01 ނޮވެމްބަރ 2021
މީހާ އަށް ނިދި ލިބޭ މިންވަރާއި އޭނާ ހިނގާ ގޮތާ ގުޅުން އޮތް ކަމަށް ދިރާސާއެއްގައި ބުނެފި އެވެ.
މީހާ އަށް ނިދި ލިބޭ މިންވަރާއި އޭނާ ހިނގާ ގޮތާ ގުޅުން އޮތް ކަމަށް ދިރާސާއެއްގައި ބުނެފި އެވެ.
އެ ދިރާސާގައި ބުނެފައިވާ ގޮތުގައި އިންސާނަކަށް ދުވާލެއްގެ މައްޗަށް ބޭނުންވާ ހަމަ ނިދި ނުލިބޭ ނަމަ އެކަމުން މީހާ ހިނގުމަށް އަސަރުކޮށް، ބެލެންސް ގެއްލުން ގަދަ މައްސަލަތައް ދިމާވުމުގެ ފުރުސަތު ބޮޑެވެ. އެމެރިކާގެ މޭރީލޭންޑް ޔުނިވަސިޓީގެ ސްކޫލް އޮފް މެޑިސިން އިން ހަދާފައިވާ ދިރާސާގައި ބުނީ ރޭގަނޑަކީ ނިދަން ހާއްސަ ވަގުތަކަށް ވުމާ އެކު މީހަކަށް އެންމެ މަދުވެގެން ވެސް 8 ގަޑިއިރުގެ ނިދި ބޭނުންވާ ކަމަށެވެ. އަދި އެ މިންވަރަށް ނިދި ނުލިބޭ ނަމަ އެއީ މީހާގެ އާންމު ހާލަތަށް ނޭދެވޭ އެތައް އަސަރެއް ކުރުވާ ކަމެއް ކަމަށް ބުންޏެވެ.
ދިރާސާގައި އިސްކޮށް މަސައްކަތް ކުރެއްވި މޭރީލޭންޑް ޔުނިވަސިޓީގެ ނިއުރޮލޮޖީ ޕްރޮފެސަރެއްގެ އިތުރުން މެސެޗޫޒެސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީގެ މެކޭނިކަލް ޑިޕާޓްމަންޓްގެ ޕްރިންސިޕަލް ރިސާޗް ސައިންޓިސްޓެއްގެ ގޮތުގައި ވެސް މަސައްކަތް ކުރައްވާ ހާމެނޯ ކްރެބްސް ވިދާޅުވީ ރޭގަނޑު ލިބެން ޖެހޭ 8 ގަޑިއިރުގެ ނިދި ފުރިހަމަ އާދަކޮށް ނުލިބޭނެ ނަމަ އެކަމާ ދޭތެރޭ ވަރަށް ފުންކޮށް ވިސްނަން ޖެހޭ ކަމަށެވެ.
"ކުރިން ބެލެވިފައި އޮންނަނީ މީހާގެ ހިނގުމަކީ އެ މީހާގެ ސިކުނޑިއާ މާ ބޮޑު ގުޅުމެއް ނެތް، އޮޓޮމެޓިކް ޕްރޮސެސްއެއްގެ ގޮތުގައި. އެކަމަކު އާ ދިރާސާ އިން ދައްކާ ގޮތުގައި މިއީ ހަގީގަތެއް ނޫންކަމާއި ނިންޖާއި ހިނގުމާ ގުޅުން އޮތްކަން ހާމަވޭ."
ދިރާސާގައި ފާހަގަ ކޮށްފައިވާ ގޮތުގައި ހިނގުމަކީ ކުރިން ބެލެވިފައި އޮތް ގޮތާ ހިލާފަށް ސިކުނޑިއާ ގުޅުން ބޮޑު ކަމަކަށްވާތީ މީހާގެ ހަމަ ނިންޖަކީ ވަރަށް ވެސް މުހިއްމު އެއްޗެކެވެ.
"މީހާ ފައިމައްޗަށް ބެލެންސްވެ ހުރުމާއި އޭނާގެ ހިނގުމާއި ސްޕީޑާއި ދާން ސިކުނޑި ސިގްނަލްދޭ މިސްރާބު ފަދަ ކަންކަމަކީ ހަގގަތުގައި ސިކުނޑިއާ ވެސް ގުޅިފައި ހުރި ކަންކަން." ކްރެބްސް ވިދާޅުވި އެވެ.
އެހެންވެ ނިންޖަށް ފަރުވާތެރިވުމަކީ މީހާގެ އާންމު ދިރިއުޅުމުގެ މުހިއްމު އެތައް ކަމަކާ ގުޅިލާމެހިފައި އޮތް ކަމަކަށް ވާތީ ނިންޖަށް ފަރުވާ ކުޑަނުކުރަން ދިރާސާގައި އިރުޝާދު ދީފައިވެ އެވެ.
ސައިންޓިފިކް ރިޕޯޓްސްގައި ޝާއިއުކޮށްފައިވާ ދިރާސާގައި ބުނެފައިވާ ގޮތުގައި މީހާގެ ސިކުނޑި ބަރާބަރަށް މަސައްކަތްކުރާ ގޮތަށް ބަލާ އިރު ބޮޑު މީހަކަށް ހަމަ ނިދި ލިބުނު ކަމަށް ބެލެވޭނީ ރޭގަނޑު މަދުވެގެން 7-8 ގަޑިއިރުގެ ނިދި ލިބޭ ނަމަ އެވެ. އަދި ޕްރައިމަރީ ގްރޭޑްތަކުގައި ކިޔަވާ އުމުރުފުރާގެ ކުދިންނަށް ދުވާލެއްގެ މައްޗަށް 9-12 ގަޑިއިރުގެ ނިދި ބޭނުންވެ އެވެ. ހަމަމިއާ އެކު ފުރާވަރު ކުދިންނަށް މަދުވެގެން ރޭގަނޑު 8-10 ގަޑިއިރުގެ ނިދި ބޭނުން ވާނެ އެވެ.
ދިރާސާގައި ފާހަގަ ކޮށްފައިވާ ގޮތުގައި ހަމަނިދި ނުލިބޭނެ ނަމަ ދިމާވާ އެންމެ އާންމު އެއް މައްސަލަ އަކީ އުފެއްދުންތެރިކަން ވެސް ދަށްވުމެވެ. އެގޮތުން މީހާ ކުރާ ކަންކަމަށް ދެވޭ ފޯކަސް ކުޑަވެ، ކުރާ ކަންކަމުގެ ފެންވަރު ދަށްވެ އެވެ. ދިރާސާގައި ބުނީ ވަކިން ހާއްސަކޮށް ޝިފްޓް-ޑިއުޓީ އުސޫލުން މަސައްކަތްކުރާ މީހުންނަކީ ނިންޖަށް ވަރަށް ބޮޑަށް ފަރުވާތެރިވާން ޖެހޭ ކަމަށެވެ. އަދި އެފަދަ މީހުންގެ ނިދި މަދުވުމުން ހިނގުމަށް ކުރާ ނޭދެވޭ އަސަރުގެ ސަބަބުން ނުރައްކާތެރި ކަންކަމާ ވެސް ކުރިމަތިވުމުގެ ފުރުސަތު ބޮޑު ކަމަށް ބުންޏެވެ.
"އެހެންވީމަ ހަގީގަތުގައި ވެސް ގުރުބާން ކުރެވޭ ކަހަލަ ކަމެއް ނޫން. މިއީ ހުރިހާ އެންމެން ވެސް ފަރުވާތެރިވާ ޖެހޭ ކަމެއް." ދިރާސާގައި ބައިވެރިވެވަޑައިގެންނެވި ބްރެޒިލްގެ ސައޮ ޕޯލޯ ޔުނިވަސިޓީގެ މެކަޓްރޯނިކްސް ޑިޕާޓްމަންޓްގެ އެސޯސިއޭޓް ޕްރޮފެސަރު އާޓޯރޯ ފޯނާ-ކޯޑެރޯ ވިދާޅުވި އެވެ.
ދިރާސާގައި ވަނީ ނިދި ރަނގަޅުކުރަން ކުރެވިދާނެ ބައެއް ކަންކަމުގެ އިރުޝާދުތައް ވެސް ދީފަ އެވެ. އޭގެ ތެރޭގައި ކަސްރަތުކޮށް ހަރަކާތްތެރިވެ އުޅުން (މިސާލަކަށް ދުވާލަކު 10 ވަރަކަށް މިނިޓް ހިނގުން/ބައިސްކަލްދުވުން/އެރޮބިކް ކަސްރަތު ހެދުން)، ނިދުމާ ގާތް ކޮށްފައި ކޮފީ ފަދަ އެއްޗިއްސާ ދުރުވުން އަދި ދުންފަތުގެ އިސްތިއުމާ ކުރުމާ ދުރުވުން ހިމެނެ އެވެ. މީގެ އިތުރުން ނިދަން އޮށޯވުމަށް ފަހު ޓީވީ ބަލަން ވަގުތު ހޭދަ ނުކުރުމާއި ނިދާ ތަނުގެ އައްޔާއި ފިނިހޫނުމިން ނިދަން ފަސޭހަވާނެ ގޮތަށް ބެހެއްޓުން ވެސް ހިމެނެ އެވެ. އެގޮތުން ނިދާ ވަގުތު ގަދަ އަލި ބޭނުން ނުކުރުމާއި ފޯނާއި ލެޕްޓޮޕާއި އައިޕެޑް ފަދަ ނޫ އަލިތަކަށް ހުށަހެޅޭ ކަހަލަ ޑިވައިސްތަކާ ދުރުވުން ވެސް ހިމެނެ އެވެ.
މީގެ އިތުރުން ނިދުމުގެ ކުރިން ފެންވެރުމާއި ނިދަން އޮށޯވެ އޮވެ ފޮތެއް ކިޔުން ނުވަތަ މަޑުމައިތިރި މިއުޒިކެއް އަޑު އަހައިލުން ފަދަ ކަންކަމަކީ ވެސް ފަސޭހަ އިން ނިދި، ހަމަނިދި ލިބުމަށް މަގުފަހި ކުރުވާނެ ކަންކަމެވެ.
އެންމެ ރެއެއްގެ ނިދި ނުލިބުނަސް ހުރިހާ ކަމެއް ގޯސްވޭ
ނިދި މަދުވާ ނަމަ ހަނދާންނެތޭ ބަލީގެ ނުރައްކާ ބޮޑު
ގޮދަޑި ރިވިއުކުރަން ނިދާނެ މީހަކު ހޯދަނީ
ހަމަނިދި ނުލިބޭ ނަމަ ސްޓްރޯކާއި ހާޓްއެޓޭކްގެ ނުރައްކާ
ނިދުމުގެ ހަތަރު ގަޑިއިރު ކުރިން ކަސްރަތުކޮށްލާ!
ރަނގަޅަށް ނުނިދެނީތަ؟ ގޮދަޑީގެ މައްސަލައަކަށް ވެދާނެ
ނިދުމުގައި ދިމާވާ މައްސަލަތަކަށް ޓްރީޓޮޕުން ހައްލު
ކަސްރަތުކުރާ މީހުން ވިސްނާލަން ޖެހޭ މުހިއްމު ކަމެއް
ހަފުތާއަކު 150 މިނެޓް ކަސްރަތުކުރާތި: ޑަބްލިޔުއެޗްއޯ
މާސްކް އަޅައިގެން ކަސްރަތުކުރުމަކީ މައްސަލައެއްތަ؟