Roadha Mihaaru
ވެކްސިން ނުޖަހާ ނަމަ ޖަލަށް ލާނެކަމުގެ އިންޒާރު ދީފި

ފިލިޕީންސްގައި ކޮވިޑް ވެކްސިން ނުޖަހާ ނަމަ ޖަލަށް ލާނެކަމުގެ އިންޒާރު ދީފި

23 ޖޫން 2021

ފިލިޕީންސްގައި ކޮވިޑް-19 ގެ ވެކްސިން ޖަހާ ނިސްބަތް ދަށްކަމުން އެކަމުގެ ކަންބޮޑުވުންތަކާ އެކު، ވެކްސިން ޖަހަން ދެކޮޅު ހަދާ މީހުން ޖަލަށްލާން ޖެހިދާނެކަމުގެ އިންޒާރު އެ ގައުމުގެ ރައީސް ރޮޑްރިގޯ ޑުޓާޓް ދެއްވައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ފިލިޕީންސްގައި ކޮވިޑް-19 ގެ ވެކްސިން ޖަހާ ނިސްބަތް ދަށްކަމުން އެކަމުގެ ކަންބޮޑުވުންތަކާ އެކު، ވެކްސިން ޖަހަން ދެކޮޅު ހަދާ މީހުން ޖަލަށްލާން ޖެހިދާނެކަމުގެ އިންޒާރު އެ ގައުމުގެ ރައީސް ރޮޑްރިގޯ ޑުޓާޓް ދެއްވައިފި އެވެ.

ހޯމަ ދުވަހުގެ ރޭ ބޭއްވި ކެބިނެޓް ކުއްލި ބައްދަލުވުމެއްގައި ރައީސް ވިދާޅުވީ ކޮވިޑް ވެކްސިން ޖަހަން ދެކޮޅު ހަދާ މީހުން ފިލިޕިންސްގައި ތިބުމުގެ ހައްގެއް ނެތް ވެސް ކަމަށެވެ. އަދި ވެކްސިން ޖަހަން ޖެހެނީ ތިމާ އާއި އެހެން މީހުންގެ ރައްކަލަށްޓަކައި ކަމަށް ވިދާޅުވި އެވެ.

"ވެކްސިން ނުޖަހާ ނަމަ ގައުމު ދޫކޮށްފައިދޭ. އަދި އިންޑިއާ ނޫނީ އެމެރިކާގެ ކޮންމެވެސް ހިސާބަކަށް ދޭ،" ޑުޓާޓް ހަވާލާދީ ޕީއެންއޭ ނިއުސް އެޖެންސީން ބުންޏެވެ. "މި ގައުމުގައި އުޅޭ ކަމަށްވާ ނަމަ މި ތަނުގައި އުޅޭ ހުރިހާ އިންސާނުން ޖެހޭނެ ކޮވިޑް ވެކްސިން ޖަހަން."

ކެބިނެޓް ބައްދަލުވުމުގައި ރައިސް ވަނީ ވެކްސިން ނުޖަހާ މީހުން ހޯދައި އެ މީހުންނަށް ވެކްސިން ދީ އަދި ވެކްސިން ޖަހަން ދެކޮޅު ހަދާ ނަމަ ވަގުތުން ޖަލަށްލުމަށް ކަމާ ބެހޭ ވަޒީރުންގެ ކިބައިން އެދިވަޑައިގެންފަ އެވެ.

ފިލިޕީންސްގައި މީހަކު ވެކްސިން ޖަހަނީ.

ފިލިޕީންސްގައި މީހަކު ވެކްސިން ޖަހަނީ.

ކަންކަން ތަންފީޒު ކުރެއްވުމުގައި އަބަދު ވެސް ހަރުކަށި އުސޫލުތަކެއް ގެންގުޅުއްވާ ފިލިޕީންސްގެ ރައީސާ ހަވާލާދީ އެ ގައުމުގެ އެހެން މީޑިއެއް ކަމަށްވާ ރެޕްލާ ބުނި ގޮތުގައި ވެކްސިން ޖަހާ ރޭޓް ދަށްކަމުން ރައިސް ހުންނެވީ ވަރަށް ބޮޑަށް ކޯފާވެފަ އެވެ.

ސަތޭކަ އެގާރަ މިލިއަނެއްހާ މީހުންގެ އާބާދީއެއް އޮތް ފިލިޕީންސްގައި މިދިޔަ ހޮނިހިރު ދުވަހާ ހަމައަށް ވެކްސިން ޖެހި މީހުންގެ އަދަދަކީ 2,210,134 އެވެ.

ފިލިޕީންސްގައި ކޮވިޑް ޖެހުނު މީހުންގެ އަދަދު 1.36 މިލިއަނަށް ވުރެ މަތީގައި އުޅޭ އިރު، މިހާތަނަށް ބަލީގައި މަރުވި މީހުންގެ އަދަދު 23،800 އަށް ވުރެ ގިނަ އެވެ. އެ ގައުމުގައި މިހާރު އެންމެ ބޮޑަށް އުޅެނީ ކޮވިޑްގެ އިންޑިއާ ވޭރިއަންޓް، ޑެލްޓާ އެވެ.