Roadha Mihaaru
މާސްކް އަޅައިގެން ކަސްރަތުކުރުމަކީ މައްސަލައެއްތަ؟

މާސްކް އަޅައިގެން ކަސްރަތުކުރުމަކީ މައްސަލައެއްތަ؟

16 ނޮވެމްބަރ 2020

މިހާރު މާސްކާ ނާޅައި އުޅެވޭކަށް ނެތެވެ. އެހެންވެ މާސްކަށް އާދަވާން ޖެހެ އެވެ. ކަސްރަތަކީ ދިރިއުޅުމުގެ ވަރަށް މުހިއްމު ބަޔަކަށްވާތީ އެކަން ކުރާ އިރު ވެސް މާސްކް އެޅުމަކީ ރައްކާތެރި ކަމަކަށް ވާނެ އެވެ. ބައެއް މީހުންނަށް މާސްކް އަޅައިގެން ކަސްތަރުކުރަން އުނދަގޫވެ އެވެ. ބައެއްގެ މީހުންގެ ކަންބޮޑުވުމަކީ މާސްކް އަޅައިގެން ކަސްރަތުކުރާ ނަމަ ނޭވާލާން އުނދަގޫވުމެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މިހާރު މާސްކާ ނާޅައި އުޅެވޭކަށް ނެތެވެ. އެހެންވެ މާސްކަށް އާދަވާން ޖެހެ އެވެ. ކަސްރަތަކީ ދިރިއުޅުމުގެ ވަރަށް މުހިއްމު ބަޔަކަށްވާތީ އެކަން ކުރާ އިރު ވެސް މާސްކް އެޅުމަކީ ރައްކާތެރި ކަމަކަށް ވާނެ އެވެ. ބައެއް މީހުންނަށް މާސްކް އަޅައިގެން ކަސްތަރުކުރަން އުނދަގޫވެ އެވެ. ބައެއްގެ މީހުންގެ ކަންބޮޑުވުމަކީ މާސްކް އަޅައިގެން ކަސްރަތުކުރާ ނަމަ ނޭވާލާން އުނދަގޫވުމެވެ.

ސުވާލަކީ މާސްކް އަޅައިގެން ކަސްރަތު ކުރުމަކީ ސިއްހީ މައްސަލައަކަށް ވެދާނެތޯ އެވެ؟ މި ސުވާލަށް ދިރާސާއަކުން މި ވަނީ ވަރަށް ތިލަ ޖަވާބެއް ހޯދައި ދީފަ އެވެ. އިންޓަނެޝަނަލް ޖާނަލް އޮފް އެންޑްވަޔަރަމަންޓް ރިސާޗް އެންޑް ޕަބްލިކްގައި ޝާއިއުކޮށްފައިވާ ދިރާސާގައި ބުނެފައިވާ ގޮތުގައި މާސްކް އަޅައިގެން ކަސްރަތު ކުރުމަކީ ސިއްހީ މައްސަލައެއް ކުރިމަތިވާނެ ކަމެއް ނޫނެވެ.

މި ދިރާސާ ހަދާފައި ވަނީ ސާޖިކަލް މާސްކާއި ފޮތި މާސްކް ވެސް އަޅައިގެން ކަސްރަތު ކުރުވި ބަޔަކު ދެ ގްރޫޕަކަށް ބަހާލައިގެންނެވެ. ފާހަގަވި މައިގަނޑު ކަމަކީ ދެ ވައްތަރުގެ މާސްކް އަޅައިގެން ވެސް ކަސްރަތުކުރާ އިރު ނޭވާލާން އުނދަގޫވާކަން ފާހަގަކުރެވިފައި ނެތުމެވެ. އަދި މާސްކް އަޅައިގެން ކަސްރަތު ކުރިޔަސް، ހަށިގަނޑަށް ލިބެންޖެހޭ އޮކްސިޖަން ލެވަލް އަށް ބަދަލެއް ނާން ކަމަށް ވެސް ދިރާސާގައި ބުންޏެވެ.

ދިރާސާގައި ބުނެފައިވާ ގޮތުގައި މާސްކް އަޅައިގެން ލުއި ކަސްރަތުގެ އިތުރުން ތަންކޮޅެއް އިންޓެންސް ކަސްރަތު ކުރިޔަސް ނޭވާލާން އުނދަގޫވާކަން ފާހަގަކުރެވިފައެއް ނެތެވެ. އެކަމަކު ތަންކޮޅެއް އެކްސްޓްރީމް ކަސްރަތުކުރާ އިރު މާސްކް އަޅައިގެން ހުންނަ ނަމަ މައްސަލަތަކެއް ދިމާވެދާނެތީ އިތުރަށް ބަލަންޖެހޭ ކަމަށް ބުންޏެވެ. އެގޮތުން ހިތާއި ފުއްޕާމޭ ފަދަ ގުނަވަންތަކަށް ނޭދެވޭ އެއްވެސް އަސަރެއްކުރޭތޯ އިތުރު ތަހުލީލުތަކެއް ހެދުމުގެ މުހިއްމުކަން ރިޕޯޓްގައި ފާހަގަކޮށްފައިވެ އެވެ.

އޭގައި ބުނެފައިވާ ގޮތުގައި މާސްކް އަޅައިގެން ކަސްރަތުކުރަން ބައެއް މީހުންނަށް އުނދަގޫވާ ސަބަބަކީ އެކަމަށް އާދަވެފައި ނެތުމެވެ. އެކަމަކު ކޮވިޑް-19 ކަހަލަ ފަސޭއިން ޖެހޭ ބައްޔަކުން ރައްކާތެރިކަން ހޯދުމަށްޓަކައި ކަސްރަތުކުރާ އިރު ވެސް މާސްކް އެޅުމަކީ މުހިއްމު ކަމެއް ބުންޏެވެ.

"މާސްކް އަޅައިގެން ކަސްރަތު ކުރިޔަސް އޮކްސިޖެނޭޝަނަށް އެއްވެސް ބަދަލެއް އަންނަކަން ފާހަގައެއް ނުކުރެވޭ. އެކަމަކު މާސްކް އަޅައިގެން ހުރީމަ ނޭވާލުމުގެ ޕެޓާންއަށް އެބައާދޭ ބަދަލުތަކެއް. އޭގެ ސަބަބުން ހަގީގަތުގައި މާސްކް އަޅައިގެން ކަސްރަތުކުރަން އުނދަގޫ ކަމަކަށް ވަނީ،" ދިރާސާގައި ބުންޏެވެ. "މީގައި މުހިއްމު ކަމަކީ މާސްކަށް އާދަކުރުން. އޭރުން މާ ބޮޑު ތަފާތެއް ފާހަގައެއް ނުކުރެވޭނެ. ވާ ގޮތަކީ ކުރިން އާންމުކޮށް ބޭނުން ނުކުރާ އެއްޗެއް ބޭނުން ކުރަން ޖެހުނީމަ އުނދަގޫ ވަނީ."