Roadha Mihaaru
މާ ގިނައިން ތަރުކާރީ ކެޔަސް ސަލާތަމަތެއް ނުވޭ

މާ ގިނައިން ތަރުކާރީ ކެޔަސް ހިތުގެ ބަލިތަކުން ސަލާތަމަތެއް ނުވޭ

22 ފެބުރުއަރީ 2022

މާ ގިނައިން ތަރުކާރީ ކައިގެން އެކަނި، ހިތުގެ ބަލިތަކުން ފުރިހަމަ ރައްކާތެރިކަން ނުލިބޭނެ ކަމަށް އިނގިރޭސިވިލާތުގައި ހެދި ދިރާސާއަކުން ހާމަވެއްޖެ އެވެ.

މާ ގިނައިން ތަރުކާރީ ކައިގެން އެކަނި، ހިތުގެ ބަލިތަކުން ފުރިހަމަ ރައްކާތެރިކަން ނުލިބޭނެ ކަމަށް އިނގިރޭސިވިލާތުގައި ހެދި ދިރާސާއަކުން ހާމަވެއްޖެ އެވެ.

ހިތުގެ ބަލިތަކުން ރައްކާތެރިކަން ލިބޭ މިންވަރު ބޮޑަށް ބިނާވަނީ ތަރުކާރީގެ އިތުރުން މީހާ ކައި އުޅޭ އެހެން އެއްޗެއްސާއި ކަސްރަތުކުރާ މިންވަރާއި އަދި އެ މީހަކު ދިރިއުޅޭ މާހައުލަކަށް ކަމަށް، އިނގިރޭސިވާލުގެ އޮކްސްފޯޑް ޔުނިވާސިޓީ އާއި ބްރިސްޓޮލް ޔުނިވާސިޓީ އަދި ޗައިނާގެ ހޮންކޮންގް ޔުނިވާސީޓިން ގުޅިގެން ހެދި އެ ދިރާސާގައި ބުނެފައިވެ އެވެ.

އެ ދިރާސާގައި ބުނީ ބެލެންސް ޑައިޓެއް ގެންގުޅޭ ނަމަ، ކެންސަރު ހިމެނޭ ގޮތަށް ތަފާތު އެހެން ބަލިތަކުން ވެސް ރައްކާތެރިކަން ލިބޭ ކަމަށެވެ.

ކެއުމުގައި ކޮންމެ ދުވަހަކު، ފަސް ވައްތަރެއްގައި މޭވާ އާއި ތަރުކާރީ ހިމަނަން ސިއްހީ މާހިރުން ލަފާދެ އެވެ. އެއީ؛

- މޭވާ އާއި ތަރުކާރީން ހަށިގަނޑަށް ގިނަ އަދަދެއްގެ ވިޓަމިން ލިބުން.

- މޭވާ އާއި ތަރުކާރީގައި ގިނަ އަދަދެއްގެ ފައިބާ ހިމެނޭތީ، އޭގެން ހަޖަމުކުރުމުގެ ނިޒާމު ވަރުގަދަކޮށްދީ އަދި ގޮހޮރުގެ ކެންސަރުން ޖެހުމުގެ ފުރުސަތު ކުޑަކޮށްދިނުން.

- ހިތުގެ ބަލިތަކާއި އެހެން ވައްތަރުތަކުގެ ކެންސަރު ޖެހުމުގެ ފުރުސަތު ކުޑަކޮށްދިނުން.

- ބެލެންސް ޑައިޓެއް ގެންގުޅުމަށް ތަރުކާރީ އާއި މޭވާ އެހީވުން.

- ތަރުކާރީ އާއި މޭވާއި ފެޓްސް އާއި ކެލޮރީސް މަދުވުން.

ޔުނިވާސިޓީތައް ގުޅިގެން ހެދި އެ ދިރާސާގައި 400،000 މީހުން ބައިވެރިވި އެވެ. އެމީހުންނަށް ޖެހުނީ އެމީހުންގެ ކޮންމެ ދުވަހެއްގެ ކެއުމާ ގުޅޭ ގޮތުން ސުވާލުކަރުދާހެއް ފުރާށެވެ. ރޯފިލުވައިގެންނާއި އަދި ރޯނުފިލުވާ ކައި އުޅޭ ތަރުކާރީގެ ބާވަތްތައް ވެސް އޭގައި ލިޔަން ޖެހުނެވެ.

އެ ސުވާލުކަރުދާހުން ލިބުނު ޖަވާބުތަކުގައި އެވްރެޖްކޮށް ކޮންމެ ދެމީހަކު އެކަކު ބުނެފައި ވަނީ ކޮންމެ ދުވަހަކު ސައި ސަމުސަލެއްގެ މިންވަރަށް ރޯނުފިލުވާ ތަރުކާރީ އާއި އޭގެ ތިން ސަމްސަލުގެ ރޯފިލުވާފައި ހުންނަ ތަރުކާރީ ކާ ކަމަށެވެ. އެ ނަތީޖާ އާ އެކު، މިދިޔަ 12 އަހަރުގެ ތެރޭގައި އެ މީހުންނަށް ދިމާވެފައިވާ ހިތުގެ މައްސަލަތަކާއި އަދި ހިތުގެ މައްސަލަތަކާ ގުޅިގެން ފަރުވާ ހޯދި މިންވަރު ވެސް ބަލައި، އެނަލައިޒް ކޮށްފައިވެ އެވެ.

މާ ގިނައިން ތަރުކާރީ ކައިގެން އެކަނި ހިތުގެ ބަލިތަކުން ފުރިހަމަ ރައްކާތެރިކަން ނުލިބުނަސް، ހިތުގެ ބަލިތަކުން މީހާ މަރުވުމުގެ ފުރުސަތު 15 ޕަސެންޓަށް ކުޑަކޮށްދޭ ކަމަށް އެ ދިރާސާއިން އެނގުނެވެ. ހާއްސަކޮށް ގިނައިން ރޯނުފިލުވާ ތަރުކާރީ ކާ ނަމަ އެވެ. އެކަމަކު، އެ މީހަކު ކައި އުޅޭ އެހެން އެއްޗެއްސާއި ތުންފަތުގެ އިސްތިއުމާލުކުރާ ނަމަ، ރިސްކް ބޮޑުވެ އެެވެ.