Roadha Mihaaru
ވެކްސިން ނުޖަހާ ނަމަ ޔޫއޭއީ އިން ބޭރެއް ނުވެވޭނެ

ވެކްސިން ނުޖަހާ މީހުންނަށް ޔޫއޭއީ އިން ބޭރެއް ނުވެވޭނެ

04 ޖެނުއަރީ 2022

ކޮވިޑް-19 އިން ރައްކާތެރިވުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން ވެކްސިން ނުޖަހާ މީހުންނަށް ގައުމުން ބޭރަށް ނުދެވޭ އުސޫލަކަށް އަމަލުކުރަން ޔޫއޭއީ އިން ނިންމައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ކޮވިޑް-19 އިން ރައްކާތެރިވުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން ވެކްސިން ނުޖަހާ މީހުންނަށް ގައުމުން ބޭރަށް ނުދެވޭ އުސޫލަކަށް އަމަލުކުރަން ޔޫއޭއީ އިން ނިންމައިފި އެވެ.

ޔޫއޭއީގެ ނެޝަނަލް އިމަޖެންސީ ކްރައިސިސް އެންޑް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންސީއީއެމްއޭ) އާ ގުޅިގެން މިކަން އެ ގައުމުގެ ފޮރިން މިނިސްޓްރީން އިއުލާންކޮށް ބުނީ، ކޮވިޑް ވެކްސިން ނުޖަހާ މީހުންނަށް މި މަހުގެ 10 އިން ފެށިގެން ގައުމުން ބޭރަށް ދަތުރު ނުކުރެވޭނެ ކަމަށެވެ.

އެކަމަކު ހާއްސަ ހާލަތްތަކުގައި މި އުސޫލުން ބައެއް މީހުން އިސްތިސްނާވާނެ އެވެ. އެއީ އިމަޖެންސީގައި ބޭސް ފަރުވާއަކަށް ގައުމުން ބޭރަށް ދާން ޖެހޭ މީހުންނާއި ސިއްހީ އެކި މައްސަލަތަކާ ހެދި ވެކްސިން ނުޖެހޭ މީހުންނެވެ.

މި އުސޫލާ އެކު މި މަހުގެ 10 އިން ފެށިގެން ޔޫއޭއީ އިން ބޭރަށް ދަތުރުކުރެވޭނީ ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށް އަދި ބޫސްޓަ ޑޯޒް ވެސް ޖަހާފައިވާ މީހުންނަށެވެ.

އެ ގައުމުގެ ސަރުކާރުން ބުނި ގޮތުގައި މިފަދަ ހަރުކަށި އުސޫލަކަށް މި ދަނޑިވަޅުގައި އަމަލުކުރަން ނިންމީ ވެކްސިން ނުޖަހާ މީހުން އަދިވެސް ތިބުމާ އެކު ކޮވިޑްގެ ކޭސްތައް އިތުރުވަމުންދާތީ އެވެ. ޔޫއޭއީގެ އާބާދީގެ 90 ޕަސެންޓް ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައިވާ އިރު، ބޫސްޓަ ޑޯޒް ޖެހި ނިސްބަތް މިހާރު 30 ޕަސެންޓާ ގާތްކުރެ އެވެ.

ކޮވިޑްގެ ބަލިމަޑުކަމާ ކުރިމަތިލާން ޖެހުނު ފަހުން މެދުއިރުމަތީގެ އެންމެ ކުރިއަރާފައިވާ ގައުމުގެ ގޮތުގައި ފާހަގަކޮށްލެވޭ ޔޫއޭއީ އިން ބަލި ޖެހުނު މީހުންގެ އަދަދު 764،490 އަށް ވުރެ ގިނަ އެވެ. އަދި ބަލީގައި މަރުވި މީހުންގެ އަދަދު 2،160 އަށް ވުރެ ގިނަ އެވެ.