Roadha Mihaaru
ސިންގަޕޫރު އެއާލައިންސުން މުވައްޒަފުންނަށް ވެކްސިން ދެނީ

ސިންގަޕޫރް އެއާލައިންސްގެ އަމާޒަކީ އެންމެ ފުރަތަމަ ހުރިހާ މުވައްޒަފުންނަށް ކޮވިޑް ވެކްސިން ދިނުން

25 ޖެނުއަރީ 2021

ސިންގަޕޫރް އެއާލައިންސް (އެސްއައިއޭ) ގައި މަސައްކަތްކުރާ މުވައްޒަފުންގެ ތެރެއިން އާންމުންނާ ދިމާވާ ގޮތަށް މަސައްކަތުގެ މާހައުލު ބައްޓަންވެފައިވާ ހުރިހާ މުވައްޒަފުންނަށް ކޮވިޑް-19 ގެ ވެކްސިންދީ، އެކަން ފުރިހަމަކުރާ ފުރަތަމަ އެއާލައިންގެ މަގާމު ހޯދަން އަމާޒުހިފައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ސިންގަޕޫރް އެއާލައިންސް (އެސްއައިއޭ) ގައި މަސައްކަތްކުރާ މުވައްޒަފުންގެ ތެރެއިން އާންމުންނާ ދިމާވާ ގޮތަށް މަސައްކަތުގެ މާހައުލު ބައްޓަންވެފައިވާ ހުރިހާ މުވައްޒަފުންނަށް ކޮވިޑް-19 ގެ ވެކްސިންދީ، އެކަން ފުރިހަމަކުރާ ފުރަތަމަ އެއާލައިންގެ މަގާމު ހޯދަން އަމާޒުހިފައިފި އެވެ.

ސިންގަޕޫރުން ވަނީ އެ ގައުމުގެ ރައްޔިތުންނަށް ދޭން ފައިޒާ/ބައިއޯންޓެކްގެ ވެކްސިން ގަނެފަ އެވެ.

އެސްއައިއޭ އިން ބުނީ ފުރަތަމަ މަރުހަލާގައި ވެކްސިންދޭ މީހުންގެ ތެރޭގައި އޭވިއޭޝަން ދާއިރާގެ މީހުން ހިމަނާފައިވާތީ، އެ ދާއިރާ އަށް ސަރުކާރުން ވަރަށް ބޮޑު އަހަމިއްޔަތެއް ދޭކަން ކަށަވަރުވާ ކަަމަށާއި އެކަމަށް ޝުކުރު އަދާކުރާ ކަމަށެވެ.

އެސްއައިއޭގެ މުވައްޒަފުންގެ ތެރެއިން އެންމެ ފުރަތަމަ ވެކްސިން ދޭނެ މީހުންގެ ތެރޭގައި ހިމެނެނީ ޕައިލެޓުންނާއި ކެބިން ކްރޫންނާއި ގޭޓް އެޖެންޓުން ފަދަ މީހުންނެވެ.

"އަހަރެމެން ވަރަށް އުފާކޮށް ޝުކުރު އަދާކުރަން އެންމެ ފުރަތަމަ ވެކްސިން ދޭ މީހުންގެ ތެރޭގައި މި އެއާލައިންގެ މުވައްޒަފުން ހިމެނޭތީ،" އެސްއައިއޭގެ ސީއީއޯ ގޯ ޗޫން ޕޮންގް ވިދާޅުވި އެވެ. "މިކަމަކީ ހަގީގަތުގައި ވައިގެ ދަތުރުފަތުރުގެ ހިދުމަތާ އެކު ސިންގަޕޫރްގެ އިގުތިސާދު އަލުން ފަށައިގަންނަ އިރު ވަރަށް ވެސް މުހިއްމު ފިޔަވަޅެއް."

މުވައްޒަފުންނަށް ވެކްސިން ދޭން ތައްޔާރުވަމުން އަންނަ އިރު ވެކްސިން ޖަހަން މިހާތަނަށް އެސްއައިއޭގެ 5،200 މުވައްޒަފުން ރަޖިސްޓްރީކޮށްފައި އެވެ. އެ އެއާލައިންގެ އަމާޒަކީ ދުނިޔޭގެ ފުރަތަމަ "ފުލީ- ވެކްސިނޭޓެޑް އެއާލައިން" އަކަށް އެސްއައިއޭ ހެދުމެވެ.

މީގެ 48 އަހަރު ކުރިން ވައިގެ ދަތުރުފަތުރުގެ ހިދުމަތް ދޭން ފެށި އެއާލައިންގެ މުވައްޒަފުންގެ އަދަދު މިހާރު 17،200 އަށް ވުރެ ގިނަ އެވެ. ފްލީޓްގައި 140 ބޯޓް އޮންނަ އެސްއޭއައި އަކީ ދުނިޔޭގެ 137 މަންޒިލަކަށް ޝެޑިއުލް ދަތުރުކުރާ އެއާލައިނެކެވެ.

އެ އެއާލައިން ހިމެނެނީ ހިދުމަތް އެންމެ ރަނގަޅު އެއާލައިންތަކުގެ ތެރޭގަ އެވެ.