Roadha Mihaaru
މާބަނޑު ދުވަސްވަރު ކަސްރަތުކުރުމުގައި ވިސްނާލަން

މާބަނޑު ދުވަސްވަރު ކަސްރަތުކުރުމުގައި ވިސްނާލަން

18 އެޕްރީލް 2024

މާބަނޑު ދުވަސްވަރު ކަސްރަތު ކުރުމަކީ ސިއްހަތަށް ފައިދާކުރާނެ މުހިންމު ކަމެކެވެ. އަދި ވިހެއުމަށް ފަސޭހަކޮށްދޭ ވެސް ކަމެކެވެ.

ހަފީޒާ އަހުމަދު ހަފީޒާ އަހުމަދު

މާބަނޑު ދުވަސްވަރު ކަސްރަތު ކުރުމަކީ ސިއްހަތަށް ފައިދާކުރާނެ މުހިންމު ކަމެކެވެ. އަދި ވިހެއުމަށް ފަސޭހަކޮށްދޭ ވެސް ކަމެކެވެ.

މާބަނޑު ދުވަސްވަރު ކުރާ ކަސްރަތުން ކާޑިއޯވަސްކިއުލާ ފިޓްނަސް ނުވަތަ ހިތުގެ ދުޅަހެޔޮކަމާއި ލޭ މައްޗަށް ދިއުމާއި މީހާގެ މޫޑުގެ އިތުރުން ބަރުދަން ހިފަހައްޓާލުމަށް ވެސް އެހީތެރިވެދެ އެވެ.

ޑޮކްޓަރުންގެ ލަފަޔާ އެކު ދުވަން ދިއުމާއި ބަރު ކަސްރަތު ކުރުން ވެސް ގޯހެއް ނޫނެވެ. ނަމަވެސް، މާބަނޑު ދުވަސްވަރު ކުރާ ކަސްރަތުގައި ދަރިފުޅާއި މައިމީހާ އަށް ގެއްލުމެއް ލިބިދާނެ ކަސްރަތު ނުކުރުމަށް އިސްކަންދޭން ވާނެ އެވެ.

ހުޅުތައް ދޫވެ، ހަށިގަނޑު ބެލެންސްކުރަން އުނދަގޫ ވުމަކީ މާބަނޑު ދުވަސްވަރު އާންމުކޮށް ކުރިމަތިވާ ކަމެއް ކަމަށް ބައެއް ފިޓްނަސް އިންސްޓްރަކްޓަރުން ބުނެފައިވެ އެވެ. އަދި ކަސްރަތު ކުރުމުން ހުޅުތަކުގައި ވަރު ޖެހި، މާބަނޑު އިރު ކުރިމަތިވާ މި އުނދަގޫތަކުން ދުރުކޮށްދޭނެ އެވެ.

މާބަނޑު ދުވަސްވަރު ކަސްރަތުކުރަން ފަށާއިރު ޑޮކްޓަަރުގެ ލަފާ ހޯދުން ވަރަށް މުހިންމެވެ. ހާއްސަކޮށް ބަނޑަށް އެންމެ ފަހު ތިން މަހުގައި ކަސްރަތު ކުރަން ފެށުމުގެ ކުރިން ޑޮކްޓަރަށް ދެއްކުން ރަނގަޅެވެ. މާ ބޮޑަށް ހެލިފެލިވެ ނޫޅޭ މީހެއް ނަމަ، އެންމެ ރަނގަޅީ ކޮންމެ ދުވަހުކު ވެސް ހިނގާލަން ދިއުމެވެ.

ވިހަން ތިން މަހަށް ވުމުން އެއްގޮތަކަށް ވެސް ކޮށްގެން ނުވާނެ ބައެއް ކަންކަން ހުރެ އެވެ. އޭގެ ތެރޭގައި ފުއްމުމާއި ކޮރުޖެހުން ކަހަލަ ކަންކަން ނުކުރުން ހިމެނެ އެވެ.

އޭގެ ބަދަލުގައި ކުރިދާނެ ބައެއް ކަސްރަތުތަކުގެ ތެރޭގައި ޔޯގާ ހެދުމާއި ޕައިލެޓްސް އަދި ސައިކްލިން ހިމެނެ އެވެ.

މި ކަސްރަތުތަކުން ހަށިގަނޑުގައި ހުންނަ އެންމެ މުހިންމު މަސްތަކަށް ބޭނުންވާ ކަސްރަތު ލިބޭނެ އެވެ. އަދި ވިހެއުމަށް ވެސް އެހީތެރިވެ ދޭނެ އެވެ.

މާބަނޑު ދުވަސްވަރު ކަސްރަތުކުރުމަށް ހެވީ ވެއިޓްސް ނުވަތަ ބަރު އުފުލުމަކީ ރަނގަޅު ކަމެއް ނޫނެވެ. ބޮޑަށް ރަނގަޅީ ބޮޑީ ވެއިޓް ކަސްރަތުތައް ކުރުމެވެ. މިސާލަކަށް ސްކޮޓްސް ޖެއްސުމާއި ޕްލޭންކްސް އަދި ވޯލް ޕުޝަޕްސް ކަހަލަ ކަސްރަތުތައް ރަނގަޅުވާނެ އެވެ.

ނަމަވެސް މާ ގިނައިރު، އޮށޯވެ އޮވެގެން ކުރާ ކަސްރަތުތައް ކުރުން އެއްގޮތަކަށް ވެސް ރަނގަޅެއް ނޫނެވެ. އޭގެ ބަދަލުގައި އަރިއަކަށް އޮށޯވެ އޮވެގެން ކުރާ ކަސްރަތުތައް ކުރެވިދާނެ އެވެ.