Roadha Mihaaru
ހަމަނިދި ނުލިބޭ ނަމަ ސްޓްރޯކާއި ހާޓްއެޓޭކްގެ ނުރައްކާ

ހަމަނިދި ނުލިބޭ ނަމަ ސްޓްރޯކާއި ހާޓްއެޓޭކްގެ ނުރައްކާ

09 ނޮވެމްބަރ 2019

ނިދަން އުނދަގޫވެ، ހަމަ ނިދި ނުލިބޭ ނަމަ ހިތުގެ ސިއްހީ ބޮޑެތި މައްސަލަތައް ކުރިމަތިވުމުގެ ފުރުސަތު ބޮޑު ކަމަށް ދިރާސާއެއްގައި ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ނިދަން އުނދަގޫވެ، ހަމަ ނިދި ނުލިބޭ ނަމަ ހިތުގެ ސިއްހީ ބޮޑެތި މައްސަލަތައް ކުރިމަތިވުމުގެ ފުރުސަތު ބޮޑު ކަމަށް ދިރާސާއެއްގައި ބުނެފި އެވެ.

އެމެރިކަން އެކެޑެމީ އޮފް ނިއުރޮލޮޖީ ޖާނަލްގައި ޝާއިއުކޮށްފައިވާ ދިރާސާގައި ބުނީ ނިދުމުގައި މައްސަލަތައް ހުންނަ މީހުންނަށް އޮތް އެންމެ ބޮޑު ބިރަކީ ސްޓްރޯކާއި ހާޓްއެޓޭކް ކަމަށެވެ. އެހެންވެ ނިދަން އުނދަގޫވުމުގައި މައްސަލަތައް ހުންނަކަން ފާހަގަކުރެވޭ ނަމަ ޑޮކްޓަރަކަށް ދައްކައިގެން ފަރުވާ ހޯދުން މުހިއްމު ކަމަށް ބުންޏެވެ.

ދިރާސާ ހެދުމުގައި ބައިވެރިވި ހަވާޑް ޔުނިވަސިޓީގެ ޕްރޮފެސަރު އަދި އެމެރިކާގެ ބޮސްޓަންގެ މެސެޝޫޓެސް ޖެނެރެލް ހޮސްޕިޓަލްގެ ސްޓްރޯކް ޑިވިޝަންގެ ޗީފް ޑރ. ނަތާލިއާ ރޮސްޓް ވިދާޅުވީ ހިތުގެ ބަލިތަކާއި ނިދުމާ އޮތީ ސީދާ ކޮން ކަހަލަ ގުޅުމެއް ކަމެއް ސާފު ނުވިޔަސް، ދުޅަހެޔޮ ސިއްހަތަކަށް ނިދި ވަރަށް މުހިއްމު ދައުރެއް އަދާކުރާ ކަމެކެވެ.

"އޭގެ މާނަ އަކީ ނިދުމަށް ބުރޫއަރާ ނަމަ މީހާގެ އާންމު ދިރިއުޅުމަށް ވެސް ނޭދެެވޭ އަސަރުތައް ކުރާލެއް ބޮޑޭ،" އޭނާ ވިދާޅުވި އެވެ.

މި ދިރާސާގައި ވަނީ ނިންޖާ ގުޅުން ހުރި މައިގަނޑު ތިން ކަމަކަށް ބަލައިފަ އެވެ. އެއީ ނިދަން އުނދަގޫވުމާއި ނުނިދި އެތައް އިރެއްވަންދެން އޮންނަން ޖެހޭތޯ އާއި ނިދޭ އިރަށް ހޭލެވޭތޯ އާއި ދެން އޭގެ ފަހުން ނިދަން އުނދަގޫވޭތޯ އާއި ރޭގަނޑުގެ ހަމަ ނިދި ނުލިބުމުގެ ސަބަބުން، ދުވާލުކުރަން ޖެހޭ މަސައްކަތަށް ބުރޫއަރާތޯ އެވެ.

މި ސުވާލުތަކަށް ބިނާކޮށް ހެދި ދިރާސާ އިން ދެއްކި ނަތީޖާ އަށް ބަލާ އިރު މި ތިން މައްސަލަ ތަޖުރިބާކުރަން ޖެހޭ މީހުންނަށް ކޮރަނަރީ އާޓެރީ ޑިޒީޒް ޖެހުމުގެ ފުރުސަތު 22 ޕަސެންޓަށް އަރާ އިރު އެފަދަ މީހުންނަށް އެ ނޫން މީހުންނާ އަޅާބަލާ އިރު ސްޓްރޯކް ޖެހުމުގެ ފުރުސަތު 10 ޕަސެންޓް އިތުރެވެ.

ދިރާސާގައި ވަނީ ތިން ހާލަތަށް ވަކިވަކިން ބަލައި އެ ކަންކަމުގެ ސަބަބުން ހިތުގެ މައްސަލަތައް ކުރިމަތިވާ ނިސްބަތް ވެސް ހޯދައިފަ އެވެ. ރޭގަނޑުގެ ހަމަނިދި ނުލިބި ދުވާލުގެ މަސައްކަތައް ބުރޫއަރާ މީހުންނަށް ހިތުގެ އެކި މައްސަލަތައް ކުރިމަތިވުމުގެ ފުރުސަތު 13 ޕަސެންޓް ބޮޑެވެ.

އަދި ނިދަން އުނދަގޫވެ، ނުނިދި އެތައް އިރެއް ވަންދެން އޮންނަން ޖެހޭ މީހުންނަށް ކުއްލިއަކަށް ސްޓްރޯކާއި ހާޓްއެޓޭކް ޖެހުމުގެ ފުރުސަތު 9 ޕަސަންޓަށް އިތުރުވާ އިރު، ނިދާއިރަށް ހޭލެވޭ މީހުންނަށް ސްޓްރޯކާއި ހާޓްއެޓޭކް ޖެހުމުގެ ފުރުސަތު 7 ޕަސެންޓަށް އިތުރެވެ.

މީހަކު ނުނިދި އެނދުގައި އިށީނދެލައިގެން.

މީހަކު ނުނިދި އެނދުގައި އިށީނދެލައިގެން.

ދިރާސާގައި ފާހަގަކޮށްފައިވާ ގޮތުގައި މިފަދަ މައްސަލަތައް ކުރިމަތުވުމުގެ ފުރުސަތު ބޮޑީ ޒުވާނުންނާއި ލޭގެ ހައި ބްލަޑް ޕްރެޝަރު ނުވަތަ ހައިޕަޓެންޝަން ހުންނަ މީހުންގެ މެދުގަ އެވެ.

"އެހެންވެ ދުރާލައި އިންސޯމްނިއާގެ އަލާމަތްތައް ދެނަގަނެ ފަރުވާ ހޯދުން ވަރަށް މުހިއްމު،" ދިރާސާގައި ބައިވެރިވި ޗައިނާގެ ބެއިޖިންގެ ޕެކިން ޔުނިވަސިޓީގެ ޑރ. ލިމިންގް ލީ ވިދާޅުވި އެވެ.

މީގެ ކުރިން ހަދާފައިވާ ބައެއް ދިރާސާތަކުން ވެސް ދައްކާ ގޮތުގައި ހަމަނިދި ނުލިބޭ މީހުންގެ ހޯމޯން ފަންކްޝްތަކަށް ގުޑުން އަރުވާލައި، އިންފްލެމޭޓަރީ ޕްރެސޮސެސް މަތިވެ މީހާގެ މެޓަބޮލިޒަމަށް ބުރޫއަރުވައިލަ އެވެ.