Roadha Mihaaru
ނިދި މަދުވެއްޖެ ނަމަ ރުޅިގަދަވޭ

ނިދި މަދުވެއްޖެ ނަމަ ރުޅިގަދަވޭ

30 ނޮވެމްބަރ 2018

އެންމެ ދެ ގަޑި އިރުގެ ނިދި މަދުވިޔަސް، ރުޅި ގަދަވެ، އަދި އަމުދުން ބޮލަށް އުނދަގޫވާ ކަހަލަ ކަމެއް ކުރިމަތިވާ ނަމަ ރުޅި މައްޗަށް ދާކަން އާ ދިރާސާއަކުން އެނގިއްޖެ އެވެ. މިއީ ނިދި މަދުވުމުގެ ސަބަބުން ރުޅި އަންނަކަމުގެ ހެކި ފުރަތަމަ ފަހަރަށް ހޯދި އެއް ދިރާސާ އެވެ.

އާސިޔަތު މުހައްމަދު ސައީދު އާސިޔަތު މުހައްމަދު ސައީދު

އެންމެ ދެ ގަޑި އިރުގެ ނިދި މަދުވިޔަސް، ރުޅި ގަދަވެ، އަދި އަމުދުން ބޮލަށް އުނދަގޫވާ ކަހަލަ ކަމެއް ކުރިމަތިވާ ނަމަ ރުޅި މައްޗަށް ދާކަން އާ ދިރާސާއަކުން އެނގިއްޖެ އެވެ. މިއީ ނިދި މަދުވުމުގެ ސަބަބުން ރުޅި އަންނަކަމުގެ ހެކި ފުރަތަމަ ފަހަރަށް ހޯދި އެއް ދިރާސާ އެވެ.

އެމެރިކާގެ އަޔޯވާ ސްޓޭޓް ޔުނިވާސިޓީގެ މި ދިރާސާގައި އިސްކޮށް ހުންނެވި ޕްރޮފެސަރު ޒްލަޓާން ކްރިޒާން ފާހަގަކުރެއްވި ގޮތުގައި ނިންޖާއި ރުޅިއާ ދެމެދު ގުޅުމެއް ވާ ކަން އެހެން ދިރާސާތަކުން އެނގިފައި އޮތަސް، ރުޅިއަންނަނީ ނިދި މަދުވުމުގެ ސަބަބުންތޯ ނުވަތަ ނިދަން އުނދަގޫވަނީ ރުޅީގެ ސަބަބުންތޯ އޮތީ ސުވާލު އުފެދިފަ އެވެ. "ޖާނަލް އޮފް އެކްސްޕެރިމެންޓަލް ސައިކޮލޮޖީ: ޖެނެރަލް"ގައި ޝާއިއުކޮށްފައިވާ މި އާ ދިރާސާ އިން އެ ސުވާލުތަކަށް ޖަވާބު ލިބުމުގެ އިތުރުން، ވަރުބަލިކަމުގައި ހުއްޓާ ބޮލަށް އުނދަގޫވާ ޒާތުގެ ކަމެއް ދިމާވެއްޖެއްޔާ އެ ކަމަކަށް ހޭނިގަތުމުގެ ގާބިލްކަން އަހަރެމެންގެ ކިބައިގައި ހުރި މިންވަރާ ބެހޭ ގޮތުން ވެސް ކަންތައްތަކެއް އެނގިފައިވާކަން ޕްރޮފެސަރު ފާހަގަކުރެއްވި އެވެ.

ދިރާސާގައި، ހަމަ ނިދި ނުލިބޭ މީހުންގެ ކިބައިން ފާހަގަކުރެވުނީ ރުޅި މައްޗަށް ދިޔުމާއި އުނދަގޫވާލެއް ބޮޑުވެގެން އުޅޭ ކަމެވެ. އަދި ގިނަ އިރު ވާވަރަކަށް، ހިތްހަމަނުޖެހޭ ކަންކަމަށް ހޭނުމުގެ ގާބިލްކަން ނެތިގެންދާ ކަމެވެ.

ދިރާސާގެ ބައިވެރިން ދެ ގްރޫޕަކަށް ބަހާލައި އެއް ގްރޫޕުގެ މީހުން ދެ ރޭ ނިންދެވީ އެ މީހުން އާއްމުކޮށް ނިދާ އުޅޭ ވަގުތު ހަމަވަންދެނެވެ. އެއީ ރެއަކު ގާތްގަނޑަކަށް ހަތް ގަޑި އިރެވެ. އަނެއް ގްރޫޕުގެ މީހުން ނިންދެވީ 2-4 ގަޑި އިރު މަދުންނެވެ. އެހެންވެ ދެވަނަ ގްރޫޕުގެ މީހުންނަށް ރެއަކު ލިބިފައި ވަނީ ހަތަރު ގަޑިއިރާއި ބައިގެ ނިންޖެވެ. ކްރަޒާން ފާހަގަކުރެއްވި ގޮތުގައި އާއްމު ދިރިއުޅުމުގައި މީހުން ނިދައި އުޅޭ ވަގުތުގެ ފަރަގު ވެސް ހުންނަނީ މި ވަރަށެވެ.

ދިރާސާގެ ބައިވެރިން ނިދުމުގެ ކުރިންނާއި ފަހުން ލެބޯޓްރީ އަށް ގެންގޮސްގެން އެ މީހުން ލައްވައި އެކި ކަހަލަ ޕްރޮޑަކްޓްތައް ރޭޓްކުރުވީ ބޮލަށް އުނދަގޫވާ ޒާތުގެ އަޑުތައް އިއްވަމުންނެވެ. އޭގެ ބޭނުމަކީ އެ މީހުން ރުޅިއެރުވުމެވެ.

ދިރާސާވެރިންނަށް އެނގުނީ މަދުން ނިދި މީހުން ރުޅިގަދަވިލެއް ބޮޑު ކަމެވެ. އިއްވި އަޑަށް ބަދަލު ގެނައުމުން ވާ ގޮތް ބެލި އިރު، ބޮލަށް އުނދަގޫވާލެއް ބޮޑުވި ވަރަކަށް ރުޅި ވެސް މައްޗަށް ދިޔަ އެވެ. އެކަމަކު އަޑު ކޮންމެ ގޮތަކަށް ހުއްޓަސް، މަދުން ނިދި މީހުންގެ ރުޅި އެހެން މީހުންނަށް ވުރެ ގަދަ އެވެ.