Roadha Mihaaru
ކޮފީ ބުޔަސް ބައެއް މީހުންނަށް އަރާމުކޮށް ނިދެނީ ކީއްވެ؟

ކޮފީ ބުޔަސް ބައެއް މީހުންނަށް އަރާމުކޮށް ނިދެނީ ކީއްވެ؟

27 އޮކްޓޯބަރ 2016

މެންދުރު ފަހު ކޮފީ ތައްޓެއް ބުޔަސް އެ ރެއެއްގެ ނިދި ބައެއް މީހުންނަށް ގެއްލެ އެވެ. އެކަމަކު ނިދަން އޮށޯތުމުގެ ކުރިން ކޮފޯ ބުޔަސް ހަމަ އަރާމުކޮށް ނިދާލާ މީހުން އުޅެ އެވެ. މިއީ ކީއްވެގެން އަންނަ ތަފާތެއް ހެއްޔެވެ؟

ނިއުމަތުﷲ އިދުރީސް ނިއުމަތުﷲ އިދުރީސް

މެންދުރު ފަހު ކޮފީ ތައްޓެއް ބުޔަސް އެ ރެއެއްގެ ނިދި ބައެއް މީހުންނަށް ގެއްލެ އެވެ. އެކަމަކު ނިދަން އޮށޯތުމުގެ ކުރިން ކޮފޯ ބުޔަސް ހަމަ އަރާމުކޮށް ނިދާލާ މީހުން އުޅެ އެވެ. މިއީ ކީއްވެގެން އަންނަ ތަފާތެއް ހެއްޔެވެ؟

އާ ދިރާސާއެއްގައި ބުނަނީ މި ތަފާތުގެ އަސްލު އެ މީހެއްގެ ޖީން އާ ގުޅިފައިވުން އެކަށީގެންވާ ކަމަށެވެ.

"ކޮންމެ މީހެއްގެ ހަށިގަނޑުގެ ވެސް ކޮފީ އަށް އިޖާބަދޭ ގޮތުގައި ބޮޑު ތަފާތެއް ހުރެދާނެ. މި ތަފާތުގެ އަސްލު، ކެފެއިން އަށް ވުރެ މާ ދުރަށް ހިނގައިދާނެ،" އާ ދިރާސާގައި އިސްކޮށް ހުންނެވި މެރިލީން ކޯނީލްސް ވިދާޅުވެފައިވެ އެވެ. އޭނާ އަކީ ޗިކާގޯގެ ނޯތުވެސްޓާން ޔުނިވަސިޓީ ފެއިންބާގް ސްކޫލް އޮފް މެޑިސިންގެ ޑިޕާޓްމަންޓް އޮފް ޕްރިވެންޓިވް މެޑިސިންގެ އެސިސްޓެންޓް ޕްރޮފެސަރެކެވެ.

މީގެ ކުރީގެ ދިރާސާއެއްގައި ކޯނީލްސް ވަނީ ކޮފީ ބޯ ހިތްވުމާ ޖީންއާ ގުޅުން ހުރިކަން ހޯއްދަވައިފަ އެވެ. ފަހުގެ ދިރާސާގައި ބަލާފައި ވަނީ ކޮފީ އަށް ބޭނުންވުމާ ގުޅުން ހުރި ޖީންތަކުގައި ހުންނަ ސިފަތަކާއި ހަށިގަނޑަށް ކެފެއިން އެތެރެވުމުން ބައެއް މީހުންގެ ލޭގެ ތެރޭގައި އުފެދޭ ކެމިކަލްތަކާ ހުރި ގުޅުމެވެ.

އޭނާ ވިދާޅުވީ ކޮފީ ބުއިމުގެ އާދަ އަށަގަންނުވާ ގޮތަށް ޖީން ވޭރިއޭޝަން ހުންނަ މީހުންގެ ލޭގައި ކެފެއިންގެ ސަބަބުން އުފެދޭ ކެމިކަލްގެ މިންވަރު ދަށް ކަމަށެވެ. މީގެ މާނަ އަކީ މި ވޭރިއޭޝަން ހުންނަ މީހުންގެ ހަށިގަނޑުގައި ކެފެއިން މެޓަބޮލިޒަމް އަވަސްވުން ކަމަށް ފާހަގަކޮށްފައިވެ އެވެ. އެހެން ގޮތަކަށް ބުނާ ނަމަ، ކޮފީ ބޯހިތްވާ މީހުންނަކީ ކޮފީގެ ސަބަބުން ނިންޖަށް މާބޮޑު އަސަރެއް ނުކުރާނެ މީހުންނެވެ.

ކެފެއިން މެޓަބޮލިޒަމް އާއި ގުލްކޯޒް އަދި ލިޕިޑްސްއާ ވެސް ގުޅުން ހުންނަކަން މި ދިރާސާއިން ވަނީ ހާމަވެފަަ އެވެ.

"ކެފެއިން މެޓަބޮލިޒަމް އާއި ކެފެއިން ބޭނުންކުރާ ހިތްވުމާ މި ޖީން ގުޅެނީ ކިހިނެއް ކަމެއް އަދި ހޯދިފައެއް ނެތް. މިކަން އިތުރަށް ދިރާސާކޮށްފި ނަމަ ސިއްހީ ވަރަށް ގިނަ ކަންކަމާ ބެހޭ ގޮތުން އާ ކަންތައްތަކެއް އެނގިގެން ހިނގައިދާނެ،" ޔުނިވަސިޓީގެ ނިއުސް ރިލީޒެއްގައި ކޯނީލްސް ވިދާޅުވެފައިވެ އެވެ.

އޭނާ ވިދާޅުވެފައި ވަނީ މިއީ އެކި މީހުންގެ ހަށިގަނޑު ކެފެއިން އަށް އިޖާބާދޭ ގޮތުގައި ބޮޑެތި ތަފާތުތަކެއް ހުންނަކަން ޔަގީންކުރެވުނު ދިރާސާއެކެވެ. މި ދިރާސާ ހިއުމަން މޮލެކިއުލާ ޖެނެޓިކްސްގައި މިހާރު ވަނީ ޝާއިއުކޮށްފަ އެވެ.