Roadha Mihaaru
އައިނަކީ ކޮވިޑަށް މަގު ފަހިވާ އާދަތަކަށް އެޅޭ ހުރަހެއް

އައިނަކީ ކޮވިޑަށް މަގު ފަހިވާ އާދަތަކަށް އެޅޭ ހުރަހެއް

23 ފެބުރުއަރީ 2021

އައިނު އަޅާ މީހުންނަށް ކޮވިޑް-19 ޖެހުމުގެ ފުރުސަތު އައިނު ނާޅާ މީހުންނާ އަޅާބަލާ އިރު ތިން ގުނަ ދަށްކޮށްދޭ ކަމަށް އިންޑިއާގައި ހަދާފައިވާ ދިރާސާއެއްގައި ބުނެފި އެވެ،

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އައިނު އަޅާ މީހުންނަށް ކޮވިޑް-19 ޖެހުމުގެ ފުރުސަތު އައިނު ނާޅާ މީހުންނާ އަޅާބަލާ އިރު ތިން ގުނަ ދަށްކޮށްދޭ ކަމަށް އިންޑިއާގައި ހަދާފައިވާ ދިރާސާއެއްގައި ބުނެފި އެވެ،

ކޮރޯނާވައިރަހުގެ އަސަރު ހަށިގަނޑަށް ކޮށްފާނެ ކަންކަމުގެ ތެރޭގައި އަތުން ލޮލާއި ނޭފަތާއި އަނގަ ފަދަ ތަންތަނުގައި އަތްލެވުން ހިމެނެ އެވެ. އެކަމަކު އައިނު އަޅާ މީހެއް ނަމަ އެ މީހަކަށް ލޮލުގައި އަތްލެވޭ މިންވަރު ވަރަށް ބޮޑަށް މަދުކޮށްދޭ ކަމަށާއި އެކަމުގެ ސަބަބުން ވައިރަހަށް ހުށަހެޅުމުގެ ފުރުސަތު ވެސް ދަށްކޮށްދޭ ކަމަށް ބުންޏެވެ.

މެޑްރިވިކްސްގައި ޝާއިއުކޮށްފައިވާ މި ދިރާސާ އިންޑިއާ އިން ހަދާފައި ވަނީ މިދިޔަ ހޫނު މޫސުމުގެ ތެރޭގަ އެވެ. އެގޮތުން އުތުރު އިންޑިއާގެ ހޮސްޕިޓަލެއްގައި ކޮވިޑް އަލާމާތްތަކެއް ހުރެގެން އެޑްމިޓްކޮށްފައި ތިބި 304 މީހެއްގެ ސިއްހީ ހާލަތު ދެ ހަފުތާގެ މުއްދަތަކަށް ބަލާފައިވެ އެވެ. އޭގެ ތެރޭގައި ހިމެނެނީ 10-80 އަހަރާ ދެމެދުގެ މީހުންނެވެ.

އެ މީހުންގެ ތެރެއިން 19 ޕަސެންޓް މީހުންނަކީ އައިނު އަޅާ މީހުންނެވެ. ދިރާސާ އަށް މައުލޫމާތު އެއްކުރި ހުރިހާ އެންމެންގެ ފަރާތުން ވެސް ފާހަގަކުރެވުނީ އެ އެވްރެޖްކޮށް ކޮންމެ މީހަކު ވެސް ގަޑިއަކު 23 ފަހަރު މޫނުގައި އަތްލާކަމެވެ. އަދި އެގޮތަށް އަތްލުމުގެ ތެރޭގައި ގަޑިއަކު މަދުވެގެން ތިން ފަހަރު ކޮންމެ މީހަކަށް ވެސް ލޮލުގައި އަތްލެވެ އެވެެ.

އެކަމަކު ދިރާސާ އިން ފާހަގަކުރެވުނު މައިގަނޑު ކަމަކީ އައިނު އަޅައިގެން ތިބި މީހުންނާއި ނާޅާ މީހުންނަށް ވައިރަހުގެ އަސަރުކުރުމުގައި ބޮޑު ތަފާތެއް ހުރި ކަމެވެ. އެވެ. އެގޮތުން އައިނު އަޅާ މީހުންނަށް ވައިރަހުގެ އަސަރުކުރުމުގެ ފުރުސަތު އެ ނޫން މީހުންނާ އަޅާބަލާ އިރު ތިން ގުނަ ދަށްކޮށްދޭ ކަމަށް ދައްކަ އެވެ.

އެހެންވެ ކޮވިޑް-19 ގަދަ ފަސޭހައިން ފެތުރޭ ބައްޔަކުން ދިގު މުއްދަތަކަށް ރައްކާތެރިތެރިކަން ހޯދޭނެ އެއްގޮތަކަށް އައިނު އެޅުން ހިމެނޭ ކަމަށް ދިރާސާގައި ބުންޏެވެ. އައިނަކީ އާންމުކޮށް ދެ ގޮތަކަށް ބޭނުންކުރެވޭ އެއްޗެކެވެ. އެއީ އާންމުކޮށް ހުރިހާ ވަގުތެއްގައި އަޅާ ނަމްބަރު އައިނުގެ ގޮތުގަ އާއި އަވި އައިނުގެ ގޮތުގަ އެވެ. އެހެންވެ އާންމުކޮށް އައިނު ނާޅާ މީހުން ވެސް ބޭރުތެރޭގައި އުޅޭ އިރު އަވި އައިނު އަޅައިގެން އުޅެން އާދަކުރުން ރައްކާތެރި ކަމަށް ދިރާސާގައި ބުންޏެވެ.

ދާދި ފަހުން އޯކްލީން ވަނީ އައިނު އަޅާ މީހުންނަށް ފަސޭހަކޮށްދޭ މާސްކެއް ވެސް ނެރެފަ އެވެ.

މީގެ ކުރިން ލޮލަށް ލެންސް ލައްވާ މީހުން ކޮވިޑް-19 އިން ރައްކާތެރިކަން ހޯދަން ލެންސް ބޭނުން ނުކުރަން ވެސް ސިއްހީ ތަޖުރިބާކާރުން ލަފާ ދެއްވާފައިވެ އެވެ.

ލެންސް ބޭނުންކުރާ ނަމަ ބަލިޖެހުމުގެ ފުރުސަތު އިތުރުކޮށްދެ އެވެ. އެއީ ލެންސް ލައްވައި ނަގަން ކޮންމެހެން ވެސް އަތް ބޭނުންކުރަން ޖެހޭނެތީ އެވެ. ހަމިއާ އެކު ގިނަގިނައިން އަތް ދޮވުމަކީ ވެސް ކޮވިޑް-19 އިން ރައްކާތެރިކަން ހޯދަން ކުރަން ޖެހޭ ކަމެކެވެ.