Roadha Mihaaru
މިހާރު ބުނަނީ ރޭގަނޑު ކޮފީން ނިދަން އުނދަގޫނުވާކަމަށް

އާ ދިރާސާއެއްގައި ބުނަނީ ރޭގަނޑުގެ ކޮފީން ނިންޖަކަށް އަސަރު ނުކުރާ ކަމަށް

09 އޯގަސްޓް 2019

މީގެ ކުރިން ހަދާފައިވާ ބައެއް ދިރާސާތަކުގައި ބުނެފައިވާ ގޮތުގައި ރޭގަނޑު ނިދަން ކައިރިކޮށްފައި ކޮފީ ބޯ ނަމަ ނިދަން އުނދަގޫވެ އެވެ. އަދި ކޮފީ ބޮއެގެން ނިދަން އަރައިފި ނަމަ، މުޅި ހަތަރުދަމު ހޭލާ އޮންނަން ޖެހުމަކީ ބައެއް މީހުންނަށް ތަޖުރިބާ ވެސް ކުރަން ޖެހޭ ކަމެކެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މީގެ ކުރިން ހަދާފައިވާ ބައެއް ދިރާސާތަކުގައި ބުނެފައިވާ ގޮތުގައި ރޭގަނޑު ނިދަން ކައިރިކޮށްފައި ކޮފީ ބޯ ނަމަ ނިދަން އުނދަގޫވެ އެވެ. އަދި ކޮފީ ބޮއެގެން ނިދަން އަރައިފި ނަމަ، މުޅި ހަތަރުދަމު ހޭލާ އޮންނަން ޖެހުމަކީ ބައެއް މީހުންނަށް ތަޖުރިބާ ވެސް ކުރަން ޖެހޭ ކަމެކެވެ.

އެކަމަކު އާ ދިރާސާއަކުން ދައްކަނީ މީގެ އިދިކޮޅެވެ.

ސްލީޕް ޖާނާލްގައި ޝާއިއުކޮށްފައިވާ ފްލޮރިޑާ އެޓްލާންޓިކް ޔުނިވަސިޓީ އާއި ހާވަޑް މެޑިކަލް ސްކޫލްގެ ދިރާސާގައި ބުނި ގޮތުގައި ނިދުމާ ކައިރިކޮށްފައި ކޮފީ ބުއިމަކީ ނިދުމަށް އެއްވެސް ކަހަލަ ނޭދެވޭ އަސަރެއް ކުރާ ކަމެއް ނޫނެވެ. އެކަމަކު ސިނގިރެޓް ކަހަލަ ނިކޮޓިން އެކުލެވޭ އެއްޗެހި ނިދަން ކައިރިކޮށްފައި ބޭނުންކުރާ ނަމަ އޭގެ ސަބަބުން ނިދަން އުނދަގޫވާ ކަމަށް ބުންޏެވެ.

ދިރާސާ ހެދި ޓީމުން ވަނީ ރޭގަނޑު ކެފެއިން އާއި ނިކޮޓިންގެ އިތުރުން ބަނގުރާ ކަހަލަ ބާވަތްތައް ބޭނުން ކުރުމުން ނިދުމަށް ކުރާ އަސަރު ދެނެގަތުމަށް 785 މީހެއްގެ ރެކޯޑް 5،164 ދުވަސް ވަންދެން މޮނިޓާކޮށްފަ އެވެ.

އެ މީހުންގެ ރެކޯޑްތައް އެނަލައިޒް ކުރި އިރު، ނިކޮޓިން އާއި މަސްތުވާ އެއްޗެހި ބޭނުން ކުރުމުން ނިދަން އުނދަގޫވާކަން ހާމަވެފައިވާ އިރު، އެފަދަ މީހުން ނިދަން އޮށޯންނަތާ މަދުވެގެން 42 މިނިޓް ނިދެން ނަގަ އެވެ. އަދި ވަކިން ހާއްސަކޮށް ކަޅު އޮފީ އާއި ސިނގިރެޓް ބޮއެގެން ނިދަން އަރައިފި ނަމަ ނިދި ހަރާބުންވުމުގެ ފުރުސަތު ބޮޑު ކަމަށް ދިރާސާގައި ބުންޏެވެ.

އެކަމަކު ކެފެއިން އެކުލެވޭ ކޮފި އާއި ސައި ފަދަ ބުއިންތަކުން ނިދުމަށް އެއްވެސް އަސަރެއް ކުރާ ކަމަކަަށް ނުދައްކަ އެވެ.

އެކަމަކު ދިރާސާގައި ފާހަގަކޮށްފައިވާ ގޮތުގައި އެކަހަލަ ބުއިންތަކަށް "ސެންސެޓިވް" މީހުން ރަނގަޅީ ނިދުމާ ކައިރިކޮށްފައި ކޮފީ އާއި ސަޔާ ދުރުމެވެ.

"އެކި މީހުންނަށް ކެފެއިން ކުރާ އަސަރު ތަފާތުވޭ. އަދި އަސަރު ކުރާ ހާލަތާއި ވަގުތަށް ވެސް ތަފާތުވޭ. އެހެންވެ މީގައި އެންމެ މުހިއްމު ކަމަކީ ކެފެއިން އެކުލެވޭ ބުއިންތަކަށް ސެންސިޓިވް މީހުން ނިދުމާ އެހާ ކައިރިކޮށްފައި ކޮފީ ނުބުއިން،" ދިރާސާ އަށް އިޝާރާތް ކުރައްވައި ސްލީޕް އެކްސްޕާޓް ޑރ. ނީލް ސްޓޭންލީ ވިދާޅުވި އެވެ.