Roadha Mihaaru
އެމްޕީއެލްގެ އެކްސިޑެންޓްތަކުގައި ބޮޑެތި އިހުމާލުތައް

ކާޕެޓް ރޯލު ވެއްޓުނު އިރު ކްރޭން އޮޕަރޭޓަރު މަސައްކަތްކުރާތާ 16 ގަޑިއިރު: ރިޕޯޓް

24 މާޗް 2021

މާލޭ ވިޔަފާރި ބަނދަރުގައި ކްރޭނަކުން ނެގި ކާޕެޓް ރޯލެއް މީހެއްގެ ގަޔަށް ވެއްޓި، ލިބުނު ޒަހަމްތަކަށް ފަރުވާދެނިކޮށް އޭނާ މަރުވި ހާދިސާ ހިނގި އިރު ކްރޭން އޮޕަރޭޓްކުރަން އިން މީހާ މަސައްކަތުގައި އުޅޭތާ 16 ގަޑި އިރު ވެފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކުރި ރިޕޯޓެއްގައި ބުނެފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

މާލޭ ވިޔަފާރި ބަނދަރުގައި ކްރޭނަކުން ނެގި ކާޕެޓް ރޯލެއް މީހެއްގެ ގަޔަށް ވެއްޓި، ލިބުނު ޒަހަމްތަކަށް ފަރުވާދެނިކޮށް އޭނާ މަރުވި ހާދިސާ ހިނގި އިރު ކްރޭން އޮޕަރޭޓްކުރަން އިން މީހާ މަސައްކަތުގައި އުޅޭތާ 16 ގަޑި އިރު ވެފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކުރި ރިޕޯޓެއްގައި ބުނެފި އެވެ.

މިދިޔަ މަހު 5 ގައި ހިނގި އެ ހާދިސާ އާއި ޖެނުއަރީ 7 ގައި ބިއްލޫރި ޕެލެޓެއްގެ ދަށުވެ، އެކަމުގެ ސަަބަބުން މަޖޫރީއަކު މަރުވި ހާދިސާއާ ގުޅިގެން މަޖިލީހަށް ހުށަހެޅި މައްސަލައެއް ސްޓޭޓް އޯންޑް އެންޓަޕްރައިޒަސް (އެސްއޯއީ) ކޮމިޓީން ބެލުމަށް ފަހު އެކުލަވައިލި ރިޕޯޓްގައި ބުނެފައިވާ ގޮތުން އެ މައުލޫމާތު ކޮމިޓީ އަށް ދިނީ ޓްރާންސްޕޯޓް އޮތޯރިޓީންނެވެ.

އެ ދެ ހާދިސާގައި އިހުމާލުވީ ފަރާތްތަކުގެ ޖިނާއީ ތަހުގީގެއް ކުރުމަށް ފުލުހުންނަށް ހުށަހެޅުމަށް މަޖިލީހުން ވަނީ ފާސްކޮށްފަ އެވެ.

ޓްރާންސްޕޯޓް އޮތޯރިޓީއާ ހަވާލާދީ ރިޕޯޓުގައި ބުނެފައިވާ ގޮތުގައި ހާދިސާ ހިނގި ދުވަހު ކްރޭން އޮޕަރޭޓްކުރަން އިނީ ހަގީގަތުގައި އެ ދުވަހު މަސައްކަތަށް ނުކުންނަން ޖެހޭ މުވައްޒަފެއް ނޫނެވެ. އެފަދަ މަސައްކަތްތައް ކުރާ މުވައްޒަފުން އަރާމުކުރަން ލިބެން ޖެހޭ ވަގުތު ލިބުނުތޯ ބަލަން ޖެހޭ އިރު، އެހާދިސާ ހިނގި އިރު އެ މުވައްޒަފު މަސައްކަތްކުރާތާ 16 ގަޑިއިރުވެފައިވާ ކަމަށާއި އެކަން މޮނިޓާކޮށް ބަލާނެ ބަޔަކު އެމްޕީއެލްގައި ނެތް ކަމަށް ރިޕޯޓްގައި ބުންޏެވެ.

އެސްއޯއީ ކޮމިޓީގެ ރިޕޯޓުގައި މި ވާހަކަ ހިމަނާފައި އޮތީ ޖެނުއަރީ 7 ގައި ހިނގި ހާދިސާއާ ގުޅިގެން ފާހަގަަކުރެވުނު ކަންތައްތަކުގެ ލިސްޓުގައި ކަމަށް ވިޔަސް، ކޮމިޓީގެ ބައެއް މެމްބަރުން މައުލޫމާތު ދެއްވި ގޮތުގައި އެއީ ރިޕޯޓުގައިވާ ލިއުމުގެ ކުށެކެވެ. ޖެނުއަރީ 7 ގައި ހިނގި ހާދިސާއަކީ ފޯކްލިފްޓެއް ބޭނުންކޮށްގެން ކޮންޓެއިނާއެއްގެ ތެރެއިން ނެރެން އުޅުނު ބިއްލޫރި ޕެލެޓެއްގެ ދަށުގައި ޒުވާނަކު ތާށިވި ހާދިސާ އެވެ. އެ ހާދިސާގައި ކްރޭން އޮޕަރޭޓަރަކު ނުހިމެނެ އެވެ.

ކާޕެޓް ރޯލު ވެއްޓުނު ހާދިސާގައި މަރުވީ ހދ. ނޮޅިވަރަން، ނައިޓްޑްރީމް، އިމްރާން އަލީ، 28، އެވެ. އޭނާ މަރުވީ އައިޖީއެމްއެޗްގެ އައިސީޔޫގައި ބޭއްވުމަށް ފަހު އިތުރު ފަރުވާ އަށް އިންޑިއާ އަށް ގެންދިޔަ ފަހުން މިދިޔަ މަހުގެ 17 ވަނަ ދުވަހު އެވެ.

އިމްރާނަކީ "މިނާ އިންވެސްޓްމެންޓް" ގައި މަސައްކަތްކުރަމުން ދިޔަ މީހެކެވެ. ދަންވަރު 2:15 ހާއިރު އެކްސިޑެންޓް ހިނގީ ކްރޭނަކުން ދޯންޏަކަށް މުދާ އަރުވަނިކޮށެވެ.

ބިއްލޫރި ޕެލެޓް ފުރޮޅާލައި ތާށިވެގެން ލިބުނު ސީރިއަސް އަނިޔާތަކަށް ފަރުވާ ދެނިކޮށް މަރުވެފައި ވަނީ ނ. ލަންދޫ ފޭރުގަސްދޮށުގޭ އަބްދުﷲ އާސިމް، 27، އެވެ.

ކޮމިޓީ އަށް ފާހަގަވި ކަންތައްތައް

ވިޔަފާރި ބަނދަރުގައި ހުރިކަން ފާހަގަކުރެވުނު މައްސަލަަތައް ކޮމިޓީ ރިޕޯޓްގައި ލިސްޓްކުރި އިރު، ޓްރާންސްޕޯޓް އޮތޯރިޓީން ދިން މައުލޫމާތުން ފާހަގަކުރެވުނު ކަންތައްތައް ވަކިން ލިސްޓްކޮށްފައި ވެ އެވެ. ކްރޭން އޮޕަރޭޓަރު 16 ގަޑިއިރަށް ވުރެ ގިނަ އިރު މަސައްކަތްކުރި މައްސަލައިގެ އިތުރުން ގިނަ މައްސަލަތަކެއް އެ އޮތޯރިޓީން ފާހަގަކޮށް ކޮމިޓީއާ ހިއްސާކޮށްފައި ވެ އެވެ. އޭގެ ތެރޭގައި:

- ހެވީ ވެހިކަލް އޮޕަރޭޓްކުރާ އިރު ޑްރައިވަރަށް ގޮތް ކިޔައިދޭން ހުންނަން ޖެހޭ ސިގްނަލް މޭން، އެ ހާދިސާ ހިނގި އިރު ނެތުން.

- ސިގްނަލް މޭން ނުހުންނަ ހާލަތުގައި މަޖޫރީން އެ ދައުރު އަދާކުރަން ޖެހޭނެކަން ވެސް ލިއުމުން އަންގާފައި ނެތުން.

- ހާދިސާ ހިނގި އިރު، މަސައްކަތް ހިނގާ ނުހިނގާ ގޮތް ބަލާނެ ސުޕަވައިޒަރަކު ސައިޓްގައި ނެތުން.

- ބަނދަރުގައި މަަސައްކަތްކުރަން ސްޓޭންޑާޑް އޮޕަރޭޓިން ޕްރޮސީޖާތަކެއް (އެސްއޯޕީތަކެއް) ނެތުން.

- މަސައްކަތްކުރަން ފެށުމުގެ ކުރިން ރިސްކް އޮތް ވަރު ބަލާނެ އުސޫލެއް ނެތުން.

- ބަނދަރުގައި މަސަައްކަތްކުރާ މަޖޫރީން އަމަލުކުރާނެ ގައިޑްލައިނެއް ނެތުން.

މަޖިލީހުގެ ހުށަހެޅުންތައް

މާލޭ ވިޔަފާރި ބަނދަރުގައި ހިނގި ހިތާމަވެރި ދެ ހާދިސާއާ ގުޅިގެން ފުޅާ ދާއިރާއެއްގައި މައުލޫމާތު އެއްކޮށް، އެސްއޯއީ ކޮމިޓީން އެކުލަަވައިލި ރިޕޯޓުގައި އެމްޕީއެލްއަށާއި ސަރުކާރަށް ގިނަ ކަންތައްތަކެއް ކުރަން ހުށަހަޅާފައި ވެ އެވެ. އޭގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް ހުށަހެޅުމަކީ އެ ދެ ހާދިސާގައި އިހުމާލުވީ ފަރާތްތަކުގެ ޖިނާއީ ތަހުގީގެއް ކުރުމަށް ފުލުހުންނަށް ހުށަހެޅުމާއި އެތަހުގީގުގެ ރިޕޯޓް ކޮމިޓީއާ ހިއްސާކުރަން އެދުމެވެ.

އިހުމާލުވި މުވައްޒަފުންގެ މައްސަލަ އެމްޕީއެލްގެ އެތެރެއިން ވެސް ބަލައި އެ މުވައްޒަފުންނާ މެދު އަޅަން ޖެހޭ ފިޔަވަޅުތައް އަޅަން ރިޕޯޓްގައި އެމްޕީއެލްއަށް އަންގާފައި ވެ އެވެ. އޭގެ އިތުރުން ކުރިއަށް އޮތް ތަނުގައި އެފަދަ ހާދިސާއެއް ހިނގިޔަ ނުދިނުމަށް އަޅަން ޖެހޭ ފިޔަވަޅުތައް އަޅަަން ވެސް ރިޕޯޓުގައި އެކުންފުންޏަށް އަންގާފައި ވެ އެވެ. ވިޔަފާރި ބަނދަރުގައި މަސައްކަތްކުރާ މީހުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ހަދަން ޖެހޭ ގަަވައިދުތައް އަންނަ މަހުގެ ނިޔަލަށް ހަދައި ނިންމަން ވެސް ރިޕޯޓުގައި އެމްޕީއެލް އަށް އަންގާފައި ވެ އެވެ.

ބަނދަރުގައި މަސައްކަތްކުރާނެ ގޮތުގެ އެސްއޯޕީއެއް އެކުލަވައިލާ ތަންފީޒުކުރުމަށާއި ބަނދަރުގައި މަސައްކަތްކުރާ އެންމެނަށް، ސަލާމަތީ ކަންތައްތަކުގެ ތަމްރީނުތައް ކުރިއަށް އޮތް ހަ މަސް ދުވަހުގެ ތެރޭގައި ދީ ނިންމުމަކީ ވެސް ރިޕޯޓުގައި އެމްޕީއެލް އަށް ހުށަހަޅާފައިވާ ކަމެކެވެ.

ރައްޔިތުންގެ މަޖިލީހުގެ އެސްއޯއީ ކޮމިޓީއަކީ ސަރުކާރުގެ ކުންފުނިތަކާއި ދައުލަތުގެ ހިއްސާވާ ކުންފުނިތައް ހިނގާ ނުހިނގާ ގޮތް ބަލަން 2019 ވަނަ އަހަރު އުފެއްދި ކޮމިޓީއެކެވެ. މަޖިލީހުގައި ތަމްސީލުކުރާ ހުރިހާ ސިޔާސީ ޕާޓީތަކާއި އަމިއްލަ މެމްބަރުން ހިމެނޭ ގޮތުން 13 މެމްބަރަކު އެ ކޮމިޓީގައި ތިއްބަވަ އެވެ.