Roadha Mihaaru
ވެކްސިން ފުރިހަމަކުރާ މީހުންނަށް އެމެރިކާގައި ލުއި ދީފި

ވެކްސިންގެ ދެ ޑޯޒް ފުރިހަމަކުރާ މީހުންނަށް އެމެރިކާގައި ލުއި ދީފި

09 މާޗް 2021

ކޮވިޑް-19 ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައިވާ މީހުންނަށް ލުއި ދީ އެމެރިކާގައި އާ ގައިޑްލައިނަކަށް އަމަލުކުރަން ފަށައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ކޮވިޑް-19 ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައިވާ މީހުންނަށް ލުއި ދީ އެމެރިކާގައި އާ ގައިޑްލައިނަކަށް އަމަލުކުރަން ފަށައިފި އެވެ.

ކޮވިޑްގެ ހާލަތު އެންމެ ގޯސްވި އެމެރިކާގެ ސެންޓާޒް ފޮ ޑިޒީސް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (ސީޑީސީ) އިން ބުނީ ވެކްސިންގެ ދެ ޑޯޒް ފުރިހަމަކުރާ މީހުންނަށް ދެން މާސްކް މަޖުބޫރު ނުވާނެ ކަމަށެވެ.

އެހެންވެ އާންމު ތަންތަނާއި އެ ނޫން ވެސް ތަންތަނުގައި، ވެކްސިން ޖަހާފައިވާ މީހުންނާ އެކު މާސްކް ނާޅައި އުޅެވޭނެ ކަމަށް ބުންޏެވެ. ނަމަވެސް އެފަދަ މީހުން އަދިވެސް ޒަރޫރީ ބޭނުމެއްގައި ނޫނީ އެއް ތަނުން އަނެއް ތަނަށް ނުދާން ވަނީ ލަފާ ދީފަ އެވެ.

"އަދި ވެކްސިންގެ ދެވަނަ ޑޯޒް ނުޖަހާ މީހުން ބޭރުތެރޭގަ އާއި އެ ނޫން ވެސް ތަންތަނުގައި އުޅެން ވާނީ މާސްކް އަޅައިގެން. އަދި ގިނަ މީހުން އެއްވާ ތަންތަނަށް ދިއުން އަދިވެސް ރައްކާތެރިއެއް ނޫން،" ސީޑީސީން ބުންޏެވެ.

ސީޑީސީގެ ޑިރެކްޓަރު ރޮޗެލް ވެލެންޒްކީ ވިދާޅުވީ ވެކްސިންގެ ދެ ޑޯޒް ފުރިހަމަކުރާ މީހުންގެ ފަރާތުން މިހާރު ކޮވިޑް-19 ގެ ބިރުވެރިކަން ކުޑަވާކަން ހާމަވެފައިވާ ކަމަށެވެ. އެހެންވެ އެފަދަ މީހުންނަށް މިހާރު އާންމު ދިރިއުޅުމަށް ރުޖޫއަވެވޭނެ ކަމަށް ވިދާޅުވި އެވެ.

ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައިވާ މީހުން، ކޮވިޑް ބަލީގެ މީހަކާ ކޮންޓެކްޓް ވިޔަސް ކަރަންޓީނުވާން ވެސް ނުޖެހޭ ގޮތަށް އެމެރިކާ އިން ވަނީ ގައިޑްލައިން ބަދަލުކޮށްފަ އެވެ. އެކަމަކު ބަލީގެ އަލާމާތެއް ހުރި ނަމަ 14 ދުވަހު ކަރަންޓީނުގައި ހުންނަން ޖެހޭނެ އެވެ.

"އެހެންވެ ދެ ޑެޒޯ ފުރިހަމަކުރުމަކީ ވަރަށް ވެސް މުހިއްމު ކަމެއް،" އޭނާ ވިދާޅުވި އެވެ.

ކޮވިޑް ވެކްސިންގެ ދެވަނަ ޑޯޒް ދެނީ ފުރަތަމަ ޑޯޒް ޖަހާތާ އަށް ހަފުތާ ފަހުންނެވެ. އޭގެ ސަބަބުން ބަލީގެ ނުރައްކާ 70 ޕަސަންޓަށް ކުޑަކޮށްދޭ ކަމަށް ސިއްހީ ތަޖުރިބާކާރުން ވިދާޅުވި އެވެ. އޭގެ މާނަ އަކީ ކޮވިޑް ޖެހުނަސް ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވާ ނަމަ ބަލިން ކުރިމަތިވާ ނުރައްކާ އެތައް ގުނައެއް ކުޑަވުމެވެ.