Roadha Mihaaru
ޒުވާނުންގެ ކުއްލި މަރުތަކާއެކު ޑޮކްޓަރުންގެ ކަންބޮޑުވުން

ޒުވާނުންތަކެއްގެ ކުއްލި މަރު: އާންމު ދިރިއުޅުމަށް ބޮޑެތި ބަދަލުތަކެއް ގެންނަން ޖެހޭ!

21 ސެޕްޓެމްބަރ 2023

މީހާގެ ހަށިގަނޑަށް ބަލާ ބެލުމަށް ފެންނަނީ ވަރަށް ފިޓްކޮށެވެ. އެކަމަކު، އުނދަގޫތަކެއް ވާތީ ހެދި ޓެސްޓުތަކުން ކޮލެސްޓްރޯލް ހުރީ އާދަޔާ ހިލާފަށް މަތީގަ އެވެ. ހިކިކޮށް ހުންނާތީ ސިއްހަތަށް މާ ބޮޑު ބެލުންތަކެއް ނެތީ އެވެ. ބައެއް މީހުން ވިސްނާ ގޮތުގައި ކޮލެސްޓްރޯލަކީ ހަމައެކަނި ފަލަ މީހުންގެ ގައިގައި ހުންނަ އެއްޗެކެވެ. އެކަމަކު އެއީ ވަރަށް ބޮޑު ކުށްހީއެކެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

މީހާގެ ހަށިގަނޑަށް ބަލާ ބެލުމަށް ފެންނަނީ ވަރަށް ފިޓްކޮށެވެ. އެކަމަކު، އުނދަގޫތަކެއް ވާތީ ހެދި ޓެސްޓުތަކުން ކޮލެސްޓްރޯލް ހުރީ އާދަޔާ ހިލާފަށް މަތީގަ އެވެ. ހިކިކޮށް ހުންނާތީ ސިއްހަތަށް މާ ބޮޑު ބެލުންތަކެއް ނެތީ އެވެ. ބައެއް މީހުން ވިސްނާ ގޮތުގައި ކޮލެސްޓްރޯލަކީ ހަމައެކަނި ފަލަ މީހުންގެ ގައިގައި ހުންނަ އެއްޗެކެވެ. އެކަމަކު އެއީ ވަރަށް ބޮޑު ކުށްހީއެކެވެ.

ހަށިގަނޑު ކޮންމެ ގޮތަކަށް ހުއްޓަސް ކޮލެސްޓްރޯލް މަތިވެދާނެ އެވެ. ނޫނީ ހުންނަންޖެހޭ ވަރަށް ވުރެ ދަށްވެދާނެ އެވެ. މެޑިކަލް ޓާމުން ބުނާނަމަ ހަށިގަނޑުގައި "ބޭޑް ކޮލެސްޓްރޯލް" މާ ބޮޑަށް މަތިވުމަކީ ސިއްހީ ބޮޑެތި އެހެން މައްސަލަތަކަށް ޖަހާލާ ވަރަށް ވަރުގަދަ ރަނގަބީލެކެވެ.

ހަށިގަނޑުގައި ޒަމާން ވަންދެން ކޮލެސްޓްރޯލް ގިނައިން ހުރެއްޖެނަމަ ހިތުގެ ލޭ ހޮޅިތަކުގައި ސަރުބީ ޖަހަ އެވެ. ބޮޑެތި އެހެން ބަލިތައް ޖެހެނީ އޭގެ ސަބަބުންނެވެ. ހާޓް އެޓޭކާއި ސްޓްރޯކަކީ އޭގެ އެއް ހެއްކެކެވެ.

ހާޓް އެޓޭކާއި ސްޓްރޯކުގައި ގިނަ ޒުވާނުންނެއް ނުކުޅެދިއްޖެ އެވެ. ވަކިވެގެން ހިނގައްޖެ އެވެ.

ޒުވާނުންގެ ކުއްލި މަރުތަކާއެކު ދިރިއުޅުމުގެ ވައްޓަފާޅީގެ ވާހަކަތައް ވެސް އަލުން މިވަނީ ދައްކަން ޖެހިފަ އެވެ.

މީހަކު ވޭޕް ބޭނުންކުރަނީ. ވޭޕްގެ ސަބަބުން ޒުވާނުންގެ ފުއްޕާމެއަށް ބޮޑެތި ގެއްލުންތައް ލިބޭ ކަމަށް ޑޮކްޓަރުން ބުނޭ-- ފޮޓޯ: އޭޕީ

މީހަކު ވޭޕް ބޭނުންކުރަނީ. ވޭޕްގެ ސަބަބުން ޒުވާނުންގެ ފުއްޕާމެއަށް ބޮޑެތި ގެއްލުންތައް ލިބޭ ކަމަށް ޑޮކްޓަރުން ބުނޭ-- ފޮޓޯ: އޭޕީ

ހާޓް އެޓޭކު ޖެހޭ ޒުވާނުންގެ އަދަދު އިތުރުވަމުންދާތީ ކަންބޮޑުވުން ފާޅުކުރެއްވި އެއް ބޭފުޅަކީ، ހިތުގެ ބަލީގެ ފުރަތަމަ ޑޮކްޓަރު، ޑރ. އަލީ ޝަފީގެވެ.

އޭނާ ވިދާޅުވި ގޮތުގައި ކުއްލި މަރުގައި ގިނަ ޒުވާނުން ވަކިވެގެން ދިއުމަކީ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށެވެ. އެކަމާ ބޮޑަށް ގުޅިފައިވަނީ ދިރިއުޅުމުގެ ވައްޓަފާޅި ހުންނަ ގޮތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޑޮކްޓަރު ވިދާޅުވި ގޮތުގައި ހާޓްއެޓޭކް ޖެހިގެން ވެސް މިހާރު ގިނަ ޒުވާނުން އަންނަ ކަމަށެވެ. ނަމަވެސް، އެ މީހުންގެ ބެކްގްރައުންޑަށް ބަލާއިރު ގިނައިން ހުންނަނީ ދިރިއުޅުމުގެ ވައްޓަފާޅީގެ މައްސަލަތައްކަން ފާހަގަކުރައްވައި ޑޮކްޓަރު ވިދާޅުވީ ސިނގިރޭޓް ބުއިމާއި ހަށިގަނޑަށް ފައިދާހުރި ކާނާ ނުކެއުން އަދި އެ މީހުންގެ ނިދުން ވެސް ރަނގަޅު ނޫން ކަމަށެވެ.

ރޭގަނޑު އެއްކޮށް މަސައްކަތް ކުރަން ނުވަތަ ހޭލާ ހުންނައިރާއި ވަގުތަށް ކެއުން ނުނެގޭތީ ގިނަ ފަހަރަށް ސިނގިރެޓާއި ކޮފީން ހަމަޖައްސާލާ އެވެ. ގިނައިން ފެންނަނީ ދިރިއުޅުމާ ގުޅޭ ކަންތައްތައް ކަމަށާއި މަދުން ނަމަވެސް ޖެނެޓިކް މައްސަލަތައް ވެސް ހުންނަ ކަމަށް ވިދާޅުވި އެވެ.

"ބޮޑަށް ލައިފްސްޓައިލް ބަދަލުތަކަށް ބުނެވެނީ ގެންނަން ޖެހޭ އެ ކަހަލަ ކަންތައްތައް ޕްރިވެންޓްކުރަން." އޭނާ ވިދާޅުވި އެވެ.

މީގެ ކުރިން ބޭއްވި ދުވުމުގެ މުބާރާތެއްގައި ބަޔަކު ދުވަނީ.-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

މީގެ ކުރިން ބޭއްވި ދުވުމުގެ މުބާރާތެއްގައި ބަޔަކު ދުވަނީ.-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

މީހަކު މަރުވެއްޖެނަމަ، އެ މަރުވި ސަބަބު ދެނެގަނެވޭނީ އޮޓޮޕްސީ ހަދައިގެންނެވެ. އެކަމަކު، އަލީ ޝަފީގު ވިދާޅުވީ ގިނަ ފަހަރަށް ކުއްލި މަރަކީ ހާޓް އެޓޭކް ޖެހިގެން މަރުވުން ކަމަށެވެ. މާނައަކީ، ލޭ ހޮޅިތައް ބެދިފައި ހުރުމެވެ. ނޫނީ ސިއްހަތަށް ހާއްސަ ސަމާލުކަމެއް ދީފިނަމަ ހާޓް އެޓޭކު ޖެހުން ދުރުކޮށްދެ އެވެ.

"ވަރަށް ކަންބޮޑުވާ ކަމެއް. ހާއްސަކޮށް ޒުވާނުންނަށް އެހެން ދިމާވަންޏާ. އަޅުގަނޑުމެންގެ އެންމެ މުހިއްމު ވޯކްފޯސް ވާނީ ޒުވާނުންނަށް. އަދި ހާޓްއެޓޭކް ނޫނަސް ހެލްތީކޮށް އޭޖް ވުމަކީ ވެސް ރަނގަޅު ކަމެއް. ޒުވާން ދައުރުގައި ފަށަންޖެހޭ ކަމެއް އެއީ. އެހެން ނޫނީ، އުމުރުން ދުވަސްވާ ވަރަކަށް މީހާ އެހެން މީހަކަށް ޑިޕެންޑުވާން ޖެހޭނެ." އޭނާ ވިދާޅުވި އެވެ.

ފާއިތުވި ދެ ތިން ހަފުތާގެ ތެރޭގައި ގިނަ ޒުވާނުންގެ ކުއްލި މަރާއެކު ސޯޝަލް މީޑިއާގައި ކަންބޮޑުވުން ފާޅުކުރި ބައެއް މީހުން ވެސް ވަނީ ކޮވިޑަށް ފަހު މިފަދަ މަރުތައް ގިނަ ކަމަށް ބުނެ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

އެކަމަކު އަލީ ޝަފީގު ވިދާޅުވީ ކޮވިޑުގެ ފަހުން ހާޓްއެޓޭކް ނުވަތަ ކުއްލި މަރުތައް ވަކި ގިނައެއް ނޫން ކަމަށެވެ. އޭގެ ބަދަލުގައި، ޒުވާނުންގެ ދިރިއުޅުމުގެ ވައްޓަފާޅީގައި ސިނގިރޭޓުން ވޭޕަށް ބަދަލުވެ، ނިދުމުގެ ޕެޓާން ވެސް ރަނގަޅުނޫން ކަމަށެވެ. އެކަމުން، ހަށިގަނޑަށް ބަދަލުތައް އަންނާނެ ކަމަށް ޑޮކްޓަރު ވިދާޅުވި އެވެ.