Roadha Mihaaru
ފިޓްނެސް:ހަމައެއް ލަމައެއް ނެތް، އެ މީހަކާ އެ މީހެއް

ފިޓްނެސް ދާއިރާ: ހަމައެއް ލަމައެއް ނެތް، އެމީހަކާ އެމީހެއް!

02 ނޮވެމްބަރ 2023

އާއްމުންގެ ސިއްހަތާ ސީދާ ގުޅުންހުރި ކަމެކެވެ. އެކަމަކު އަޅާލާނެ ބަޔަކު ނެތި ބޮޑު އިންޑަސްޓްރީއެއް ދޮންވެ، ފައްކާވެއްޖެ އެވެ. އެކި ނަން ނަމުގައި ހިންގާ ކަސްރަތު ކްލާސްތަކެވެ. އެ މީހަކު ބޭނުން ގޮތަކަށް، ބޭނުން ފެންވަރަކަށް ޖިމްތައް ވެސް ހުޅުވަންވީ އެވެ. ކޮންމެ ޝަރުތުތަކެއްގެ މީހަކަށް ވިޔަސް އެ ކަސްރަތު ކްލާސްތަކާއި ޖިމްތަކުގައި ވެސް މަސައްކަތް ކުރަންވީ އެވެ. އެކަންތައް އިތުރަށް ބަލާނެ އެހެން ބަޔަކު ނެތެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

އާއްމުންގެ ސިއްހަތާ ސީދާ ގުޅުންހުރި ކަމެކެވެ. އެކަމަކު އަޅާލާނެ ބަޔަކު ނެތި ބޮޑު އިންޑަސްޓްރީއެއް ދޮންވެ، ފައްކާވެއްޖެ އެވެ. އެކި ނަން ނަމުގައި ހިންގާ ކަސްރަތު ކްލާސްތަކެވެ. އެ މީހަކު ބޭނުން ގޮތަކަށް، ބޭނުން ފެންވަރަކަށް ޖިމްތައް ވެސް ހުޅުވަންވީ އެވެ. ކޮންމެ ޝަރުތުތަކެއްގެ މީހަކަށް ވިޔަސް އެ ކަސްރަތު ކްލާސްތަކާއި ޖިމްތަކުގައި ވެސް މަސައްކަތް ކުރަންވީ އެވެ. އެކަންތައް އިތުރަށް ބަލާނެ އެހެން ބަޔަކު ނެތެވެ.

މިއީ، ފިޓްނެސް އިންޑަސްޓްރީގައި މަސައްކަތްކުރާ ގިނަ ބައެއްގެ ހަގީގީ ކަންބޮޑުވުމެކެވެ. ސެލްފް މޭޑް ނުވަތަ އަމިއްލައަށް އުފެއްދި މި ދާއިރާ، މިހާރު އޮތް ހިސާބުން އިތުރަށް ރެގިއުލޭޓް ނުކުރެވިއްޖެ ނަމަ ނުރަނގަޅު ނަތީޖާތަކެއް ނުކުމެދާނެ ކަމަށް ގަބޫލުކުރެ އެވެ.

ފިޓްނެސް ދާއިރާގައި 30 އަހަރު ހޭދަކޮށްފައިވާ އަބްދުﷲ ނިޔާޒު (ޖޭމް އައްލޮ) ބުނީ ފިޓްނެސް އަކީ މީހުންގެ ސިއްހަތާ ގުޅުން ހުރި މަސައްކަތަކަށް ވާތީ އެކަމުގައި އުޅޭ ޓްރެއިނަރުންނަށް ރަނގަޅު އަދި ފަހުގެ މައުލޫމާތު އެނގެން ޖެހޭ ކަމަށެވެ.

އެކަން އެންމެ ރަނގަޅަށް ކުރެވޭނެ ގޮތަކީ، އައްލޮ ގަބޫލުކުރާ ގޮތުގައި ފިޓްނެސް އިންޑަސްޓްރީ ރެގިއުލޭޓްކޮށް، ޓްރެއިނަރުންނަށް ލައިސެންސް ދެވޭނެ ގޮތެއް ފަހިވުމެވެ. މި ދާއިރާގައި އުޅޭ މީހުން އެކި ސަރުކާރުތަކުގެ ކަމާގުޅޭ ފަރާތްތަކާ ގުޅިގެން އެކި ދުވަސްވަރު މަތިން އެ މަސައްކަތްތައް ކުރި އެވެ. ނަމަވެސް، ސީދާ ފިޓްނެސް އިންޑަސްޓްރީން އާމްދަނީ ހޯދާ ގިނަ ބަޔަކު ތިބުމުން އެކަން ފަހިވާނެ މަގެއް އަދި ނުފެނެ އެވެ.

"ވަރަށް މުހިއްމު ކަމެއް ސެޓިފައިޑް، ރަނގަޅު މައުލޫމާތު ހުރި މީހުން [ފިޓްނެސް އިންޑަސްޓްރީ]ތިބުމަކީ." އައްލޮ ބުންޏެވެ.

އަމިއްލަ ތަޖުރިބާގެ އަލީގައި، ފްރީލާންސްކޮށް ޓްރެއިނަރަކަށް އުޅޭ އައްލޮ ބުނީ މީހަކަށް ރަނގަޅަށް ކިޔައިދެވޭނެ މައުލޫމާތު ޓްރެއިނަރުންގެ ނުހުންނަ ކަމަށެވެ. އެންމެ މުހިއްމު ކަމަކީ ކަސްރަތުގެ އެންމެ އާއްމު މައުލޫމާތުތައް ކަމަށާއި އެ އެއްޗެހި ވެސް ނޭނގޭ ކަމަށް އޭނާ ބުންޏެވެ.

"ޓްރެއިނަރަކަށް ވާނަމަ ހަށިގަނޑު މަސައްކަތްކުރާ ގޮތް އެނގެން ޖެހޭ. މަސަލް ގްރޫޕާއި ބޭސިކް ނިއުޓްރިޝަން އެނގެން ޖެހޭ. ހަށިގަނޑުގެ ހުޅުތައް މަސައްކަތްކުރަންޖެހޭ ގޮތާއި ބޭސިކް ނިއުޓްރިޝަން، ހާޓް ރޭޓް ކަލްކިއުލޭޓް ކުރާނީ ކިހިނެއްކަން އަދި ކިހާ ވަރެއްގައި ހާޓް ރޭޓް ބަހައްޓައިގެންތޯ ވޯކްއައުޓް ހަދަންޖެހޭނީ، ކިހާ ދުވަހެއް ވީމަތޯ މަސަލްއަށް އޯވަލޯޑް ދޭނީ އަދި މަސަލް އެނެޓޮމީއަކީ ޓްރެއިނަރަކަށް ކޮންމެހެން އެނގެން ޖެހޭ މައުލޫމާތު،" އައްލޮ ކިޔައިދިނެވެ.

"އަޅުގަނޑަށް ފެނުން ޓްރެއިނަރުންނަކަށް ނޭނގެ [ބޭސިކް މައުލޫމާތެއް]."

އެއްވެސް ރެގިއުލޭޝަނެއް ނެތުމުން އެހެން މީހުންނަށް ކަސްރަތު ކުރަން ދަސްކޮށްދިނުމަކީ ވަރަށް ފަސޭހަ ކަމެއް ކަމަށް ބައެއް މީހުން ވިސްނާ ކަމަށް އޭނާ ބުންޏެވެ. ނަމަވެސް، ހަށިގަނޑު މަސައްކަތްކުރާ ގޮތް ރަނގަޅަށް ދަސްކޮށް، އެ މީހެއްގެ ހަށިގަނޑަށް އެކަށީގެންވާ ކަސްރަތު ޕްރޮގްރާމެއް ހިންގުމަކީ ފަސޭހަ ކަމެއް ނޫން ކަމަށް ބުންޏެވެ.

ފިޓްނެސް އިންޑަސްޓްރީ ރެގިއުލޭޓްކުރަން ޖެހޭކަން، މީގެ 13 އަހަރު ކުރިން ހުޅުވި ޓީއެފްޖީގެ ސީއީއޯ ހުސެއިން ޒިނާން ވެސް ގަބޫލުކުރައްވަ އެވެ. އެކަމަކު، އޭނާ ވިދާޅުވި ގޮތުގައި، މި ސެލްފް މޭޑް ދާއިރާ ބަލަހައްޓަންވީ އެ ޓްރެއިނަރު ނުވަތަ ޖިމްގެ ފައިދާއަކަށް ނޫނެވެ. މިއީ އާއްމުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރަން ކޮންމެހެން ވެސް ކުރަންޖެހޭ ކަމެއް ކަމަށް ޒިނާން ވިދާޅުވި އެވެ.

މޫދުގައި ދެ އަންހެނަކު ކަސްރަތުކުރަނީ: ކޯޗުން ސެޓިފައި ކުރެވޭނެ ގޮތެއް އަދި ނެތް.-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

މޫދުގައި ދެ އަންހެނަކު ކަސްރަތުކުރަނީ: ކޯޗުން ސެޓިފައި ކުރެވޭނެ ގޮތެއް އަދި ނެތް.-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

އޭރުން ފަތަން ދަސްކޮށްދޭ ކޯޗުންނާއި ބޫޓު ކޭމްޕުތައް ހިންގަނީ، އެކަން އެނގޭ ބައެއްކަން ކަށަވަރުކުރެވޭނެ އެވެ.

"ދިރިއުޅުމަށް އައި ބަދަލުތަކާއެކު ކަސްރަތަކީ ބަލިން ރައްކާތެރިވުމުގެ ބަޔަކަށް ވެފައި އޮންނަނީ. ޑޮކްޓަރަކަށް ދެއްކިއަސް ބުނަނީ ރަނގަޅަށް ކައިގެން ކޮންމެ ދުވަހަކު ވެސް ހަރަކާތްތެރިވެ އުޅުމަށް. ކަސްރަތަކީ ޕްރިވެންޓިވް ހެލްތުގެ ބަޔަކަށް ވެފައި މި އޮތީ." ފިޓްނެސް ދާއިރާއިން މަތީ ތައުލީމް ހާސިލްކޮށް، މި ދާއިރާގައި 28 އަހަރު ވަންދެން މަސައްކަތްކޮށްފައިވާ ޒިނާން ވިދާޅުވި އެވެ.

ދުނިޔޭގެ އެހެން ގައުމުތަކުގައި ފިޓްނެސް އިންޑަސްޓްރީ ބަލަހައްޓަނީ ސްޕޯޓްސް ކައުންސިލަކުންނެވެ. އެހެންވެ، އެ ތަންތަނުގައި ޖިމްތަކާއި ބޫޓް ކޭމްޕް ފަދަ ކަސްރަތު ކްލާސްތައް ނަގައިދެވެނީ އެ ކައުންސިލުން ދޫކުރާ ހުއްދައިގެ ދަށުންނެވެ. ޓްރެއިނަރުންގެ ވަކި ޝަރުތުތަކެއް ހުންނަންޖެހެ އެވެ. އެ މުއްދަތު ހަމަވުމުން އަނެއްކާ ވެސް ޖެހެނީ ހުއްދަ އާކުރާށެވެ. އެއާ ހިލާފަށް، ރާއްޖޭގައި ޖިމެއް ހުޅުވުމަކީ ވަރަށް ފަސޭހަ ކަމެކެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި މެއި 5، 2016 ގައި ވަނީ ނޭޝަނަލް އިންސްޓިޓިއުޓް އޮފް ސްޕޯޓްސްގެ ނަމުގައި ކުޅިވަރާ ބެހޭ ގާނޫނުގެ ދަށުން ވަކި އިދާރާއެއް އުފައްދައިފަ އެވެ. މަސައްކަތެއް ނުކުރިޔަސް އެ އިންސްޓިޓިއުޓު އެބަ ކުރިއަށްގެންދެ އެވެ.

ޒިނާން ވިދާޅުވި ގޮތުގައި ރާއްޖޭގައި ފިޓްނެސް އިންޑަސްޓްރީ ރެގިއުލޭޓްކުރަން އެންމެ ރަނގަޅީ ޔޫތު މިނިސްޓްރީގެ ދަށުން ހިންގާ އެ އިންސްޓިޓިއުޓުގައި ރަޖިސްޓްރާއެއްގެ މަގާމު އުފެއްދުމަށްފަހުގަ އެވެ.

އެކަން ކުރާއިރު، ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ކަސްރަތުކުރުމާއި ބޮޑީބިލްޑިން ފަދަ ކުޅިވަރުތައް ވަކި ކުރެވޭނެ ގޮތްތައް ބަލަންޖެހެ އެވެ.

"ދައުލަތަކުން ކޮށްދޭންޖެހޭ ކަމަކީ ކޮބައިތޯ ކަސްރަތު އިންސްޓްރަކްޓަރެއްގެ ހުންނަންޖެހޭ ކަންކަމަކީ. ފުރަތަމަ ކަމަކަށް ކަސްރަތު ސެންޓަރެއްގައި ހުންނަންޖެހޭ ކަންކަމަކީ. މިހާރު އޮންނަނީ އިމާރާތެއްގައި ޖިމެއް ހެދުމަށް ސިޓީ ކައުންސިލްގެ ހުއްދައެއް. އެއަށްފަހު ޓްރޭޑް މިނިސްޓްރީން ވިޔަފާރި ހުއްދައެއް ނެގީމަ އެ އޮތީ ޖިމެއް ހެދިފައި. އޭގެ ބަދަލުގައި ބާރު ސްޕީޑުގައި ތަރައްގީވަމުން އަންނަ ގައުމެއްގައި އެބަ އޮންނަންޖެހޭ ޖިމެއް ހިންގާ ތަނެއްގައި ހުންނަން ޖެހޭ އަސާސްތަކެއް ލިޔެވިފައި. އެއީ ސްކެއާ ފޫޓެއްގެ ތެރެއަށް މީހުންނަށް ވަދެވޭނީ ކިހާ ވަރަކަށްތޯ. ފާހަނާ ހުންނަންޖެހޭތޯ؟ އެއްޗެހި ބަދަލުކުރާ ތަނެއް ހުންނަން ޖެހޭތޯ؟،"

"...އެ ތަނުގައި ހުންނަ އަސާސްތައް ހުއްދައެއްގެ ސިފައިގައި، ބެލެނިވެރިއެއްގެ ފަރާތުން އެއީ ކުޅިވަރުގެ މިނިސްޓްރީގައި އޮންނަ ތަނެއް ވިޔަސް، ހެލްތު މިނިސްޓްރީގެ ތެރޭގައި އޮންނަ ތަނަކަށް ވިޔަސް އެ ހުއްދަ އޮންނަން ޖެހޭ." ޒިނާން ވިދާޅުވި އެވެ.

ޓީއެފްޖީގެ ސީއީއޯ ޒިނާން "މިހާރު" އަށް އިންޓަވިއު ދެއްވަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ޓީއެފްޖީގެ ސީއީއޯ ޒިނާން "މިހާރު" އަށް އިންޓަވިއު ދެއްވަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

އޭނާ ވިދާޅުވި ގޮތުގައި ވަކި އުސޫލެއްގެ ދަށުން ފިޓްނެސް އިންޑަސްޓްރީ ނުހިންގިއަސް، މި ދާއިރާ އޮތީ ގޯސްކޮށް ކަމަށް ނުބުނާނެ ކަމަށެވެ. މިކަން ދަމަހައްޓަން ގިނަ ބަޔަކު ވަރަށް މަސައްކަތް ކުރާ ކަމަށާއި އެކަމަކު ބެލެނިވެރިއެއް އައުމުން ފައިދާތަކެއް ހުންނަ ކަމަށް ޒިނާން ވިދާޅުވި އެވެ.

"ދުނިޔޭގައި ކަސްރަތު ބަލައިގަންނަނީ ވޮކޭޝަނަލް މިންގަނޑުތަކެއް. ކަސްރަތުގެ ބެލެނިވެރިޔާ އައީމަ، އެ ކޯސް ހިންގާ މީހުން ފޮނުވަންޖެހޭނީ މި ބެލެނިވެރިޔާއަށް މިއީ ތި މީހުން ބަލައިގަންނަ އެއްޗެއްތޯ ބަލައި އެޕްރޫވްކުރަން. އެމްކިއުއޭއާ ދައްކަންޖެހޭ ވާހަކައެއް ދައްކާނީ ބެލެނިވެރިޔާ. އެ ބެލެނިވެރިއެއްގެ ޒިންމާއަކަށް ވާނީ މިހާރު ތިބި އެންމެން، އެކަކު ވެސް ބާކީ ނުކޮށް، އުފައްދާ އޮނަގަނޑުގެ ތެރެއަށް ވައްދަން ފުރުސަތު ދީގެން، އެފަދަ އޮނިގަނޑެއް ހެދުން."

"ވަރަށް ބުރަ މަސައްކަތެއް މިއީ. މިހާރު މިހުރީ ބުރަ މަސައްކަތް ކުރާ ވަރަށް އިންޑަސްޓްރީ ބޮޑުވެފައި. ދެން ބެލެނިވެރިޔާ އިތުރަށް ކޮށްދޭންޖެހޭ ކަމަކީ ރާއްޖޭގެ އެއްވެސް ހިސާބެއްގައި ކަސްރަތުގެ ހިދުމަތް ދެންޏާ، އެއީ އެ ވުޒާރާއަކުން ހުއްދަ ނަގަންޖެހޭ ކަމަކަށް ވުން." ޒިނާން ވިދާޅުވި އެވެ.

ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ވެރިކަމުން ފެށިގެން މިހާތަނަށް އައިއިރު ވެސް އެއްވެސް ވެރިކަމެއްގައި ކަސްރަތުކުރުމުގައި އާއްމުންނަށް ރައްކާތެރިކަން ހޯދައިދެވިފައިނުވާ ކަމުގެ ކަންބޮޑުވުންތައް ޒިނާން ފާޅުކުރެއްވި އެވެ.

"ފުރަތަމަ ކަމަކަށް، ތަނަކަށް ތަދެއް ވީ. ދާނެ ތަނެއް ނެތް؟ އެއީ ކީއްވެގެންތޯ؟ އެއީ ދާނެ ބެލެނިވެރިއެއް ނެތީމަ؟ ކަސްރަތު އިންސްޓްރަކްޓަރުން މަސައްކަތް ކުރަނީ، ފަސްޓްއެއިޑް ހުރިތޯ ނެތްތޯ ބަލާނެ ވުޒާރާއެއް ނެތް...މިއޮތް ތަހުޒީބު ވެފައި، ތަރައްގީވެފައި އޮތް ޒަމާނުގައި އުޅޭއިރު މި އެއްޗެހި އެބަޖެހޭ ދެނެގަންނަން."

ފާޑުފާޑުގެ ސަޕްލިމެންޓުތައް ނެގުމަކީ ފިޓްނެސް ދާއިރާގައި ގިނަ ދުވަސްވީ މީހުންނާއި ޑައިޓީޝަނުންގެ ވަރަށް ބޮޑު ކަންބޮޑުވުމެކެވެ. އެކަމަކު، ހަށިގަނޑަށް ކޮންމެހެން ބޭނުން ނުވިޔަސް ޕްރޮޓީނާއި ސަޕްލިމެންޓު ނަގަން ބައެއް ފަހަރު ޓްރެއިނަރުން ލަފާދެ އެވެ.

ޒިނާން ވިދާޅުވި ގޮތުގައި އެކަންކަން ދިމާވަނީ ފިޓްނެސް ދާއިރާ ރެގިއުލޭޓްނުކުރާތީ އެވެ. ސަރުކާރުން ސެޓިފައިކޮށްގެން މަސައްކަތްކުރާނަމަ ޓްރެއިނަރުންނަށް ކުރެވޭނެ ކަންތަކާއި ނުކުރެވޭނެ ކަންތައް ސާފުކޮށް އެނގެން އޮންނާނެ ކަމަށް އޭނާ ގަބޫލުކުރައްވަ އެވެ.

މާލެ ދުވާ ޓްރެކްގައި މީހަކު ކަސްރަތުކުރަނީ.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

މާލެ ދުވާ ޓްރެކްގައި މީހަކު ކަސްރަތުކުރަނީ.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

"އަސްލު ކަސްރަތު އިންސްޓްރަކްޓަރަކަށް ނުބުނެވޭނެ ސަޕްލިމެންޓް ނަގާކަށް. ވަރަށް ތަފާތު ބައެއް ކަސްރަތު އިންސްޓްރަކްޓަރުންނާއި ސްޕޯޓްސް ކޯޗުންނާ."

"ރެގިއުލޭޓްކުރުމުގައި އޮތީ އަސާސީ ބޭނުމެއް. އެއީ ކަސްރަތުގެ ވިޔަފާރިކުރާ މީހުންނާއި އިންސްޓްރަކްޓަރުންގެ މޮޅަކަށް ނޫން. އެހެން ވިސްނައިފިއްޔާ އެއީ ގޯހެއް. ރެގިއުލޭޓްކުރުމުގެ ވިސްނުން އޮތީ އާއްމު ރައްޔިތު މީހާގެ ރައްކާތެރިކަމަށް. އޭނާގެ ރައްކާތެރިކަމަށް އޮތީ ޒިންމާ. އެއީ ކޮންމެ ދައުލަތެއްގެ ޒިންމާ އެއް...މިކަން ބޮޑުވުމުގެ ކުރިން މިކަމުގައި އަތްލާންޖެހޭނެ." ޒިނާން ވިދާޅުވި އެވެ.

މާލޭގައި އެކްޓިވްކޮށް 300 އެއްހާ ޓްރެއިނަރުން ހަރަކާތްތެރިވާ ކަމަށް ލަފާކުރެވެ އެވެ. ފިޓްނެސް އަށް މި ފަހުން ނުކުތް ގިނަ ޓްރެއިނަރުން އެ މަސައްކަތުގެ ފައުންޑޭޝަން އަޅާފައިވަނީ އެމެރިކާ ނޫނީ ޔޫރަޕްގެ އިންސްޓިޓިއުޓަކުން ހިންގި އޮންލައިން ކޯހަކުންނެވެ. އެކަމަކު، އެއީ ރާއްޖޭގެ އެއްވެސް ތަނަކުން އެޕްރޫވްކޮށްފައިވާ ކޯސްތަކެއް ނޫނެވެ.

ޒިނާން ވެސް ވިދާޅުވީ އެ ކޯސްތައް ރަނގަޅު ވިޔަސް، އެހެން ގައުމުތަކުގައި ފައުންޑޭޝަން ކޯސްތަކަކީ ފޭސް-ޓު-ފޭސްކޮށް ހިންގާ ކޯސްތައް ކަމަށެވެ. އެއީ ލެވެލް 200 ގަޑިއިރު ހަމަކުރަންޖެހޭ ލެވެލް 3 ގެ ފެންވަރެވެ. އޭގެ އަނެއް ކޮޅުން، ދިވެހިންނަށް ޕާސަނަލް ޓްރެއިނަރުންގެ ތަމްރީނު ދޭންޖެހޭނީ، އޭނާ ގަބޫލުކުރައްވާ ގޮތުގައި ރާއްޖެއަށް ފަރުމާކޮށްފައިވާ ކޯސްތަކެކެވެ.

"އެކްރެޑެޓް ތަނަކުން [ޓްރެއިނިން] ހެދީމަ ރަނގަޅުވާނެ. ރަޖިސްޓާ އައުމުން އިންޓަނޭޝަނަލް ބެސްޓް ޕްރެކްޓިސްގައި ތިބި މީހުންގެ ގައިޑެންސް ހޯދަންޖެހޭނެ...އަޅުގަނޑުމެންނަށް ނުކުރެވޭ ވަރުގެ ކަމެއް ނޫން މިއީ." ޒިނާން ވިދާޅުވި އެވެ.

މާލޭގައި މީގެ 34 އަހަރު ކުރިން ހުޅުވި މާލެ ފިޓްނެސް ކްލަބާއެކު ބޮޑީބިލްޑު ކުރުމާއި ކަސްރަތުކުރުމަށް އާ ދޮރެއް ހުޅުވިގެންދިޔަ އެވެ. މިވީ، މުއްދަތުގެ ތެރޭގައި މި ދާއިރާ އެތައް ގުނައަކުން މައްޗަށް އަރައިގެން ހިނގައްޖެ އެވެ. ނަމަވެސް، ހުޅުވުނު އެތައް ދޮރަކާއެކު، އެ ދިމާލަށް ސަރުކާރުގެ ކަޅި ހުއްޓާލަން ޖެހެ އެވެ.