Roadha Mihaaru
ނިދި މަދުވާ ނަމަ ހަނދާންނެތޭ ބަލީގެ ނުރައްކާ ބޮޑު

ނިދި މަދުވާ ނަމަ ހަނދާންނެތޭ ބަލީގެ ނުރައްކާ ބޮޑު

15 ފެބުރުއަރީ 2021

ރޭގަނޑުގެ ނިދި ފަސް ގަޑިއިރަށް ވުރެ މަދުވާ ނަމަ ސިކުނޑީގެ ސިއްހީ ހާލަތު ދަށްވެ، ޑިމެންޝިއާ ނުވަތަ ހަނދާންނެތޭ ބަލީގެ ޝިކާރައަކަށްވުމުގެ ފުރުސަތު ބޮޑުވާ ކަމަށް ދިރާސާއެއްގައި ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ރޭގަނޑުގެ ނިދި ފަސް ގަޑިއިރަށް ވުރެ މަދުވާ ނަމަ ސިކުނޑީގެ ސިއްހީ ހާލަތު ދަށްވެ، ޑިމެންޝިއާ ނުވަތަ ހަނދާންނެތޭ ބަލީގެ ޝިކާރައަކަށްވުމުގެ ފުރުސަތު ބޮޑުވާ ކަމަށް ދިރާސާއެއްގައި ބުނެފި އެވެ.

ޑިމެންޝިއާ އަކީ އުމުރުން ދުވަސްވާން ފެށުމުން އާންމުކޮށް ދިމާވާ މައްސަލައެކެވެ. މީގެ ކުރިން ބޮޑަށް ގަބޫލުކުރެވިފައި އޮންނަނީ ނިދުމުގެ މައްސަލަތައް ކުރިމަތިވަނީ ހަނދާންނެތޭ ބަލީގެ ސީރިއަސް ހާލަތު ކަމަށްވާ އަލްޒެއިމާގެ އަލާމާތެއްގަ ގޮތުގައި ކަމަށެވެ.

ނަމަވެސް އޭޖިން ޖާނަލްގައި ޝާއިއުކުރި އާ ދިރާސާ ރިޕޯޓްގައިވާ ގޮތުން ނިދި މަދުވުމާއި ހަނދާން ނެތޭ ބައްޔާ ގުޅުން އޮތްކަން މިހާރު ޔަގީންވެ އެވެ. އެގޮތުން ރޭގަނޑުގެ ނިދި ފަސް ގަޑިއިރަށް ވުރެ މަދުވާ ނަމަ އެއީ އަލްޒެއިމާގެ ހާލަތު ގޯސްވުމާ އެކު، ފުރާނަ އަށް ވެސް ގެއްލުވުމުގެ ފުރުސަތު އޮތް ކަމެކެވެ. ސިއްހީ ތަޖުރިބާކާރުން އަބަދު ވެސް ވިދާޅުވާ ގޮތުގައި ރޭގަނޑުގެ ނިދި ފުރިހަމަކުރަން އެންމެ މަދުވެގެން ވެސް އަށް ގަޑިއިރު ބޭނުންވާނެ އެވެ.

އެހެން ނޫން ކަމަށްވާ ނަމަ ތާއްޔާ ޖެހުމާއި ކުރަން ހުންނަ މަަސައްކަތްތަށް ފޯކަސް ނުކުރެވުމާއި ކަންކަން ކަމަށް ދޭންވާ ސަމާލުކަން ނުދެވުމާއި ކަންކަން ހަނދާން ނެތުން ފަދަ މައްސަލަތައް ކުރިމަތިވާން ފަށާނެ އެވެ.

އޭޖިން ޖާނަލްގައި ޝާއިއުކޮށްފައިވާ އާ ދިރާސާ އަކީ އުމުރުން 65 އަހަރުން މަތީގެ 2،600 އަށް ވުރެ މީހުންގެ ނިދުމުގެ ހާލަތާ ބެހޭ ގޮތުން 2013-2014 އަށް މައުލޫމާތު އެއްކޮށް އަދި އެ މީހުންގެ ނިދުމުގެ ޕެޓާންތަކާ ބެހޭ ޓޭޑާތައް ފަސް އަހަރުގެ މުއްދަތަށް އެއްކޮށްގެން ނެޝަނަލް ހެލްތު އެންޑް އޭޖިން ޓްރެންޑްސް ސްޓަޑީ (އެންއެޗްއޭޓީއެސް) އަށް ބިނާކޮށް ހަދާފައިވާ ދިރާސާއެކެވެ. މީގެ މައިގަނޑު ނަތީޖާ ދައްކަނީ ނިދުމަށް ދިމާވާ މައްސަލަތަކާއިު ޑިމެންޝިއާއާ ގުޅުން އޮތް ކަމެވެ.

ދިރާސާގައި ފާހަގަކޮށްފައިވާ މައިގަނޑު އެއް ޕޮއިންޓްގައި ފާހަގަކޮށްފައިވާ ގޮތުގައި ނިދަން އުޅުނަސް، ނިދަން އުނދަގޫވެ އެކަމުގެ ތެރޭގައި ބައިގަޑިއެއްހާ އިރު ހޭދަވާ ނަމަ އެ މީހަކީ ޑިމެންޝިއާގެ ނުރައްކާ 45 ޕަސެންޓަށް އިތުރު މީހެއް ކަމަށް ވެދާނެ އެވެ. އަދި ބަރާބަރަށް ނުދި ނުލިބޭ ނަމަ ދިމާވާ މައްސަލަތަކުގައި މީހާގެ ފުރާނަ އަށް ގެއްލުންވުމުގެ ފުރުސަތު ވެސް ބޮޑެވެ. އިންސާނާ ހަށިގަނޑުގެ ޓިޝޫތަކަށް ދިރުން އައުމުގައި ނިންޖަކީ ވަރަށް މުހިއްމު އެއްޗެކެވެ.

"އެހެންވީމާ ނިދި މަދުވުމާއި ޑިމެންޝިއާ އޮތް ގުޅުމަކީ މިހާރު ކަށަވަރުކަމެއް،" ދިރާސާގައި އިސްކޮށް މަސައްކަތްކުރެއްވި ޑރ. ރެބެކާ ރޮބިންސަން ވިދާޅުވި އެވެ.

މިދިޔަ މަހު އާންމުކުރި ދިރާސާއެއްގައި ބުނާ ގޮތުން އުމުރުން ދުވަސްވާ ވަރަކަށް ނަޓްސްގެ ބާވަތްތައް ކާ ނަމަ އެއީ ހަނދާން ނެތޭ ބަލީގެ ޝިކާރައަކަށްވުމުގެ ފުރުސަތު ކުޑަކޮށްދޭ ކަމެކެވެ.