Roadha Mihaaru
ހަކުރު ބަލި: ވިސްނާލަން ދެތިން ކަމެއް

ހަކުރު ބަލި: ވިސްނާލަން ދެތިން ކަމެއް

17 އެޕްރީލް 2024

ހަކުރަކީ ހަކުރު ބަލި ޖެހުމަށް މަގުފަހިވާ މައިގަނޑު އެކައްޗެވެ. މާ ގިނައިން ހަކުރު ބޭނުންކުރުމުން ހަކުރު ބަލީގެ މީހަކަށް ވުމުގެ ފުރުސަތު ބޮޑުވެ އެވެ.

ހަފީޒާ އަހުމަދު ހަފީޒާ އަހުމަދު

ހަކުރަކީ ހަކުރު ބަލި ޖެހުމަށް މަގުފަހިވާ މައިގަނޑު އެކައްޗެވެ. މާ ގިނައިން ހަކުރު ބޭނުންކުރުމުން ހަކުރު ބަލީގެ މީހަކަށް ވުމުގެ ފުރުސަތު ބޮޑުވެ އެވެ.

ހަކުރު ބައްޔަކީ ހަށިގަނޑުގައި ހުންނަ ބްލަޑް ޝުގާ ލެވެލް ނުވަތަ ލޭގައި ހަކުރު ހުންނަ މިންވަރު އެއްވަރެއްގައި ނުހިފެހެއްޓުމުން ޖެހޭ ބައްޔަކަށް ކިޔާ ނަމެކެވެ. ލޭގައި ހަކުރު ހުންނަ މިންވަރު އިތުރުވަނީ ޗިސްމޭއިން އިންސިއުލިން އުފައްދާ މިންވަރު މަދުވުމުންނެވެ.

އިންސިއުލިން އަކީ ލޭގައި ހުންނަ ހަކުރު ހަށިގަނޑުގެ ސެލްތަކަށް ވާސިލްކުރުމުގައި އެންމެ މުހިންމު ރޯލެއް އަދާކުރާ ހޯމޯން އެވެ.

ހަށިގަނޑުގައި އިންސިއުލިން އުފައްދާ މިންވަރު މަދުވުމުގެ ނަތީޖާ އަކީ ހިތުގެ ބަލިތަކާއި ނާރުގެ މައްސަލަތައް އަދި ކިޑްނީގެ މައްސަލަތަކާ ކުރިމަތިލާން ޖެހުމެވެ.

ހަކުރު ބަލީގެ ބާވަތްތައް

- ޓައިޕް 1: މި އޮޓޯއިމިއުން ބަލި ޖެހެނީ ދިފާއީ ނިޒާމުން ޗިސްމޭ އަށް ހަމަލާދީ، އިންސިއުލިން އުފެއްދުމުގެ ގާބިލުކަން ނައްތާލުމުންނެވެ.

- ޓައިޕް 2: ޗިސްމޭއިން އެކަށީގެންވާ މިންވަރަށް އިންސިއުލިން އުފެއްދުން ހުއްޓާލުމުވެ. ދުނިޔޭގެ 90 ޕަސެންޓް މީހުންނަށް ޖެހިފައި ވަނީ ޓައިޕް 2 އެވެ.

ހަކުރަކީ ހަކުރު ބައްޔައް ހުރި ނުރައްކަލެއް

ދިރާސާތަކުން ދައްކާ ގޮތުގައި، ކޮންމެ ދުވަހަކު ކެއިންބުއިމުގައި ހަކުރު ހުންނަ ތަކެތި ބޭނުންކުރާ ނަމަ ހަކުރުބަލީގެ ޓައިޕް 2 ޖެހުމުގެ ފުރުސަތު ބޮޑުވެ އެވެ.

ދުނިޔޭގެ 175 ގައުމަކުން އެއްކޮށްފައިވާ ޑޭޓާތަކުން އެނގޭ ގޮތުގައި، އެ ގައުމުތަކުގައި ގިނަ މީހުންނަށް ހަކުރު ބަލި ޖެހިފައި ވަނީ ހަކުރު ހުންނަ ކާބޯތަކެތި އާންމުކޮށް ބޭނުންކުރުމުންނެވެ.

ގިނައިން ހަކުރު ބޭނުންކުރުމުން ހަކުރު ބަލި ޖެހުމުގެ އިތުރުން ބަރުދަން އިތުރުވެ އަދި ހަށިގަނޑުގައި ސަރުބީ ޖަހާ މިންވަރު ވެސް އިތުރުވުމަށް މަގުފަހިވެ އެވެ.

މޭވާއިން ލިބޭ ހަކުރު ތަފާތު

ކެއިންބުއިމަށް އަމިއްލަ އަށް އުފައްދާ ތަކެތީގެ ހުންނަ ހަކުރާއި މޭވާ އަދި ތަރުކާރީގައި ހުންނަ ހަކުރު މުޅިން ތަފާތެވެ. މޭވާ އާއި ތަރުކާރީ އަކީ ފެނާއި ފައިބާ އަދި ހަށިގަނޑަށް ފައިދާކުރާ އެކި މާއްދާތައް އެކުލެވޭ އެއްޗެއްސަށް ވާތީ އޭގެ ސަބަބުން ކާނާ ހަޖަމުކުރުމަށް ފަސޭހަކޮށްދީ، ހަށިގަނޑުގައި ހަކުރު ހުންނަ މިންވަރު މަތިވިޔަ ނުދީ ހިފަހައްޓަ އެވެ.

ޕްރޮސެސް ކޮށްފައި ކާނާ އަށް ވުރެ މޭވާ އާއި ތަރުކާރީން ލިބޭ ހަކުރުގެ ސަބަބުން ބަރުދަން މަތިވިޔަ ނުދީ ހިފަހައްޓައިދެ އެވެ.

ސަމާލުވާން ވާނެ

މާމުޔާއި މެޕްލް ސިރަޕް އަކީ އޭގައި ނެޗުރަލް ޝުގާ ނުވަތަ ގުދުރަތީ ގޮތުން ހަކުރުގެ މާއްދާ އެކުލެވޭ އެއްޗެއްސެވެ. އެއީ ހަކުރު އެކުލެވޭ އެއްޗެއްސަށް ވިޔަސް، ޕްރޮސެސް ކޮށްފައި ހުންނަ ހަކުރަށް ވުރެ ރަނގަޅު ފޮނި އެއްޗެއްސެވެ. މާމުޔާއި މެޕްލް ސިރަޕް ކަހަލަ "ނެޗުރަލް ޝުގާ" އެކުލެވޭ އެއްޗެއްހި ވިއްކާއިރު އެއަށް އިތުރަށް ހަކުރު އަޅައިގެން ވެސް ވިއްކަ އެވެ. އެހެންވެ، އެއީ ވަރަށް ބޮޑަށް ސަމާލުވާން ޖެހޭ ކަމެކެވެ.