Roadha Mihaaru
ވެކްސިން ނުޖަހާ މީހުން ގެންދާ އެއާލައިންތައް ޖޫރިމަނާ

ވެކްސިން ނުޖަހާ ޕެސެންޖަރުން ގެންދާ އެއާލައިންތައް ގާނާ އިން ޖޫރިމަނާކުރަނީ

15 ޑިސެމްބަރ 2021

ކޮވިޑް-19 ގެ ވެކްސިން ނުޖަހާ ޕެސެންޖަރުންނާއި އެ ބައްޔަށް ޕޮޒިޓިވް ވެފައިވާ ޕެސެންޖަރުން ގައުމަށް ގެންނަ އެއާލައިންތައް ޖޫރިމަނާ ކުރަން ގާނާގެ އެންމެ މައި އެއާޕޯޓް ކޮޓޯކާ އިންޓަނޭޝަނަލް އެއާޕޯޓުން ނިންމައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ކޮވިޑް-19 ގެ ވެކްސިން ނުޖަހާ ޕެސެންޖަރުންނާއި އެ ބައްޔަށް ޕޮޒިޓިވް ވެފައިވާ ޕެސެންޖަރުން ގައުމަށް ގެންނަ އެއާލައިންތައް ޖޫރިމަނާ ކުރަން ގާނާގެ އެންމެ މައި އެއާޕޯޓް ކޮޓޯކާ އިންޓަނޭޝަނަލް އެއާޕޯޓުން ނިންމައިފި އެވެ.

އަންގާރަ ދުވަހު އަމަލުކުރަން ފެށި މި އުސޫލުގެ ދަށުން އެ ގައުމަށް އުދުހޭ އެއާލައިންތަކުން ވެކްސިން ނުޖަހާ މީހުން އެތެރެކުރާ ނަމަ ގެންނަ ކޮންމެ ޕެސެންޖަރަކަށް 3،500 ޑޮލަރުގެ ރޭޓުން އެއާލައިންތައް ޖޫރިމަނާކުރާ އެވެ. މި ގޮތަށް ނިންމި އިރު ގާނާގައި މިހާރު ރެކޯޑްކޮށްފައިވާ ކޮވިޑްގެ އެކްޓިވް ކޭސްތަކުގެ 60 ޕަސެންޓަކީ ފާއިތުވި ދެ ހަފުތާގެ ތެރޭގައި ކޮޓޯކާ އެއާޕޯޓުން ރެކޯޑްކުރެވުނު މީހުންނެވެ.

ގާނާގެ އޮފިޝަލުން ވިދާޅުވި މިފަދަ ފޔަވަޅެއް އަޅަން ނިންމީ މިހާރުކޮވިޑްގެ އާ ވޭރިއަންޓް، އޮމިކްރޯން ވެސް ފެންނަ ގައުމުތައް އިތުރުވަމުން ދިއުމާ އެކު، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުންނެވެ. ގާނާ އަކީ ވެކްސިންގެ ސަޕްލައި ދަށްވުމާއި ވެކްސިން ޖެހުމާ ގުޅޭ ލޮޖިސްޓިކް ކަންކަމުގައި ވެސް ގޮންޖެހުންތަކެއް ދިމާވެފައިވާ ގައުމެކެވެ. އެހެންވެ ވައިގެ މަގުން އެތެރެވާ މީހުންގެ ސަބަބުން އޮމިކްރޯންގެ ނުރައްކާ އޮތުމުން، ވެކްސިން ނުޖަހާ އެ ގައުމަށް އެތެރެވާ ޕެސެންޖަރުން ގެންނަ އެއާލައިންތައް ޖޫރިމަނާކުރަން ނިންމީ އެވެ.

އެފްރިކާ ބައްރަށް ނިސްބަތްވާ ގާނާ އިން މިފަދަ އަޅަން ނިންމައި އެއަށް އަމަލުކުރަން ފަށާފައި މި ވަނީ ކޮވިޑްގެ ބަލިމަޑުކަމާ ގުޅިގެން އެ ގައުމަށް އެހީވާން ޔޫރަޕިއަން އިންވެސްޓްމަންޓް ބޭންކް (އީއައިބީ) އިން 85 މިލިއަން ޑޮލަރުގެ ލޯނެއް ވެސް ވެސް ދީފައި ވަނިކޮށެވެ.

އެތަނުގެ ޕްރެޒިޑެންޓް ވާނާ ހޯޔާ ވިދާޅުވި ގޮތުގައި ގާނާ އިން އަންނަނީ ކޮވިޑާ ދެކޮޅަށް ހަރުދަނާ މަސައްކަތްތަކެއް ކުރަމުންނެވެ. އެ ގައުމުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިހާތަނަށް 131،412 މީހުންނަށް ކޮވިޑް ޖެހިފައިވާ އިރު، ބަލީގައި މަރުވި މީހުންގެ އަދަދު 1،230 އަށް ވުރެ ގިނަ އެވެ.

މި މަހުން ފެށިގެން ގާނާގައި ވަނީ ވެކްސިން ޖެހުމުގެ މަސައްކަތް ވެސް އިތުރަށް ވަރުގަދަ ކޮށްފައިވެ އެވެ. އަދި އަންނަ މަހުގެ 22 އިން ފެށިގެން ސަރުކާރުގެ މުވައްޒަފުންނާއި ސިއްހީ އެހީތެރިންނާއި ދަރިވަރުންނަށް ވެކްސިން ދިނުމުގެ ޕްރޮގްރާމް އިތުރަށް ފުޅާކުރާނެ އެވެ.