Roadha Mihaaru
މާސްކް ނޭޅި ދަރިވަރަކު ހައްޔަރުކޮށް ޖަލަށް

މާސްކް ނޭޅި ދަރިވަރަކާ ހެދި މުޅި ސްކޫލް ބަންދުކޮށް، އޭނާ ޖަލަށް

11 އޮކްޓޯބަރ 2021

އެެމެރިކާގެ ސްކޫލެއްގެ ދަރިވަރަކު މާސްކް ނޭޅި މައްސަލައެއްގައި މުޅި ސްކޫލް ބަންދުކޮށް، އޭނާ ހައްޔަރުކޮށް ޖަލަށްލި މައްސަލައެއް ހޫނުވެއްޖެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އެެމެރިކާގެ ސްކޫލެއްގެ ދަރިވަރަކު މާސްކް ނޭޅި މައްސަލައެއްގައި މުޅި ސްކޫލް ބަންދުކޮށް، އޭނާ ހައްޔަރުކޮށް ޖަލަށްލި މައްސަލައެއް ހޫނުވެއްޖެ އެވެ.

ވިއޮމިން ސްޓޭޓް ލެރަމީ ހައި ސްކޫލްގައި ކިޔަވާ ގްރޭސް ސުމިތު، 16، މިދިޔަ ބުރާސްފަތި ދުވަހު ހައްޔަރުކުރީ ސްކޫލުން ކަނޑައަޅާފައި އޮތް އުސޫލާ ހިލާފަށް އޭނާ ކުރިން ވެސް ދެ ފަހަރެއްގެ މަތިން މާސްކް ނާޅައި ސްކޫލަށް ވަން މައްސަލައެއްގައި ނަސޭހަތް ދީފައި ވަނިކޮށް އެކަން ތަކުރާރު ކުރުމުންނެވެ. އެގޮތުން މުޅި ސްކޫލް ލޮކްޑައުންކޮށް، އޭނާ ހައްޔަރުކުރީ ފުލުހުންގެ ބެލުމުގެ ދަށުން ބިޑި ވެސް އަޅުވައިގެންނެވެ. ބާރުގެ ބޭނުން ކޮށްގެން ދަރިވަރު ހައްޔަރު ކުރަން ޖެހުނީ މާސްކް ނާޅައި ހުރުމުން ސްކޫލުން ނުކުތުމަށް ތަކުރާރުކޮށް އެދުމުން އެގޮތަށް އަމަލު ނުކުރުމުންނެވެ.

މި މަންޒަރު ފެންނަ ވީޑިއޯއެއް ވެސް ޓްވިޓާގައި ދައުރުވެފައިވެ އެވެ.

މީޑިއާތަކުން ބުނީ އޭނާ ސްކޫލްގެ އުސޫލުތަކާ ތަކުރާރުކޮށް ހިލާފުވުމުގެ ސަބަބުން ޖަލުގައި ބަންދުކޮށް، ސްކޫލުން ސަސްޕެންޑްކޮށް އަދި ޖޫރިމަނާ ވެސް ކޮށްފައިވާ ކަމަށެވެ. ގްރޭސް ބުނެފައި ވަނީ މާސްކް އެޅުމާއި ނޭޅުމަކީ އޭނާ އަށް ލިބިގެންވާ މިނިވަން ކަމެއް ކަމަށާއި އެ މިނިވަންކަން އެއްވެސް ބަޔަކަށް ފޭރިނުގަނެވޭނެ ކަމަށެވެ.

މި ހާދިސާއާ ގުޅިގެން ގްރޭސްގެ ބައްޕަ އެންޑީ ސުމިތު ވަނީ ސްކޫލް ހިންގާ ޑިސްޓްރިކްޓްގެ ސުޕްރިންޑެންޓް ޖުބާލް ޔެނީ އަށް ވެސް ވަރަށް ބޮޑަށް ފާޑު ކިޔައިފަ އެވެ. އޭނާ ބުނީ ދަރިފުޅު ސަސްޕެންޑް ނުކުރެވޭނެ ކަމަށާއި ދަރިފުޅާ މެދު ކަންތައްކޮށްފައި ވަނީ ވަރަށް އިހާނެތިކޮށް ކަމަށެވެ. މި ހާދިސާއާ އެކު، މާސްކާ ދެކޮޅު ބައެއް ފަރާތްތަކުން މިހާރު ދަނީ ގްރޭސީ އަށް ސަޕޯޓްކޮށް ވާހަކަ ދައްކަމުންނެވެ.

ގްރޭސް މިނިވަން ކުރަން މިހާރު މަސައްކަތް ކުރަމުން އަންނަ އިރު އޭނާގެ ވަކީލުންނަށް ދޭނެ ފީ ހޯދުމަށް އެންޑީ ވަނީ "ގިވްސެންޑްގޯ" ގައި އޮންލައިން ކްރައުޑްފަންޑިން ކެމްޕޭނެއް ވެސް ފަށައިފަ އެވެ. އެއަށް މިހާތަނަށް 18،000 އަށް ވުރެ ގިނަ ޑޮލަރު ލިބިފައިވެ އެވެ.

ގްރޭސީގެ ހާދިސާއާ ގުޅިގެން ލެރަމީ ހައި ސްކޫލް ހިންގާ އަލްބޭނީ ކައުންޓީން އަމަލުރަމުން އަންނަ މާސްކް އެޅުމުގެ އުސޫލު އަލުން ރިވިއު ކުރަން މިހާރު ވަނީ ނިންމައިފަ އެވެ. މިހާރު ކަނޑައަޅާފައި އޮތް ގޮތުން މާސްކް އެޅުމުގެ އުސޫލުތަކަށް ލުއިދޭނީ މަދުވެގެން އާބާދީގެ 70 ޕަސެންޓް މީހުން ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކުރުމުންނެވެ. އަލްބޭނީ ކައުންޓީގައި ވެކްސިން ޖެހި ނިސްބަތަކީ އަދި 49 ޕަސަންޓެވެ.

އެމެރިކާގެ ސްކޫލްތަކުގައި މާސްކް އަޅަން މަޖުބޫރު ކުރާތީ މި ފަހުން ވަރަށް ގިނަ ބެލެނިވެރިން އެކަމާ ދެކޮޅަށް ވާހަކަ ދައްކައި، ބައެއް ސްކޫލްތަކާ ދެކޮޅަށް މުޒާހަރާ ވެސް ކޮށްފައިވެ އެވެ.