Roadha Mihaaru
ހެނދުނު ކުރާ ކަސްރަތުގެ ފައިދާ ބޮޑު

ސްޓްރޯކާއި ހިތުގެ ބަލިތަކާ ދެކޮޅަށް ހެނދުނުގެ ކަސްރަތު މުހިންމު

21 ނޮވެމްބަރ 2022

ހިތުގެ ބަލިތަކާއި ސްޓްރޯކް ޖެހުމުން ދުރުވުމަށް ހެނދުނު ކަސްރަތު ކުރުމުގެ ފައިދާ ބޮޑު ކަމަށް ނެދަލެންޑުގެ ލައިޑަން ޔުނިވަސިޓީ މެޑިކަލް ސެންޓަރުން ހެދި ދިރާސާ އަކުން ދައްކައިފި އެވެ. .

ހަފީޒާ އަހުމަދު ހަފީޒާ އަހުމަދު

ހިތުގެ ބަލިތަކާއި ސްޓްރޯކް ޖެހުމުން ދުރުވުމަށް ހެނދުނު ކަސްރަތު ކުރުމުގެ ފައިދާ ބޮޑު ކަމަށް ނެދަލެންޑުގެ ލައިޑަން ޔުނިވަސިޓީ މެޑިކަލް ސެންޓަރުން ހެދި ދިރާސާ އަކުން ދައްކައިފި އެވެ. .

ކަސްރަތަކީ މީހާގެ ހަށިގަނޑު ދުޅަހެޔޮކޮށް ބެހެއްޓުމަށް މުހިންމު ކަމަކަށް ވާއިރު މި ދިރާސާ އިން ދައްކަނީ ހެނދުނު ހޭލައިގެން ކުރާ ކަސްރަތުގެ ފައިދާ މިކަމުގައި އިތުރު ކަމަށެވެ.

މި ދިރާސާ ކުރުމަށް ބޭނުންކުރީ އިނގިރޭސިވިލާތުގެ ބަޔޯބޭންކް ޑޭޓާ ބޭސް އެވެ. މި ޑޭޓާ ބޭސްގައި، އުމުރުން 42 އަހަރާއި 78 އަހަރުގެ 86،657 މީހުން ހިމެނެ އެވެ. މި މީހުންނަކީ ފެށުނު އިރު ހިތުގެ ބަލީގެ އެއްވެސް އަލާމާތެއް ނެތް މީހުންނެވެ. މި މީހުންގެ އެވްރެޖް އުމުރު އުޅެނީ 62 އަހަރުގަ އެވެ. އޭގެ ތެރެއިން 58 ޕަސަންޓަކީ އަންހެނުންނެވެ.

މި ދިރާސާގައި ބުނަނީ ހަ އަހަރާއި އަށް އަހަރާ ދޭތެރޭ 2،911 މީހަކަށް ކޮރޮނަރީ އާޓަރީގެ މައްސަލަތައް ދިމާވެފައި ވާއިރު، 796 މީހަކަށް ސްޓްރޯކް ޖެހިފައިވާ ކަމަށެވެ.

މި މައްސަލަތައް ދިމާވި މީހުންގެ މައުލޫމާތު އަޅާކިޔައިގެން ބެލި އިރު ހިތުގެ ބަލިތަކާއި ސްޓްރޯކް ޖެހުން އެންމެ ދަށީ ހެނދުނު 8 އާއި 11 އާ ދެމެދު ކަސްރަތުކުރި މީހުންގެ ކަމަށް ދިރާސާއިން ދައްކަ އެވެ.