މީހަކު އުދުހުނު ކަމުގެ އެއްވެސް ހެއްކެއް ލިބިފައެއް ނުވެ އެވެ.