Roadha Mihaaru

އަނިޔާވި ދިވެހި ދަރިވަރުގެ ބޮޑެތި ސާޖަރީތަކެއް ހަދަނީ

ފިލިޕީންސްގެ ފްލައިން ސްކޫލެއްގައި ޕައިލެޓް ތަމްރީނު ހަދަމުން ދަނިކޮށް މަތިންދާބޯޓެއްގެ ބުރަފަތީ ޖެހި އަނިޔާވި ދަރިވަރުގެ ބޮޑެތި ސާޖަރީތަކެއް ހަދަމުންދާ ކަމަށް އޭނާގެ އާއިލާ އިން ބުނެފި އެވެ.

އަނިޔާވި ދަރިވަރުގެ އިތުރު ބޮޑެތި ސާޖަރީތަކެއް ހަދަނީ
މާއިދާ މުހައްމަދު ރަޝާދު
މާއިދާ މުހައްމަދު ރަޝާދު

13 އެޕްރީލް 2025

ފިލިޕީންސްގެ ފްލައިން ސްކޫލެއްގައި ޕައިލެޓް ތަމްރީނު ހަދަމުން ދަނިކޮށް މަތިންދާބޯޓެއްގެ ބުރަފަތީ ޖެހި އަނިޔާވި ދަރިވަރުގެ ބޮޑެތި ސާޖަރީތަކެއް ހަދަމުންދާ ކަމަށް އޭނާގެ އާއިލާ އިން ބުނެފި އެވެ.

އިއްޔެ ހިނގި އެ އެކްސިޑެންޓުގައި އަނިޔާވީ ސްޓޫޑަންޓް ލޯނުގައި ކިޔަވަމުން އަންނަ ހދ. ހަނިމާދޫ، އަބްދުލް މާނިއުއަށެވެ. އޭނާގެ މޫނު މައްޗާއި ބަނޑާއި ކޮނޑަށް އަނިޔާވުމުގެ އިތުރުން އިނގިއްޔެއް ވެސް ބުރިވެފައިވާ ކަމަށް މައުލޫމާތު ލިބެ އެވެ.

އޭނާގެ ބައްޕަ "މިހާރު" އަށް ކިޔައިދިން ގޮތުގައި ފިލިޕީންސްގައި މީގެ އެއް އަހަރު ކުރިން ކިޔަވަން ފެށި މާނިއުއަށް މަތިންދާބޯޓު ދުއްވަން ލިބުނީ ވެސް މީގެ ކުޑަ ދުވަސްކޮޅެއް ކުރިންނެވެ. އެކަމަކު އެ ހާދިސާއަށްފަހު މާނިއުއާ މިހާތަނަށް ވާހަކަ ނުދެއްކޭތީ އެކަން ދިމާވި ގޮތެއް ނޭނގޭ ކަމަށް އޭނާ ބުންޏެވެ.

"އެކަން ދިމާވި ގޮތެއް ނޭނގެ. އެކުގައި އުޅޭ ކުދިން ވެސް ސަކަރާތްވެފައި ތިބީމަ އާއި އެކި ކުދިންގެ ފަރާތުން އެކި ގޮތްގޮތަށް އިވެނީ،" އޭނާ ބުންޏެެވެ.

އޭނާއަށް ލިބުނު އަނިޔާތަކާ ގުޅިގެން އިއްޔެ ވެސް ފަސް ގަޑިއިރުގެ ސާޖަރީއެއް ހެދި އެވެ. އޭގެ ފަހުން އައިސީޔޫގައި ބޭއްވުމަށް ފަހު މިއަދު ހެނދުނު ކޯކަށިގަނޑުގެ އޮޕަރޭޝަނަކަށް ވައްދާފައި ކަމަށް ވެސް އޭނާ ބުންޏެެވެ.

ގިނަ ސާޖަރީތަކެއް ހަދަން ޖެހުނަސް އޭނާގެ ހާލު ސްޓޭބަލް ކަމަށް ވެސް ބައްޕަ ބުންޏެވެ.

ބޯ އަނބުރައިގަނެގެން އޭނާ ބޯޓުން ފޭބި ދަނޑިވަޅުގައި އެ ހާދިސާ ހިނގި ކަމަށް ބުނާއިރު، މާނިއު ވަނީ މެޑިކަލް ޓެސްޓުން ރަނގަޅު ނަތީޖާއަކާ އެކު ފާސްވެފައި ކަމަށް ވެސް އޭނާގެ ބައްޕަ ބުންޏެެވެ.

އެ ހާދިސާއާ ގުޅިގެން މާނިއުގެ އާއިލާގެ ބަޔަކު ވަނީ ފިލިޕީންސަށް ފުރައިފަ އެވެ.