Roadha Mihaaru
ކޮންމެ ދުވަހަކު އިރުކޮޅަކު ބާރަށް ހިނގާލަންޖެހޭ

މެދު އުމުރުގެ މީހުން ދުވާލަކު 10 މިނިޓް ނަމަވެސް ބާރަށް ހިނގާލަން ޖެހޭ

25 އޯގަސްޓް 2017

ސިއްހަތު ސަލާމަތުން ތިބުމަށްޓަކައި، މެދު އުމުރުގެ މީހުން ހިނގަން ޖެހޭނީ ބާރަށް ކަމަށް ތަޖުރިބާކާރުން ބުނެފި އެވެ. ތަޖުރިބާކާރުން މިހެން ބުނެފައިވަނީ ހެލިފެލިވެ އުޅުން މަދުވުމުގެ ސަބަބުން އިންސާނުންނަށް ތަފާތު ބަލިތައް ޖެހުން ކަންބޮޑުވާ މިންވަރަށް މަތިވަމުންދާ ދަނޑިވަޅެއްގަ އެވެ.

ފާތުމަތު އަނީސާ ފާތުމަތު އަނީސާ

ސިއްހަތު ސަލާމަތުން ތިބުމަށްޓަކައި، މެދު އުމުރުގެ މީހުން ހިނގަން ޖެހޭނީ ބާރަށް ކަމަށް ތަޖުރިބާކާރުން ބުނެފި އެވެ. ތަޖުރިބާކާރުން މިހެން ބުނެފައިވަނީ ހެލިފެލިވެ އުޅުން މަދުވުމުގެ ސަބަބުން އިންސާނުންނަށް ތަފާތު ބަލިތައް ޖެހުން ކަންބޮޑުވާ މިންވަރަށް މަތިވަމުންދާ ދަނޑިވަޅެއްގަ އެވެ.

ޕަބްލިކް ހެލްތު އިންގްލެންޑްގެ އޮފިޝަލުން ވިދާޅުވަނީ 40 އަހަރަށް ވުރެ މައްޗަށް ދިއުމުން ގިނަ މީހުން ހަރަކާތްތެރިވާ މިންވަރު ދަށަށް ދާކަމަށެވެ. އަދި އުމުރުން 40 އަހަރާއި 60 އަހަރާ ދެމެދުގެ މީހުން ކޮންމެ ދުވަހަކު ވެސް ހަލުވިކޮށް ހިނގައި އުޅުމަށް އޮފިޝަލުން ވަނީ އިރުޝާދު ދީފަ އެވެ.

ދުވާލަކު އެންމެ 10 ވަރަކަށް މިނިޓް ބާރަށް ހިނގާލިޔަސް ބޮޑު ތަފާތެއް ފެންނާނެ ކަމަށް އޮފިޝަލުން ބުނެފައިވެ އެވެ.

އިންގްލެންޑްގެ ސިއްހީ އިދާރާއިން ލަފާކުރާ ގޮތުގައި އެ ގައުމުގެ މީހުންގެ ތެރެއިން އުމުރުން 40 އަހަރާއި 60 އަހަރާ ދެމެދުގެ މީހުންގެ ތެރެއިން ކޮންމެ 10 މީހަކުން ހަތަރު މީހަކު 10 ވަރަކަށް މިނިޓް ވެސް ބާރަށް ހިނގާލަނީ މަހަކު އެއްފަހަރު ނުވަތަ އެއަށް ވުރެ ވެސް މަދުންނެވެ.

މީހުން ހިނގާފައި އުޅޭ ވަގުތު ގިނަ ކުރުމަށް އެހީތެރިވުމުގެ ގޮތުން ސަރުކާރުގެ އެޖެންސީތަކުން މިހާރު ވަނީ އެކްޓިވް 10 ގެ ނަމުގައި ފޯނު އެޕެއް ވެސް ތައާރަފްކޮށްފަ އެވެ. މިއީ ކޮންމެ ދުވަހަކުވެސް ހިނގާ މިންވަރު މޮނިޓާކުރަން ފަސޭހަ އެޕެކެވެ.

ޕަބްލިކް ހެލްތް އިންގްލެންޑްގެ ޑެޕިއުޓީ މެޑިކަލް ޑައިރެކްޓަރު ޑރ. ޖެނީ ހެރީސް ވިދާޅުވީ ދިރިއުޅުމުގައި ކުރަން ޖެހޭ ކަންތައްތަކަށް އިސްކަން ދީފައި ދެން ކަސްރަތު ކުރާނެ ވަގުތެއް ގިނަ މީހުންނަކަށް ނުލިބެ އެވެ. އެހެންވެ ކަސްރަތު އޮންނަނީ އަބަދުވެސް ފަހުން ކުރަން ބާއްވަމުން ގޮސް ނުކުރެވި އެވެ. ނަމަވެސް ލަންޗް ބްރޭކަށް ނުކުންނަ ގަޑީގަޔާއި ފިހާރަތަކަށް އެއްޗެހި ގަންނަން ދާއިރު ދުއްވާ އެއްޗެއްގައި ދިއުމުގެ ބަދަލުގައި ހަރުކޮށް ހިނގާފައި އުޅުމަށް އޭނާ އިރުޝާދު ދެއްވި އެވެ.