Roadha Mihaaru
ވެކްސިން ނުޖަހާ މީހުންގެ އަތުން ޓެކްސް ނަގަނީ

ވެކްސިން ނުޖަހާ މީހުންގެ އަތުން ކެނެޑާ އިން ޓެކްސް ނަގަނީ

13 ޖެނުއަރީ 2022

ކޮވިޑް-19 އިން ދިފާއުވުމަށް ވެކްސިން އެއްގޮތަކަށް ވެސް ނުޖަހާ މީހުންގެ އަތުން ހާއްސަ ޓެކްސެއް ނަގަން ނިންމާފައިވާ ކަމަށް ކެނެޑާގެ ކިއުބެކް ޕްރޮވިންސުން ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ކޮވިޑް-19 އިން ދިފާއުވުމަށް ވެކްސިން އެއްގޮތަކަށް ވެސް ނުޖަހާ މީހުންގެ އަތުން ހާއްސަ ޓެކްސެއް ނަގަން ނިންމާފައިވާ ކަމަށް ކެނެޑާގެ ކިއުބެކް ޕްރޮވިންސުން ބުނެފި އެވެ.

އެތަނުގެ ސަރުކާރުގެ ވެރިޔާ ފްރަންކޮއިޒް ލެގޯލްޓް އަންގާރަ ދުވަހު ނޫސްވެރިންނާ ބައްދަލުކުރައްވައި ވިދާޅުވީ ވެކްސިން ނުޖަހާ މީހުންނާ ހެދި އެތަކެއް ރައްޔިތުން ތިބީ ނުރައްކަލުގެ ތެރޭގައި ކަމަށް ވާތީ އެ މީހުން އޭގެ އަގު ދައްކަން ޖެހޭނެ ކަމަށެވެ. އެހެންވެ ކުރިއަށް އޮތް ހަފުތާ ތެރޭ ކޮވިޑްގެ ފުރަތަމަ ޑޯޒް ނުޖަހާ މީހުންގެ އަތުން ޓެކްސް ނަގަން ފަށާނެ ކަމަށާއި އެކަމަކީ އެފަދަ މީހުންގެ ސަބަބުން ސަރުކާރުގެ ސިއްހީ ދާއިރާ އަށް ކުރިމަތިވެފައިވާ ތުރާލާއި ގޮންޖެހުންތަކުން އަރައިގަތުމަށް ވެސް ކުރާ ކަމެއް ކަމަށެވެ.

"އެހެންވީމަ ވެކްސިން ނުޖަހާ މީހުން ޓެކްސް ދައްކަން ތައްޔާރުވެ ތިބުމަށް ގޮވާލަން،" ލެގޯލްޓް ވިދާޅުވި އެވެ.

"ވެކްސިން ނުޖަހާ މީހުންނާ ހެދި ސިއްހީ ނިޒާމަށް ވަނީ ވަރަށް ބޮޑު ބުރައެއް އުފުލަން ޖެހިފައި."

އޭނާ ވިދާޅުވި ގޮތުގައި މިފަދަ ފިޔަވަޅުތަކެއް އަޅަން ޖެހެނީ އެންމެންގެ ރައްކަލަކަށެވެ. ކޮވިޑުން ރައްކާތެރިކަން ހޯދަން ދުނިޔޭގެ އެކި ގައުމުތަކުން ވެސް އެކި ކަހަލަ ފިޔަވަޅުތައް އަޅަމުން އަންނަ އިރު، ކެނެޑާއިން ވެސް ބަލިން އަރައިގަތުމަށް ހަރުކަށި ފިޔަވަޅުތަކެއް އަޅައިގެން ވިޔަސް ވެކްސިން ޖަހަން ރައްޔިތުންނަށް މަޖުބޫރުކުރަން ޖެހޭ ކަމަށް ވިދާޅުވި އެވެ. ސަބަބަކީ މި ވަގުތު މި ބައްޔަށް އޮތް ހަމައެކަނި ފަރުވާ އަކީ އަދި ރައްކާތެރީ ކަމަކީ ވެކްސިން ކަމަށް ވާތީ އެވެ.

"އަހަރެމެންގެ [ކިއުބެކް ޕްރޮވިންސް] ގެ 90 ޕަސެންޓް މީހުން ވެކްސިން ޖަހައިފި. އެހެންވީމަ އެ މީހުންވި ގުރުބާނީ އަށް ވެކްސިން ނުޖަހާ މީހުންގެ ފަރާތުން އޮތް ނުރައްކަލަށް އެފަދަ މީހުން ޖެހޭނެ އަދަބު ލިބިގަންނަން،" ލެގޯލްޓް ވިދާޅުވި އެވެ.

ވެކްސިން ނުޖަހާ މީހުންގެ އަތުން ޓެކްސް ނަގަން ނިންމިކަން އިއުލާންކުރި ނަމަވެސް އެކަމާ ބެހޭ ތަފުސީލެއް އަދި ހާމައެއްނުކުރެ އެވެ. އަދި އެކަމާ ގުޅިގެން ގާނޫނީ މައްސަލަތަކެއް ފެންމަތިވެދާނެތޯ ނޫސްވެރިން ސުވާލުކުރެއްވުމުން އޭނާ ވިދާޅުވީ މިކަމަކީ "ބޮޑު ކަމެއް" ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

"އެކަމަކު އަހަރެމެން އެބަ ޖެހޭ ވެކްސިން ނުޖަހާ މީހުންގެ ސަބަބުން ކުރިމަތިވާ މައްސަލަތަކުގެ ސަބަބުން ފިލާވަޅު ލިބިގަންނަން. ދުނިޔޭގެ އެތައް ގައުމަކުން އަދި ސީދާ މި ގައުމުން [ކެނެޑާ] އިން ވެސް އަންނަނީ ބަލިން އަރައިގަތުމަށް ފިޔަވަޅުތަކެއް އަޅަމުން،" ލެގޯލްޓް ވިދާޅުވި އެވެ.

"އަހަރެން ގަބޫލުކުރަނީ ވެކްސިން ޖެހި މެޖޯރިޓީ ވެސް މި ނިންމުމާ އިއްތިފާގުވާނެ ކަމަށް."

ވެކްސިން ނުޖަހާ މީހުންނަށް ކިއުބެކް ޕްރޮވިންސްގެ އާންމު ތަންތަނަށް ބޭނުން ކުރުން ވެސް މަނާކޮށްފައިވާ އިރު، އާ ފިޔަވަޅުތަކެއްގެ ގޮތުގައި ބަނގުރަލާއި ދުންފަތާ ގުޅުން ހުރި ތަކެތި ވިއްކާ ތަންތަން ވެސް އެފަދަ މީހުންނަށް މަނާކޮށްފަ އެވެ.

ލެގޯލްޓް ވިދާޅުވި ގޮތުގައި ކޮވިޑްގެ އާ ވޭރިއަންޓް، އޮމިކްރޯންގެ ކޭސްތައް މިހާރު އިތުރުވަމުން ދާތީ ކުރިއަށް އޮތް ދުވަސްތަކުގައި ސިއްހީ ދާއިރާ އަށް އިތުރު 1،000 މީހުންނާއި ނާސިން ހޯމްތަކަށް 1،500 އެއްހާ މުވައްޒަފުން ވެސް ބޭނުން ވާނެ އެވެ.