Roadha Mihaaru
ޕާކިސްތާނުގައި ވެކްސިން ނުޖަހާ ނަމަ ސިމް ބްލޮކްކުރަނީ

ޕާކިސްތާނުގައި ކޮވިޑް ވެކްސިން ނުޖަހާ މީހުންގެ ސިމް ބްލޮކްކުރަނީ

13 ޖޫން 2021

ކޮވިޑް-19 ގެ ވެކްސިން ނުޖަހާ ނުވަތަ ޖަހަން ދެކޮޅު ހަދާ މީހުންގެ މޮބައިލް ފޯނުގެ ސިމް ކާޑް ބްލޮކްކުރަން ޕާކިސްތާނުގެ ޕަންޖާބް ޕްރޮވިންސުން ނިންމައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ކޮވިޑް-19 ގެ ވެކްސިން ނުޖަހާ ނުވަތަ ޖަހަން ދެކޮޅު ހަދާ މީހުންގެ މޮބައިލް ފޯނުގެ ސިމް ކާޑް ބްލޮކްކުރަން ޕާކިސްތާނުގެ ޕަންޖާބް ޕްރޮވިންސުން ނިންމައިފި އެވެ.

މިގޮތަށް ނިންމާފައި ހެލްތު މިނިސްޓަރު ޑރ. ޔާސްމީން ރާޝިދު އިސްކޮށް ހުންނަވައިގެން ވަޒީރުންނާ އެކު ބޭއްވި ބައްދަލުވުމެއްގައި މަޝްވަރާކުރެއްވުމަށް ފަހު އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި ކޮވިޑުން ރައްކާތެރިކަން ހޯދަން މި ވަގުތު ވެކްސިން ޖެހުމަކީ ހުރިހާ ރައްޔިތުން ވެސް ކުރަން ޖެހޭ ކަމެކެވެ. އެގޮތުން 18 އަހަރުން މަތީގެ ކޮންމެ މީހަކީ ވެކްސިން ޖަހާފައިވާ މީހަކަށް ހަދަން ޕަންޖާބް ސަރުކާރުން ބޭނުންވާ ކަމަށް ވިދާޅުވި އެވެ.

"ވެކްސިން ނުޖަހާ ނުވަތަ ޖަހަން ދެކޮޅު ހަދާ މީހުންނާ ހެދި މުޅި ސްޓޭޓް ނުވަތަ މުޅި ގައުމުގެ ރައްޔިތުން ނުރައްކަލަށް ހުށަހެޅުމުގެ ފުރުސަތެއް ސަރުކާރަކުން ނުދޭނެ. އެހެންވީމާ އަހަރެމެން ހިތްވަރު ދެނީ ހުރިހާ އެންމެން ވެސް ވެކްސިން ޖަހަން." ސަރުކާރުން ނިންމި ނިންމުމާ ގުޅިގެން ހެލްތު މިނިސްޓަރު ޕާކިސްތާން ޓްރިބިއުން އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވި އެވެ.

ވެކްސިން ނުޖަހާ މީހުންގެ ސިމް ކާޑް ބްލޮކްކުރަން ނިންމައި އެކަން ތަންފީޒުކުރަން ނިންމާފައި ވަނީ ކޮވިޑާ ދެކޮޅަށް މަސައްކަތްކުރަން އުފައްދާފައިވާ ޕާކިސްތާނުގެ ނެޝަނަލް ކޮމާންޑް އެންޑް އޮޕަރޭޝަން ސެންޓަރުގެ ތާއިދާ ވެސް އެކީގަ އެވެ. ވެކްސިން ނުޖަހާ މީހުންގެ ސިމް ކާޑް ބްލޮކްކުރުމުގެ އިތުރުން އެފަދަ މީހުންނަށް ޕާކްތަކާއި ރެސްޓޯރަންޓްތަކާއި ވިޔަފާރި މޯލްތަކަށް ވަނުން ވެސް މަނާވާނެ އެވެ.

މި ނިންމުމުގެ ވާހަކަ ޕަންޖާބްގެ ޕްރައިމަރީ އެންޑް ސެކަންޑަފީ ހެލްތުކެއާ ޑިޕާޓްމަންޓުން ޓްވީޓް ވެސް ކޮށްފައިވެ އެވެ.

ވެކްސިން ނުޖަހާ މީހުންގެ ސިމް ކާޑް ބްލޮކްކުރަން ނިންމި އިރު، ޕާކިސްތާނަކީ ވެކްސިނާ ވަރަށް ދެކޮޅު ވިސްނުންތަކެއް ވެސް ގެންގުޅޭ ރައްޔިތުންތަކެއް ދިރިއުޅޭ ގައުމެކެވެ. އަނެއްކޮޅުން ޕަންޖާބް ޕްރޮވިންސަކީ އެ ގައުމުގެ އެންމެ ބައިބޯ ސަރަހައްދެވެ.

ޕަންޖާބް ޕްރޮވިންޝަލް ސަރުކާރުގެ އަމާޒަކީ މި އަހަރުގެ ނޮވެމްބަރާ ހަމައަށްދާ އިރު އެތަނުގެ އާބާދީގެ 40 މިލިއަން މީހުންނަށް ވެކްސިންގެ ފުރަތަމަ ޑޯޒް ދިނުމެވެ.

ޕަންޖާބްގައި ކޮވިޑް ޖެހުނު މީހުންގެ އަދަދު 344،000 އަށް ވުރެ މަތީގައި އުޅޭ އިރު. މަރުވި މީހުންގެ އަދަދު 10،500 އަށް ވުރެ ގިނަ އެވެ. މުޅި ޕާކިސްތާނަށް ބަލާ އިރު ބަލި ޖެހުނު މީހުންގެ އަދަދު 940،000 އަށް ވުރެ ގިނަ އެވެ. އަދި މަރުވި މީހުންގެ އަދަދު 21،600 އަށް ވުރެ ގިނަ އެވެ.