Roadha Mihaaru
މަރާޔާ އަކީ އެންމެ ދިގު އަންހެން ބޮޑީ ބިލްޑަރު

މަރާޔާ އަކީ އެންމެ ދިގު އަންހެން ބޮޑީ ބިލްޑަރު

23 އޮކްޓޯބަރ 2021

މީގެ ދުވަސްކޮޅެއް ކުރިން އަހަރެމެން ދެއްކީ ދުނިޔޭގެ އެންމެ ކުރު ފިރިހެން ބޮޑީ ބޮލްޑަރުގެ ވާހަކަ އެވެ. އެއީ އިސްކޮޅުގައި ތިން ފޫޓް ހަތަރު އިންޗި (103 ސެންޓިމީޓަރު) ހުރި އިންޑިއާގެ ޕްރަތީކް މޯހިތީ، 25، އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މީގެ ދުވަސްކޮޅެއް ކުރިން އަހަރެމެން ދެއްކީ ދުނިޔޭގެ އެންމެ ކުރު ފިރިހެން ބޮޑީ ބޮލްޑަރުގެ ވާހަކަ އެވެ. އެއީ އިސްކޮޅުގައި ތިން ފޫޓް ހަތަރު އިންޗި (103 ސެންޓިމީޓަރު) ހުރި އިންޑިއާގެ ޕްރަތީކް މޯހިތީ، 25، އެވެ.

މި ފަހަރު އޭނާގެ ވާހަކަ ދޫކޮށްލައި، ދައްކަން އޮތީ އިސްކޮޅުން އެންމެ ދިގު އަންހެން ބޮޑީ ބިލްޑަރުގެ ވާހަކަ އެވެ. މިއީ ނެދަލެންޑްސްތގެ މަރާޔާ ވެޓެލް، 41، އެވެ. ވަރުގަދަ ހަށިގަނޑެއްގެ ވެރި މި ބޮޑީ ބިލްޑަރުގެ އިސްކޮޅަކީ 5 ފޫޓް 11.92 އިންޗި (182.7 ސެންޓިމީޓަރު) އެވެ. އެ އިސްކޮޅާ ހެދި މަރާޔާ ވަނީ އެންމެ ދިގު އަންހެން ބޮޑީ ބިލްޑަރުގެ ގިނިސް ވޯލްޑް ރެކޯޑް ވެސް ކަށަވަރުވެފަ އެވެ.

އާންމުކޮށް ނެދަލެންޑްސްގެ އިތުރުން ގްރީސްގައި ދިރިއުޅޭ މަރާޔާ ބުނި ގޮތުގައި ކުޑައިރުގެ ދުވަސްވަރު އެންމެ ބޮޑަށް އުޅެވުނީ ފުޓްބޯޅައިގެ ތެރޭގަ އެވެ. އެކަމަކު ބޮޑީ ބިލްޑިން އަށް ހިތްޖެހި، އެކަމުގެ ތެރެއަށް ދާން ޝައުގުވެރިކަން އުފެދުނީ އުމުރުން 19 އަހަރުގައި ކަމަށް ބުންޏެވެ.

މަރާޔާ އެންމެ ފުރަތަމަ މުބާރާތެއްގައި ބައިވެރިވީ 2005 ގަ އެވެ.

އޭނާ ކިޔައިދިން ގޮތުގައި އަބަދު ވެސް ބޭނުންވީ އާންމުންގެ ތެރޭގައި ކޮންމެވެސް ގޮތަކުން ފާހަގަ ކޮށްލެވޭ މީހަކަށް ވުމަށެވެ.

"އެގޮތުން އަހަންނަށް ގަބޫލު ކުރެވުނީ ވެއިޓް ޓްރެއިނިން އާއި ފިޓްނެސް ދާއިރާ އިން އަހަންނަށް ކޮންމެވެސް ވަރެއްގެ ބަދަލެއް ގެނެސްދެވިދާނެ ކަމަށް." މަރާޔާ ބުންޏެވެ.

އޭނާ ބުނި ގޮތުގައި އަންހެނަކަށް ބޮޑީ ބިލްޑިން އަކީ ފަސޭހަކަމެއް ނޫނެވެ. އަދި މި ހިސާބަށް އައި އިރު ވަރަށް ގިނަ ގޮންޖެހުންތަކާ ޖުރިމަތިލާން ޖެހުނު ކަމަށް ބުންޏެވެ.

"އެެއް ކަމަކަށް އަންހެނުން މިކަހަލަ ކަމެއްގައި އުޅޭތީ އާންމުން ދެކޭ ގޮތް ވަރަށް ތަފާތު. އަދި އަހަރެންގެ ކެރިއަރަށް ބަލައިފި ނަމަ އަންހެނުން އެހެން ބޮޑީ ބިލްޑަރުންނާ ބަލާފައި ތަންކޮޅެއް އިސްކޮޅުން ދިގުވުމަކީ ވެސް ޗެލެންޖެއް،" މަރާޔާ ބުންޏެވެ. "އަހަރެންގެ އިސްކޮޅާ ހެދި ބައެއް ފަހަރު އެބަހުރި މުބާރާތްތަކުގައި ވާދަކޮށް ޖަޖް ނުކޮށް ދިޔަ ފަހަރުތަކާ ދިމާވެފައި ވެސް."

އޭނާ ބުނި ގޮތުގައި އެވެރެޖް އަންހެނެއްގެ އިސްކޮޅަށް ވުރެ ދިގުވުމަކީ އަމިއްލައަކަށް ކުރި ކަމެއް ނޫނެވެ.

"މިއީ ޖެނެޓިކަލީ އަހަރެންގެ ހުރި ސިފައެއް. އެހެންވީމަ އެކަމެއް ބަދަލެއް ނުކުރެވޭނެ." މަރާޔާ ބުންޏެވެ.

އޭނާ ބުނީ އެންމެ އުފާވަނީ ބޮޑީ ބިލްޑިންއާ އެކު ދުޅަހެޔޮ، ހަށިހެޔޮ ލައިފްސްޓައިލެއްގެ ތެރޭގައި އުޅެވޭތީ އެވެ. މަރާޔާ އަށް ކަސްރަތަކީ އަބަދު ވެސް ކޮންމެ ދުވަހެއްގެ މުހިއްމު ބައެކެވެ. ހަމަމިއާ އެކު ސިއްހަތަށް ރަނގަޅު ކާނާ ކެއުމަކީ އޭނާ އަބަދު ވެސް ވަރަށް ބޮޑަށް ބަލާ ކަމެކެވެ.

"އަހަރެންގެ ހަފުތާގެ ރޫޓިން އަށް ބަލާ އިރު ހަފުތާއަކު ފަސް ދުވަހު ޖިމްގައި ވެއިޓް ޓްރެއިނިން ހަދަން. އަދި ފަސް ދުވަހު ބައި ގަޑިއިރާއި އެއް ގަޑިއިރާ ދެމެދުގެ ވަގުތަކަށް ކާޑިއޯ ހަދަން." މަރާޔާ ބުންޏެވެ.

އޭނާ ބުނި ގޮތުގައި ކަސްރަތާއި ފިޓްނެސްގެ ތެރޭގައި އުޅުމަކީ މީހާ ވަރަށް ބޮޑަށް ޑިސިޕްލިން ކޮށްދޭ ކަމެކެވެ. އެހެންވެ މިކަން ދުވަހަކު ވެސް ދޫކޮށް ނުލާނެ ކަމަށް ބުންޏެވެ.

"ދެން ވަރަށް އުފާވި މިކަމުގެ ތެރޭގައި އުޅެނިކޮށް އަހަރެންގެ ނަން ރެކޯޑް ފޮތަށް އެރީމަ،" މަރާޔާ ބުންޏެވެ. "އެކަމަކު ރެކޯޑް ލިބުނުކަން އެނގުމަކީ ވަރަށް ބޮޑު ސަޕްރައިޒެއް. އުންމީދު ވެސް ކުރި ކަމެއް ނޫން މިއީ. އެކަމަކު މިއީ އަހަރެން ކަހަލަ އަންހެން ބޮޑީ ބިލްޑަރަކަށް ހަމަ ވަރަށް ހާއްސަ ރެކޯޑެއް."

މި ވަގުތު ދުނިޔޭގައި ހުރި އެންމެ ދިގު ފިރިހެން ބޮޑީ ބިލްޑަރަކީ މަޔާރާގެ ވަރަށް ގާތް އެކުވެރިއެއް ކަމަށްވާ ނެދަލެންޑްސްގެ އޮލީވިއާ ރިކްޓާސް އެވެ. އޭނާގެ އިސްކޮޅަކީ 7 ފޫޓް 19 އިންޗި (218.3 ސެންޓިމީޓަރު) އެވެ.