Roadha Mihaaru
މަދުން ނިދާ ނަމަ ހަކުރާއި ކެފެއިން ގިނައިން ބޭނުންކުރޭ

މަދުން ނިދާ މީހުން ހަކުރާއި ކެފެއިން ގިނައިން ބޭނުންކުރޭ

20 ނޮވެމްބަރ 2016

ރަނގަޅަށް ނިދާ މީހުން ކެފެއިން އާއި ހަކުރު ހުންނަ ބުއިންތައް ބޭނުންކުރާ މިންވަރު މަދު ކަމަށް ދިރާސާއެއްގައި ބުނެފި އެވެ.

ނިއުމަތުﷲ އިދުރީސް ނިއުމަތުﷲ އިދުރީސް

ރަނގަޅަށް ނިދާ މީހުން ކެފެއިން އާއި ހަކުރު ހުންނަ ބުއިންތައް ބޭނުންކުރާ މިންވަރު މަދު ކަމަށް ދިރާސާއެއްގައި ބުނެފި އެވެ.

ސެން ފްރެންސިސްކޯގެ ޔުނިވަސިޓީ އޮފް ކެލިފޯނިއާގެ ދިރާސާގައި ބުނެފައި ވަނީ ހަކުރާއި އަދި ކެފެއިން ހުންނަ ބުއިންތައް ގިނައިން ބޭނުންކުރުމުން ލިބޭ ސިއްހީ ގެއްލުންތައް ކުޑަކުރުމަށް، މިފަދަ ބުއިންތައް މަދުކޮށްލަން ބޭނުން ނަމަ ރަނގަޅަށް ނިދުން މުހިންމު ކަމަށެވެ.

ދިރާސާ ޓީމުން މިހެން ބުނެފައި ވަނީ އެމެރިކާގެ 19،000 މީހެއްގެ މައުލޫމާތު އެއްކޮށްގެން ކުރި ދިރާސާއަކަށް ފަހުގަ އެވެ. އެ ދިރާސާއިން އެނގުނު ގޮތުގައި ރެޔަކު ފަސް ގަޑިއިރު ނުވަތަ އެއަށް ވުރެ މަދުން އާންމުކޮށް ނިދާ މީހުން، ރެޔަކު އަށް ގަޑިއިރަށް ވުރެ ގިނައިން ނިދާ މީހުންނާ އަޅާބަލާއިރު ފޮނި އަދި ކެފެއިން ހުންނަ، ސޮޑާ އާއި އެނާޖީ ޑްރިންކް ފަދަ ތަކެތި ބޯ މިންވަރު 21 ޕަސެންޓް އިތުރު ކަމަށެވެ.

އާންމުކޮށް ރެޔަކު ހަ ގަޑިއިރު ނިދާ މީހުން، ފޮނި އަދި ކެފެއިން ހުންނަ ބުއިންތައް ބޭނުންކުރާ މިންވަރު 11 ޕަސެންޓް އިތުރު ކަމަށް ވެސް ދިރާސާއިން ދެއްކި އެވެ.

ދިރާސާ ޓީމުން ބުނީ ނިދުމާ، ކެފެއިން އަދި ހަކުރު ހުންނަ ބުއިންތަކާ ގުޅުން ހުރި ކަމަށް ދިރާސާއިން ދެއްކި ނަމަވެސް ނިދި މަދުވަނީ މިފަދަ ބުއިންތަކުގެ ސަބަބުން ކަމެއް ބުނަން ނޭނގޭ ކަމަށެވެ. އަދި މަދުން ނިދުމުން ކެފެއިން އާއި ހަކުރު ހުންނަ ބުއިންތައް ބޯހިތްވަނީ ކީއްވެގެން ކަމެއް ވެސް ދިރާސާއިން ކަށަވަރު ނުވާ ކަމަށް ބުނެފައިވެ އެވެ. ކުރީގެ ބައެއް ދިރާސާތަކުގައި ބުނެފައި ވަނީ މި ދެ ހާލަތު ވެސް ދިމާވުން އެކަށީގެންވާ ކަމަށެވެ.

މި ދިރާސާއިން، ޖޫހައި ސައިގެ ސަބަބުން ނިންޖަށް އަސަރުކުރާ ކަމަކަށް ނުދައްކަ އެވެ. މި ދިރާސާ މިހާރު ވަނީ ސްލީޕް ހެލްތު ޖާނަލްގެ މި މަހުގެ ނުވަ ވަނަ ދުވަހުގެ އަދަދުގައި ޝާއިއުކޮށްފަ އެވެ.