Roadha Mihaaru
ފުރާ މީހުން ސްކޭންކުރަން "ސްމާޓް ހެލްމެޓް"

ފުރާ މީހުން ސްކޭންކުރަން އިޓަލީގެ އެއާޕޯޓެއްގައި "ސްމާޓް ހެލްމެޓް"

15 މެއި 2020

ކޮރޯނާވައިރަހުން ޖައްސާ ކޮވިޑް-19 ހުރިތޯ ސްކްރީންކުރުމަށް އިޓަލީގެ އެއާޕޯޓެއްގައި "ސްމާޓް ހެލްމެޓް" ބޭނުންކުރަން ފަށައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ކޮރޯނާވައިރަހުން ޖައްސާ ކޮވިޑް-19 ހުރިތޯ ސްކްރީންކުރުމަށް އިޓަލީގެ އެއާޕޯޓެއްގައި "ސްމާޓް ހެލްމެޓް" ބޭނުންކުރަން ފަށައިފި އެވެ.

ހާއްސަ ފީޗާތަކާ އެކު މި ހެލްމެޓް ތައްޔާރުކޮށްފައި ވަނީ އެ އަޅައިގެން ތިބޭ އެއާޕޯޓްގެ އޮފިޝަލުން އެއާޕޯޓްގެ އެކި ސަރަހައްދުތަކުގައި ހަރަކާތްތެރިވާ އިރު، ފުރަން ގޮސް ތިބޭ މީހުންގެ ފިނިހޫނުމިން ދެނެގަނެވި، ކޮރޯނާވައިުރަހުގެ އެއްވެސް އަލާމާތެއް ހުރިތޯ ސްކޭންކުރެވޭ ގޮތަށެވެ. އަދި ބަލީގެ އެއްވެސް ނިޝާނެއް ފެނިއްޖެ ނަމަ އެ މީހަކަށް ފުރުމުގެ ފުރުސަތު ނުދީ، ފަރުވާ ދޭ ފެސިލީޓީއަކަށް ގެންދާނެ އެވެ.

މި "ސްމާޓް ހެލްމެޓް" މުޅިން އަލަށް އެންމެ ފުރަތަމަ ބޭނުންކުރަން ފަށާފައި ވަނީ ރޯމްގެ ފިއުމިޝީނޯ އެއާޕޯޓްގަ އެވެ. ޓެސްޓްކުރުމުގެ ގޮތުން އަދި މި ހެލްމެޓް ބޭނުންކުރަމުން އަންނަ މީގެ ތަޖުރިބާ އަށް ބަލައިފައި ކުރިއަށް އޮތް ތަނުގައި އިޓަލީގެ ހުރިހާ އެއާޕޯޓެއްގައި "ސްމާޓް ހެލްމެޓް" ބޭނުންކުރާނެ ކަމަށް އިޓަލީގެ ރަސްމީ ފަރާތްތަކާ ހަވާލާދީ މީޑިއާތަކުން ބުންޏެވެ.

ޔޫރަޕްގެ ގައުމުތަކުގެ ތެރެއިން އިޓަލީ އަކީ ކޮވިޑް-19 ގެ ހާލަތު އެންމެ ގޯސްވި އެއް ގައުމެކެވެ. ނަމަވެސް އެ ގައުމުން މިހާރު ބަލިޖެހޭ މީހުން ފެންނަ މިންވަރު ވަރަށް ބޮޑަށް ދަށްވާން ފެށުމާ އެކު، ލޮކްޑައުންތަކަށް ލުއިދީ ދަތުރުފަތުރާއި ވިޔަފާރިކުރުން ފަދަ ކަންކަން ހާއްސަ ފިޔަވަޅުތަކެއްގެ ދަށުން ހުއްދަ ދީފައިވެ އެވެ.

އިޓަލީން މިހާތަނަށް ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު 222،000 އަށް އަރަ އެވެ. އަދި ބަލީގައި 31,100 އަށް ވުރެ ގިނަ މީހުން މަރުވެފައިވާ އިރު، ބަލިން ރަނގަޅުވި މީހުންގެ އަދަދު 113،000 އަށް އަރަ އެވެ.